އައްޑު އަތޮޅުގެ ނަން އެ ރަށަކަށް ނިސްބަތްވާކަމަށް ބުނެވޭ "އައްޑޫ" އެވެ ކިޔުނު ކުޑަ ފަޅުރަށެއް، މީގެ ބައިގަރުނު ކުރީން އައްޑު އަތޮޅުގައި އޮތެވެ. އަތޮޅުގެ ނަން ނިސްބަތްވަނީ މި ދެންނެވި "އައްޑޫ"ގެ ނަމަށް ކަމުގައި ވީނަމަވެސް، ތާރީޚީ ލިޔުންތަކުގައި މި ވާހަކަ ސާފުކޮށް ލިޔެވިފައިވާކަން އެނގޭކަށް ނެތެވެ. ހައްތަހާވެސް އިވެމުން އައިސްފައިވަނީ ދޫދޫމަތީން މި ވާހަކަ ކޮންމެވެސް ވަރަކަށް ކިޔަމުން އަންނަ އަޑެވެ. ކޮންމެއަކަސް މިދެންނެވި އައްޑޫއެވެ ކިޔުނު ރަށަކީ، ކުޑަ ފަޅުރަށެއް ކަމުގައި ވިޔަސް، ވަރަަށް ޚާއްސަ ރަށެއް ކަމުގައި ބަލާންޖެހެއެވެ. ޖޯގްރަފީ ގޮތުންނާއި ތާރީޚީ ގޮތުންނެވެ. ޖޯގްރަފީ ގޮތުން ޚާއްސަވަނީ ޖޯގްރަފީ ގޮތުން ޚާއްސަ ޕޮއިންޓެއްގައި ރަށް އޮތުމެވެ. އާދެ، ދިވެހިރާއްޖޭގެ އެންމެ ދެކުނަށް އޮތް ރަށަށް ވުމެވެ. މިހާރު ދިވެހިރާއްޖޭގެ އެންމެ ދެކުނު ކަމަށް ފާހަގަކޮށްފައިވަނީ ގަމުގެ ފާޒަލް ރޯޑް އެވެ ކިޔާ ސަރަހައްދުގެ އެންމެ ދެކުނު ޕޮއިންޓުގައެވެ. އެތާގައި "ސަދަރން މޯސްޓް ޕޮއިންޓް އޮފް މޯލްޑިވްސް" ގެ ނަމުގައި ލޭންޑްމަރކް މޮނިއުމެންޓެއް ވެސް މިހާރު ހަދާފައިވެއެވެ. ފާޒަލް ރޯޑަކީ، ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު، ގަމުގައި އުފެދޭ ކުނި އަޅަމުންދިޔަ ސަރަހައްދެވެ. އެއީ ގަމުގެ ދެކުނު ފަރާތުން ފަރުމައްޗަށްވާ ގޮތަށް ބޭރަށް އޮތް ސަރަހައްދެކެވެ. މިހާރު އެ ސަރަހައްދު ވަނީ ގަމާ ގުޅުވައިގެން ބިން ހިއްކައިގެން، އެމްއެންޑީއެފުގެ ބޭނުމަށް ތަރައްގީކޮށްފައެވެ. ދެ ހާސް ނުވަ ސަތޭކަ އަކަމީޓަރގެ މިސަރަހައްދު މިހާރު ފެންނަނީ ގަމުގެ ދެކުނުން ބޭރަށް ނިކުމެފައިވާ ތަނޑިއެއްގެ ސިފައިގައެވެ. އެހެންވީމާ މިހާރު އެއީ އައްޑު އަތޮޅުގެ އެންމެ ދެކުނު ތަނޑިއެވެ. އަދި ދިވެހިރާއްޖޭގެ އެންމެ ދެކުނު ތަނޑި ވެސް މެއެވެ. ގައުމުތަކުގެ ހިކިފަސް ބިމުގެ އެންމެ ދެކުނު ނުވަތަ އެންމެ އުތުރު އަދި އެހެންމެ އެންމެ އިރުމަތި ނުވަތަ ހުޅަނގު ޕޮއިންޓުތަކަކީ ވަރަށް ޚާއްސަ ޕޮއިންޓުތަކެވެ. އެފަދަ ޕޮއިންޓުތަކުގައި ޚާއްސަ ލޭންޑްމާރކް މޮނިއުމެންޓް ތަރައްގީކޮށް ޓޫރިސްޓް އެޓްރެކްޝަން ތަކުގެ ގޮތުގައި ބޭނުންކުރެެއެވެ.
އައްޑު އަތޮޅުގެ"އައްޑޫ" ތާރީޚީ ގޮތުން ޚާއްސަވަނީ ދިވެހިރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން ބަޔާންކޮށްފައިވާ އެންމެ ދުވަސްވީ ތާރީޚީ ލިޔުންތަކުގައި "އައްޑޫ" ގެ ނަން އޮތުމެވެ. ޚާއްސަކޮށް ރަސްރަސްކަލުންގެ ފަތްކޮޅުތަކުގައި، ދިވެހިރާއްޖޭގެ ސަރަހައްދަކީ، މަލިކައްޑޫ ނުވަތަ ކެލައްޑޫ މިދެމެދުގައިވާހައި ތަންތަން މިހެން ލިޔެފައި އޮތުމެވެ. "މަލިކައްޑޫ މިދެމެދު އެކު އޮންނައިކޮށު އަނެކުންނަށް ނެތީކޮށު" މާނައަކީ އެދެމެދުން އެހެން ބަޔަކަށް ނުވަތަ އެހެން ބާރަކަށް ރަށެއް، ފަރެއް އަދި ފަޅެއްވެސް ނެތީއެވެ. މިއީ ދިވެހި ވެރިކަމުގެ ފަރާތުން ދިވެހިރާއްޖޭގެ ސަރަހައްދު ކަނޑައަޅައި ބަޔާންކޮށްފައިވާ އެންމެ ކުރީގެ ރަސްމީ ލިޔުމެވެ. އާދެ، ދިވެހިރާއްޖޭގެ ސިޔާދަތީ ސަރަހައްދު ނުވަތަ ޓެރިޓަރީގެ މައްޗަށް އެންމެ ކުރީން އުފުލާފައިވާ އެންމެ ޒަމާންވީ ދަޢުވާއެވެ. މިއީ ސީދާ މައުޒޫއާގުޅޭ ވާހަކައަކަށް ނުވިޔަސް މިތާގައި މިވާހަކަކޮޅު ގެނެސްދިނީ، އައްޑޫއެވެ ކިޔުނު ރަށުގެ ނަން ހިމެނިފައިވަނީ ކިހައި މުހިއްމު ތާރީޚީ ލިޔުމެެއްގައިކަން ބަޔާންކުރުމުގެ ގޮތުންނެވެ. މަލިކައްޑޫ ނުވަތަ ކެލައްޑޫ، މި ބަހުގައި އެކުލެވޭ އައްޑޫގެ ނަމާމެދު އާއްމުކޮށް ގިނަ ބަޔަކަށް ވިސްނިފައިވަނީ، ހަމައެކަނި އައްޑޫ އަތޮޅަށް ނިސްބަތްކޮށްފައިވާ ނަމެއްގެ ގޮތުގައެވެ. އެހެންނަމަވެސް، އެއީ އައްޑު އަތޮޅުގެ އެންމެ ދެކުނުގައި ކުރީން އޮތް އައްޑޫއެވެ ކިޔުނު ކުޑަ ފަޅުރަށަށް ނިސްބަތްކޮށް ބުނާބުނުމެއް ކަމަށް ތާރީޚީ ގިނަ ޢިލްމުވެރިން ބުރަވެއެވެ.
މަތީގައި ދެންނެވިހެން ޖޯގްރަފީ ގޮތުންނާއި ތާރީޚީ ގޮތުން ޚާއްސަ ތަނެއް ކަމަށް ނުވަތަ ރަށެއް ކަމަށް ފާހަގަކުރާންޖެހޭ އައްޑު އަތޮޅުގެ "އައްޑޫ" ކޮބައިހެއްޔެވެ؟ އެ ފަޅުރަށް އޮތީ އަސްލު ކޮންތާކުހެއްޔެވެ؟ އެފަދަ ޚާއްސަ ކަމެއް އޮތް ރަށެއްގެ ވާހަކަ ތާރީޚީ ފަތްފުށްތަކުގައި ތަފްސީލްކޮށް ލިޔެފައި ނެތީ ކީއްވެހެއްޔެވެ؟ ހަމައެހެންމެ މި ފަހުގެ ލިޔުންތެރިން ވެސް ލިޔެފައި ނެތީ ކީއްވެހެއްޔެވެ؟ އައްމުކޮށް ފެންނަންހުރި އައްޑޫ އަތޮޅުގެ ކުރީގެ ޗާޓްތަކުން ވެސް "އައްޑޫ" ނުފެންނަނީ ކީއްވެގެންހެއްޔެވެ؟ އެ ރަށް ވުޖޫދުން ގެއްލިގެން ގޮސްފައިވަނީ ކިހިނަކުން ހެއްޔެވެ؟ މިހުރިހައި ސުވާލުތައް ހިތުގައި އުފެދުމާއެކު ހިތަށް އަންނަނީ، އެއީ ދުވަހަކުވެސް ނުވެސް ހައްދަވާ ފަދަ ރަށަކީ ހެއްޔެވެ؟ އެހެންކަމުން އެފަދަ ރަށެއްގެ ވާހަކަ ލިޔަންވީ ވެސް ކީއްކުރަން ހެއްޔެވެ؟ އަދި އެފަދަ ރަށެއްގެ ވާހަކަ ލިޔައިފިނަމަ "އެޓްލާންޓިސް" ނަމަކަށް ކިޔުނު ސަހަރުގެ ވާހަކަ ފަދަ ފުލޯކު ވާހަކައަކަށް ނުވާނެ ބާވައެވެ. މި ދެންނެވީ، އެޓްލާންޓިސް އެވެ ކިޔުނު ބޮޑު ސަހަރެއް، އެޓްލާންޓިކު ކަނޑުގެ އަޑިއަށް ގެނބިފައިވާ ކަމަށް، ލިޔެވިފައިވާ ފުލޯކު ވާހަކައެކެވެ. މިކަހަލަ ހާސަރު ތަކެއްގައި ސިކުނޑި އެނބުރެމުން ދަނިކޮށް ދިވެހިރާއްޖޭގެ ހުރިހާ ރަށްތަކުގެ ނަންތައް ހިމެނޭ ނަން ފޮތެއް އަތުގައި ޖެހިއްޖެއެވެ. އެ ފޮތުގެ ނަމަކީ "އެން އެޓިމޮލޮޖިކަލް ޑިކްޝަނަރީ އޮފް މޯލްޑިވިއަން އައިލޭންޑް ނޭމްސް" މިއެވެ. މި ފޮތަކީ، ދިވެހިރާއްޖޭގެ ނޭޝަނަލް ސެންޓަރ ފޯރ ލިންގުއިސްޓިކު އެންޑް ހިސްޓޮރިކަލް ރިސަރޗުގެ ފަރާތުން، 2008 މ. އަހަރު ނެރެފައިވާ ފޮތެކެވެ. މި ފޮތުގައި ހުރި ދިވެހިރާއްޖޭގެ ރަށްތަކުގެ ނަން ލިސްޓުގެ ފުރަތަމަ ސަފްހާގައި ދިހަވަނައަށް އޮތްވާ މި ފެނުނީ ނިޒާމުން ގެއްލިގެން ގޮސްފައިވާ އައްޑު އަތޮޅުގެ "އައްޑޫ" އެވެ ކިޔުނު ރަށުގެ މަޢުލޫމާތުކޮޅެކެވެ. ފޮތުގައި ހުރި އެހެން ރަށްރަށުގެ ކުޑަ ތަޢާރަފެއް ލިޔެފައި ހުރިގޮތަށް އައްޑޫއެވެ ކިޔުނު ރަށުގެ ތަޢާރަފެއް ވެސް ލިޔެފައިވެއެވެ. މިހައި ހިސާބުން "އައްޑޫ"އާ ބެހޭ އިތުރު މަޢުލޫމާތު ކޮޅެއް ހޯދައިގެން މަޒުމޫނެއް ލިޔުމުގެ ޝައުގުވެރިކަން އަޅުގަނޑުގެ ހިތުގައި އުފެދުނީއެވެ.
މިދެންނެވި ފޮތުގައިވާ މަޢުލޫމާތުކޮޅުން އެންމެ ފުރަތަމަވެސް އަޅުގަނޑުގެ ނަޒަރު ހުއްޓުނީ "އައްޑޫ" އޮތް ލޮކޭޝަން އަންގައިދޭ ޖީޕީއެސް ކޯޑިނޭޓްސް ނުވަތަ ސަމުގާ ޕޮޒިޝަނަށެވެ. އެ ރަށް އޮތް އަސްލު ތަނަކީ ނުވަތަ ޕޮއިންޓަކީ، ކޮބައިތޯ ދެނެގަތުމުގެ ޝައުގުވެރިކަން އަބަދުވެސް ހުންނާތީއެވެ. އެގޮތުން ބައެއް މީހުންނާ ސުވާލުކޮށްގެން ވެސް، "އައްޑޫ" އޮތް ތަން ނުވަތަ އަސްލު ޕޮއިންޓް ސާފުކޮށް ޔަގީންކުރެވިފައި ނުވާތީއެވެ. އެ ފޮތުގައި ލިޔެފައިވާ ކޯޑިނޭޓްސްއަކީ، °0 '45 S, 73° 09' E އެވެ. ކޮންމެއަކަސް ގޫގުލް އަރތާއި ގޫގުލް މެޕްގައި މި ކޯޑިނޭޓްސް ޖަހައިގެން ހޯދާލުމުން ލިބުނީ ބޮޑު ހައިރާން ކަމެކެވެ. ގޫގުލް އަރތުން ދެއްކި ޕޮއިންޓަކީ، ގަމުގެ ދެކުނު ފަރާތު ގޮނޑުދޮށުން ފެށިގެން ތިން ނޯޓިކަލް މޭލު ބޭރުން ފުން ކަނޑުގެ ސަރަހައްދެކެވެ. އެ ސަރަހައްދުގެ ފުންމިނަކީ، ގާތްގަޑަކަށް 1500 މީޓަރާއި 2000 މީޓަރާއި ދެމެދެވެ. މިހެންކަމުން ލިބުނު ހައިރާންކަމާއެކު ތަކުރާރުކޮށް އެ ކޯޑިނޭޓްސް ޖަހައިގެން ހޯދުމުން ވެސް ދެއްކީ އެއް ނަތީޖާއެކެވެ. މި ދެންނެވި ކޯޑިނޭޓްސްއާއެކު ރަށް އޮތްތަން ސިފަކޮށްދިނުމަށް ކުރު ތަޢާރަފެއްވެސް ފޮތުގައި ލިޔެފައިވެއެވެ. "އައްޑޫ" އަކީ، ގަމުގެ ދެކުނުން ކަނޑުތެރޭގައި ވަކިން އޮތް ރަށެއް ކަމެވެ. އަދި އެއީ ދިވެހިރާއްޖޭގެ އެންމެ ދެކުނު ކަމުގައި ވެސް ލިޔެފައި ވެއެވެ. ކޮންމެއަކަސް، މި ދެންނެވި ޖޯގްރަފިކު ކޯޑިނޭޓްސްއަކީ ނުބައި ކޯޑިނޭޓްސްއެކެވެ. އަދި އެހެންމެ ގަމުގެ ދެކުނުން މާކަނޑުގައި އޮތް ރަށެއް ކަމަށް ލިޔެވިފައިވާ މަޢުލޫމާތަކީވެސް ނުބައި މަޢުލޫމާތެއް ކަމަށް ދަންނަވަން ޖެހެއެވެ. ޖޯގްރަފިކު ކޯޑިނޭޓްސް ލިޔާއިރު އޮޅުމަކުން އަދަދެއް ނުބައިކޮށް ލިޔެވުމަކީ ވެދާނެ ކަމެކެވެ. އެހެންނަމަވެސް ރަށް އޮތް ތަނާ ބެހޭގޮތުން އެހާ ތަފްސީލުކޮށް ލިޔެފައިވަނީ އޮޅުމަކުން ކަމަކަށް ނުބެލެވެއެވެ. އެއީ ކޮންމެވެސް ގޮތަކުން ލިބުނު ނުބައި މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ތަޢާރަފެއް ކަމަށް ގަބޫލުކުރެވެއެވެ.
ކޮންމެއަކަސް، އައްޑޫ އެވެ ކިޔުނު ރަށް އޮތް އަސްލު ޕޮއިންޓް ދެނެގަތުމަށްޓަކައި ކުރެވުނު ދިރާސާގައި އައްޑު އަތޮޅުގެ ކުރީގެ ދެ ޗާޓަކަށް ތަހްލީލީ ނަޒަރަކުން ބަލައިލީމެވެ. އެގޮތުން އެންމެ ކުރީގެ ޗާޓަކަށް ބަލައިފައިވަނީ ، ބްރިޓިޝް ޒޫލޮޖިސްޓް ސްޓަރންލީ ގަރޑިނަރގެ ޗާޓެވެ. ސްޓަންލީ ގަރޑިނަރއަކީ، 1899 އާއި 1901 ދެމެދު ދިވެހިރާއްޖޭގެ ޖޯގްރަފީއާ ބެހޭ ދިރާސާއެއް ކުރުމަށްޓަކައި، ކޭމްބްރިޖް ޔުނިވަރސިޓީގެ ފަރާތުން ހިންގެވި ސައެންޓިފިކު ސަރވޭއެއްގައި އިސްކޮށް މަސައްކަތް ކުރެއްވި ސައެންޓިސްޓެކެވެ. ދެވަނަ ޗާޓަކަށް ބަލައިފައިވަނީ ، ޖޯން މުރޭ އެކްސްޕެޑިޝަން 1933-1934 މ، ނަމުގައި ކުރެވުނު ދިރާސާ ރިޕޯޓްގައި ހިމެނޭ އައްޑު އަތޮޅުގެ ޗާޓަކަށެވެ.
ސްޓަންލީ ގަރޑިނަރގެ ޗާޓަށް ރަނގަޅަށް ބަލައިލުމުން، ޝައުގުވެރިކަން އިތުރުވި އިތުރު ކަމެއްވެސް ފާހަގަކުރެވުނެވެ. އެ ޗާޓުން ފެންނަ ގޮތުގައި ގަމުގެ ދެކުނު ، ފުއްޓަރު ފަރާތުގައި ކުޑަ ހަ ރަށެއް ނުވަތަ ހަ އާނުގަނޑެއް އޮތްކަމަށް ދައްކައެވެ. މި ދެންނެވީ ކުރީން ރަށްތަކެއް އުފެދިފައިވާ އާނުގަނޑުތަކެއް ކަމަށް ލަފާކުރެވެއެވެ. އެހެން ނަމަވެސް އެއިގެ 33 އަހަރު ފަހުން ކުރަހައިފައިވާ، ޖޯން މުރޭގެ ޗާޓުގައި، ގަމުގެ ދެކުނު ފަރާތުގެ ފަރުމަތިން ފެންނަނީ އެންމެ ރަށެކެވެ. ވީމާ އިނގިރޭސިން ގަމުގެ އެއަރޕޯޓް ހަދަން ފެށި ދުވަސްވަރު އޮތްކަމަށް ބުނާ "އައްޑޫ" އަކީ މިއީއެވެ. ސްޓަންލީ ގަރޑިނަރގެ ޗާޓުން ފެންނަންހުރި ކުޑަ ރަށްތައް ނުވަތަ އާނުގަނޑުތަކުގެ ތެރޭގައި، ޖޯން މުރޭގެ ޗާޓުން ފެންނަ ރަށަށް ވުރެން ތަންކޮޅެއް ބޮޑު ދެ ރަށެއް ނުވަތަ ދެ އާނުގަނޑެއް އޮތް ކަމަށް ފާހަގަކުރެވެއެވެ. ސްޓަންލީ ގަރޑިނަރގެ ޗާޓުން، ކުދި ރަށްރަށް ނުވަތަ އާނުގަނޑުތައް ކަމަށް ބެލެވޭ ތަންތަން ފެންނަނީ، ޖޯން މުރޭގެ ޗާޓުން ފެންނަ "އައްޑޫ" ގެ އިރުމަތިން ފެށިގެން ގަން ފަރުގެ އެންމެ އިރުމަތީ ކޮޅާ ދެމެދުންނެވެ. ފޭދޫ އާއި މަރަދޫގެ ފުއްޓަރު ފަރާތުން މިހާރުވެސް ފެންނަން ހުރި ކުދި ރަށްތައް ފަދައިން ގަމުގެ ފުއްޓަރުގައި ވެސް ގިނަ ކުދި ރަށްތަކެއް އެއް ޒަމާނެއްގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ގަމުގެ ފަރަކީ ވެސް ފޭދޫ އާއި މަރަދޫގެ ފަރާ އެއްފުޅާ މިނެއްގައި ފަތާކޮށް އޮތް ބޮޑު ފަރަކަށްވާތީއެވެ. ފޭދޫ އާއި މަރަދޫގެ ފުއްޓަަރުގައި ހުރި ކުދި ރަށްތަކަކީ، ދިގިހެރަ އާއި ވަށޮހެރަ އާއި ސަވާހެލި އާއި ކަފަތަޅާ ހެރަ އަދި ބޮޑު ހަޖަރާއެވެ.
ކޮންމެއަކަސް، ގިނަ ބަޔެއްގެ ހިތުގައި އުފެދޭނެ ސުވާލަކީ، ގަމުގެ ފުއްޓަރުގައި އެއް ރަށަށް ވުރެން ގިނަ ރަށްރަށް އެއްވެސް ޒަމާނެއްގައި ހުރިނަމަ ރާއްޖޭގެ ޖޯގްރަފީގެ ވަނަވަރުތަކުގައި ލިޔެފައި ނެތީ ކީއްވެގެންހެއްޔެވެ. އެހެން ނޫންނަމަ ޒަމާނުއްސުރެން ދޫދޫމަތީން އެވާހަކަ ކިޔަމުން އައިސްފައި ނުވަނީ ކީއްވެގެންހެއްޔެވެ. އެހެން ނަމަވެސް އާއްމުކޮށް ފެންނާންހުރި ތާރީޚީ ލިޔުންތަކުގައި އެއްވެސް މިންވަރަކަށް ލިޔެވިފައި ނެތް ރަށްރަށް، މަދުން ނަމަވެސް އެއްޒަމާނެއްގައި ހުރިކަމީ ހަގީގަތެކެވެ. އަދި އެފަދަ ބައެއް ރަށްރަށް މީގެ އެތައް ސަތޭކަ އަހަރެއް ކުރީން އެއްކޮށް ނެތިގެން ގޮސްފައިވާ ކަމީވެސް ހަގީގަތެކެވެ. މީގެ އެއް މިސާލަކީ، މީދޫގެ ހުނޅަގުއުތުރު ކަނުގައި މީގެ 300 އަހަރު ކުރިން ، ހިރިއަދާހެރަ ކިޔާ ރަށެއް އޮތްކަން ވެސް އެނގުނީ ދާދި ފަހުންނެވެ. އެ ރަށުގެ ނަން ލިޔެފައިވަނިކޮށް ފެނިފައިވަނީ މީދޫ ލޮނޑިކެޑެ މިސްކިތުގެ ބޯގަ ފަތްކޮޅުގައެވެ.
މިހައި ހިސާބުން އަސްލު މައުޒޫއަށް ބޮޑަށް ޖެހިލަމާތޯއެވެ. އާދެ، އައްޑޫ އަތޮޅުގައި ކުރީން އޮތް "އައްޑޫ" އެވެ ކިޔުނު ކުޑަ ފަޅުރަށަކީ، ގަމުގެ ދެކުނު، ފަރާތު ފަރުމަތީގައި އޮތް ރަށެއް ކަމާމެދު ޝައްކެތް ނެތެވެ. އަދި އެއީ އައްޑު އަތޮޅުގެ އެންމެ ދެކުނަށް އޮތް ރަށަށް ވުމާއެކު، ދިވެހިރާއްޖޭގެ އެންމެ ދެކުނުގައި އޮތް ރަށް ވެސް މެއެވެ. ޖޯން މުރޭގެ ޗާޓުގައި "އައްޑޫ" އޮތް ކަމަށް ދައްކާފައިވާ ތަނަށް ބަލާފައި، އަންދާސާކުރެވޭ ޖޯގްރަފިކުު ކޯޑިނޭޓްސް އަކީ، °0 '42 ’125 S, 73° 8' 935 E އެވެ. ނުވަތަ 0 ދަރަޖަ، 42 މިނިޓް، 12.5 ސިކުންތު ދެކުނު ޢަރުޟު އަދި 73 ދަރަޖަ، 8 މިނިޓް، 9.35 ސިކުންތު އިރު ޠޫލްއެވެ. އެ ޕޮއިންޓަކީ ގަމުގެ ގޮނޑުދޮށުން ފެށިގެން ގާތްގަޑަކަށް ނުވަ ސަތޭކަ ފޫޓްގެ ދުރުމިނެވެ. އަދި މިއީ މިހާރު ސަދަރން މޯސްޓް ޕޮއިންޓް ކަމަށް ފާހަގަކުރާ ފާޒަލް ރޯޑްގެ ބޭރުކޮޅުގެ ސަރަހައްދާ ވެސް މާދުރު ނޫން ހިސާބެކެވެ. ޗާޓުން ފެންނަ ސްކޭލަށް ބަލާއިރު، ރަށުގެ ބޮޑުމިނަކީ ގާތްގަޑަކަށް 2 ހެކްޓަރު ކަމަށް ލަފާކުރެވެއެވެ. މި ދެންނެވި ރަށް، 1958 މ.ވަނަ އަހަރުގެ ތެރޭގައި، އާރޭފް ގޭން އެއަރޕޯޓް ހަދަންފެށުމާ ހަމައަށް އޮތެވެ. އެހެން ނަމަވެސް އެއިރު އޮތީ އަކިރި ފިނޮޅެއްގެ ގޮތުގައި ކަމަށް ވެދާނެއެވެ. މައިރަށެއްގެ ފުއްޓަރުގައި އެ ގޮތަށް ހެދިފައި ހުންނަ ކުޑަ ރަށްރަށަކީ އާއްމު ގޮތަކަށް އަކިރި ފިނޮޅު ނުވަތަ ކޮރަލް އައިލޭންޑުސްއެވެ. މާނައަކީ، ވެއްޔާއި އަކިރި ޖަމާވެގެން ހެދިފައި ހުންނަ ފިނޮޅެވެ. އެއަށްފަހު ކޮންމެވެސް ވަރަކަށް ގަސްތައް ހެދި އާދައިގެ ރަށެއްގެ ސިފަ ލިބެނީއެވެ. މޫސިމީ ބަދަލުތަކުގެ ތެރޭގައި، ވޮޑިގިރުމުގެ ސަބަބުން މިފަދަ ރަށްރަށް އެކި ދުވަސްވަރު އެކި ގޮތަށް ބަދަލުވެފައިވާތަން ފެނިފައިވެއެވެ. ބައެއް ދުވަސްވަރު ކޮންމެވެސް ވަރަކަށް ގަސްތައް ހެދިފައިވާ ރަށެއްގެ ގޮތުގައެވެ. އަނެއްބައި ދުވަސްވަރު އެއްވެސް ގަހެއް ނެތި ފެހިކަމެއް ނުފެންނަ ވެލި ފިނޮޅެއްގެ ގޮތުގައެވެ. އަޅުގަނޑުގެ ހިތަށް ސިފަވަނީ ރަންވޭ އެޅުމަށް އިނގިރޭސިން އެތަން ކޮނެގެން ނަގައިފައިވަނީ މިދެންނެވިހެން ވެލި ނުވަތަ އަކިރި ފިނޮޅަކަށް ބަދަލުވެފައި ވަނިކޮށެވެ. މި ގޮތަށް ގަބޫލުކުރެވޭ އެންމެ ބޮޑު ސަބަބަކީ، އަބަދުވެސް އަޑު އިވެމުން އައިސްފައިވަނީ ގަމުގެ ރަންވޭ ހަދަންވެގެން "އައްޑޫ"ގެ އާނުގަނޑު ކޮނެގެން ނަގައިފައިވާ ވާހަކައެވެ. އެއްވެސް ވަރަކަށް ރުއްގަސް ކަނޑައިގެން ރަށް ނޮޅައިލީ ކަމުގެ ވާހަކައެއް އިވިފައި ނެތެވެ.
މި ލިޔުމުގެ މިހައި ހިސާބުން ދެން ބަލައިލާނީ "އައްޑޫ" ނެތިގެން ދިޔަ ގޮތުގެ މައްޗަށެވެ. އާދެ، އައްޑު އަތޮޅުގެ އެންމެ ދެކުނުގައި އޮތް "އައްޑޫ" ނެތިގެން ދިޔައީ ގޭން އެއަރޕޯޓްގެ ރަންވޭ ކޮންކްރީޓް ކުރުމަށް ބޭނުންވާ އެގްރެގޭޓް އުފެއްދުމަށްޓަކައި، އާރޭފު މީހުން އެ ރަށުގެ އާނުގަނޑު ކަނޑައި ކޮށައިގެން ނެގުމުންނެވެ. އާނުގަނޑާއެކު ރަށުގެ ވެލިފަސްގަނޑު ވެސް ނަގައިފައިވަނީ ރަންވޭގެ ބިންގަނޑު އެއްވަރުކުރަން ބޭނުންކުރުމަށް ކަމަށް ބެލެވެއެވެ. ގަމުގެ ރަންވޭ އެޅުމަށް ނަގައިފައިވަނީ ހަމައެކަނި "އައްޑޫ" ގެ އާނުގަނޑު ކަމަށް ގަބޫލެއް ނުކުރެވެއެވެ. ދިގު މިނުގައި 2.4 ކިލޯ މީޓަރގެ ރަންވޭއެއް އެޅުމަށް އެގްރެގޭޓް ތައްޔާރު ކުރުމަށް އެވަރުގެ އެންމެ އާނުގަނޑަކުން ފުދޭނީ ވެސް ކިހިނަކުންހެއްޔެވެ. ގަރޑިނަރގެ ޗާޓުން ފާހަގަކުރެވޭ ކަމަށް މަތީގައި ދެންނެވި ހުރިހައި އާނުގަނޑުތަކާއި ވަކިން ހުރި ކުދި އާނުގަނޑުތައް ވެސް ވަނީ ކަނޑައިގެން ނަގައިފައެވެ. މިކަން ސާފުކޮށް އެނގެނީ، ގޭން އެއަރޕޯޓް ހެދުމުގެ މަސައްކަތްކުރި ކުންފުނީގައި މަސައްކަތްކުރި މީހަކު އާއްމުކޮށްފައިވާ ޗާޓެއްގައި މުރަކަ ނެގި ކަމަށް ފާހަގަކޮށްފައިވާ ސަރަހައްދަށް ބަލައިލުމުންނެވެ. އެ ޗާޓްގައި، ފާހަގަކޮށްފައިވާ ގޮތުން، ގަމުގެ ފަރުމަތީގެ ދުއިސައްތަ ވަރަކަށް ހެކްޓަރުގެ ބޮޑު ސަރަހައްދެއްގެ ތެރެއިން ހަރު މުރަކަ ނަގައިފައިވެއެވެ. މި ދެންނެވި ދުއިސައްތަ ހެކްޓަރުގެ ތެރޭގައި ގަމުގެ ފުއްޓަރު ފަރާތުގެ އިރުން ހުޅަނގަށް ދެމިގެން ގޮސްފައިވާ ފަރުގެ އިތުރުން، ގަމާއި ފޭދޫއާ ދެމެދުގައި އޮތް ފަރުވެސް ހިމެނެއެވެ.
މަތީގައި ދެންނެވި ފަދަ ބޮޑު ސަރަހައްދަކުން ހަރު މުރަކައާއި ބޮޑެތި އެތައް އާނުގަނޑުތަކެއް ނަގައިފައިވަނީ ރަންވޭގެ އިތުރުން އެހެނިހެން ކޮންކްރީޓް މަސައްކަތްތަކަށް ވެސް ބޭނުންވާ އެގްރެގޭޓް ތައްޔާރު ކުރުމަށެވެ. ހަރު މުރަކައާއި ބޮޑެތި އާނުގަނޑުތައް ނަގައިގެން މެޝިނަރީ ބޭނުންކޮށްގެން މުގުރާފައިވަނީ ދެ ސައިޒަކަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެގްރެގޭޓް ސައިޒާއި އެއަށް ވުރެން ހިމުން ސައިޒަކަށެވެ. ހިމުން ސައިޒަށް މުގުރައިގެން ތައްޔާރުކުރީ ހިލަވެލީގެ ގޮތުގައި ބޭނުންކުރުމަށް ކަމަށް ބެލެވެއެވެ. މި ގޮތުން އިނގިރޭސިން ތައްޔާރުކުރި މުރަކަ ހިލައިން ރަންވޭ އަޅައި ނިމިގެން ބާކީވެފައި ވެސް އެއިގެ ތިން ފުނިވަރު ގަމުގައި ހުއްޓެވެ. ނަވާރަ ސަތޭކަ ހަތްދިހަ ހަޔެއްގައި، އިނގިރޭސިން ގަމުން ފޭބުމުން ، ގަމުގައި ހުރި ތަކެތި މާލެއަށް ގެންދިޔައިރު މި ދެންނެވި މުރަކަފުނިތައް ވެސް ގެންގޮސްފައިވަނީ މާލެއަށެވެ. އެ ތަކެތި ބޭނުންކޮށްގެން މާލޭގައި ކުރީ ކޮން މަސައްކަތެއް ކަމެއް އެނގިފައި ނެތެވެ. އެހެންނަމަވެސް ލަފާކުރެވެނީ ހުޅުލޭ އެއަރޕޯޓް ރަންވޭގެ ކޮންމެވެސް އެއް ފިޔަވައްސެއްގެ މަސައްކަތަކަށް ބޭނުން ކޮށްފައި ވެދާނެ ކަމަށެވެ. ކޮންމެއަކަސް ނައްތާލައިފައިވާ، އައްޑޫ އެވެ ކިޔުނު ފަޅުރަށާ ގުޅޭ ވެލިކޮޅެއް ވެސް ގާކޮޅެއް ވެސް މިއަދު ފެންނާކަށް ނެތެވެ. ފެންނާންހުރި ހަމަ އެކަނި ނިޝާނަކީ "އައްޑޫ" ގެ އާނުގަނޑު މުގުރައިގެން ހަދައިފައިވާ މުރަކަ-ހިލަ ފުނިތަކުގެ ފޮޓޯއެވެ.
Aharamen lhairu Addu ey kiyaa kuda rashuge baeh ovey. Aharamen ethanah gos ulhen. Ethan eyru othee uskoh oiy aanugan'dakah vefaa. Veyyeh akiri eh nuhurey. Kan'du gadha dhuvasvaru bodudhiyaaga anna bodethi raalhuthah ethanah jahaairuves halaakunuve onna varugadha mashaeh nuvatha aanugan"dakah vefa Addoo othee.
މި ލިއުމާ މެދު ދިޔަމިގިލީ އާއިލާއަކުން ވަޑައިގެން ހުންނެވި މަތިވެރި ތާރީޚީ އިލްމުވެރިޔާ ސ. މީދޫ ތުން ތުނޑާގެ އިމާދު ލުޠުފީ ރައުޔެއް ވިދާޅުވެ ދެއްވުން އެދެމެވެ.