ވައިގެ މަގުން އައްޑުއަށް މަސްތުވާތަކެތި އެތެރެ ކުރި މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވައިގެ މަގުން އައްޑޫ ސިޓީއަށް އެތެރެކުރި މަސްތުވާތަކެތި ހޯދައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސާއި އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވައިގެ މަގުން އައްޑޫ ސިޓީ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުގެ 16:05 ހާއިރު އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއަރ ޕޯޓުންނެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާ ލައިގެން ހުރި ބޮކްސާގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ދެ ރަބަރު ޕެކެޓް ފެނިފައިވެއެވެ. މި ދެޕެކެޓްގެ ވަގުތީ ބަރުދަނަކީ 522 ގްރާމެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިއަަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަހްޤީގު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.