ކޮވިޑް-19 ގެ ފަރުވާއަށް ގުޅަ ބޭހެއް ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން ދީފި

ކޮވިޑް-19 ގެ ފަރުވާއަށް ދޭ ބޭހެއްގެ ގޮތުގައި މާކް ކުންފުނިން އުފައްދާފައިވާ އެންޓިވައިރަލް ގުޅަ ބޭހެއް ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިިވިލާތުން ދީފިއެވެ. މިއީ ދުނިޔޭގައި ކޮވިިޑް-19 އަަށް ޚާއްސަ ގުޅަ ބޭހެއް ބޭނުންކުރުމުގެ ހުއްދަ ދިން ފުރަތަމަ ފަހަރެވެ.

އިނގިރޭސިވިިލާތުގެ މެޑިސިންސް އެންޑް ހެލްތުކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ (އެމްއެޗްއާރްއޭ) އިން ހުއްދަ ދީފައިވަނީ އެމެރިކާގެ މާކް ކުންފުންޏާއި، ރިޖްބެކް ބަޔޯ ތެރަޕޯޓިސް ގުޅިގެން އުފައްދާފައިވާ 'މޮލްނުޕީރަވިއާ' ކޮވިޑް-19 ގެ ފަރުވާއަށް ބޭނުންކުރުމަށެވެ. އެއީ، ކުޑަކޮށް ނުވަތަ އާދައިގެ މިންވަރަކަށް ކޮވިޑް-19 ޖެހިފައިވުމާއެކު، އުމުރުން ދުވަސްވުން، ހަކުރުބަލި ހުރުން، ހިތުގެބަލި ހުރުން ފަދަ، ބަލި މީހާގެ ހާލަތު ގޯސްވެދާނެ އެހެން ބައްޔެއް ހުންނަ މީހުންނަށެވެ.

އިނގިރޭސިވިިލާތުގައި 'ލަގެވްރިއޯ' ބްރޭންޑް ނަމުގައި ނެރެން ހަމަޖެހިފައިވާ މި ބޭހަކީ ކޮވިޑް-19 ގެ ވައިރަސްގެ ޖެނެޓިކް ކޯޑަށް ބަދަލުތަކެއް ގެންނަ ބޭހެކެވެ. މި ބޭސް ފަސް ދުވަހަށް ދުވާލަކު ދެ ފަހަރުއެވެ. މި ބޭހުގެ އަސަރު އެންެމެ ބޮޑަށް ކުރަނީ ކޮވިޑް-19 ޖެހުމުގެ ފަސް ދުވަސް ފަހުން ބޭނުންކުރަންފެށުމުން ކަމަށް ވެއެވެ.

މި ބޭސް ބޭނުންކުރަން ޖެހޭކަމަށް ކަނޑައަޅާފައިވާ ބަލިމީހުންނަށް ބޭސް ބޭނުންކޮށްެގެން ފަރުވާދިނުމާ ބެހޭ އުސޫލު އެ ގައުމުގެ ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) ވަަރަށް އަވަހަށް ކަނޑައަޅާނެއެވެ.

"ވީހާވެސް އަވަހަކަށް ގައުމީ ފެންވަރުގައި ދިރާސާއެއްކޮށް، އެ ދިރާސާގެ ތެރޭން ބަލިމީހުންނަށް މޮލްނުޕީރަވިއާ ދޭނެ އުސޫލުތަކެއް އެކުުލަވާލުމަށް ސަރުކާރުގެ އިދާރާތަކުންނާއި އެންއެޗްެއެސްއިން ދަނީ މަސައްކަތްކުރަމުން." ހެލްތު ސެކްރެޓަރީ (މިނިސްޓަރު) ސާޖިދު ޖާވޭދް ވިދާޅުވިއެވެ.

އިނގިރޭސި ސަރުކާރުން ހާމަކުރި ގޮތުގައި ސަރުކާރުން މިހާރު ވަނީ 4 ލައްކަ 80 ހާސް މީހުންނަށް ދެވޭ ވަރަށް ބޭސް ގަނެފައެވެ.

މި ނޮވެންބަރު މަހުގެ ފަހުކޮޅު ނުވަތަ އަންނަ ޑިސެންބަރު މަހުގެ ކުރީކޮޅު އެމެރިކާގެ ކަމާބެހޭ އިދާރާއިން ކޮވިޑް-19 ގެ ފަރުވާއަށް މޮލްނުޕީރަވިއާ ބޭނުންކުރުމުގެ ހުއްދަ ދޭނެކަމަށް ބެލެވޭއިރު، މާކް ކުންފުނިން ބުނެފައި ވަނީ މިއަހަރު ނިމުމުގެ ކުރިން 10 މިލިއަން މީހުންނަށް ދެވޭވަރަށް ބޭސް އުފެއްދޭނެކަމަށާއި، 2022 ވަނަ އަހަރު 20 މިލިއަން މީހުންނަށް ވާވަރަށް ބޭސް އުފައްދާނެ ކަމަށެެވެ.

އެމެރިކާގައި މި ބޭހުގެ އެއް ކޯސް (އެކަކަށް ފުދޭ ބޭސް) ގެ އަގު 713 އެމެރިކާ ޑޮލަރުގައި ހުރިއިރު، އިނގިރޭސިވިލާތުގެ އެންއެޗްެއެސްއިން ބޭހުގެ އަގާ ބެހޭގޮތުން އެއްެޗެއް ބުނެފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.