އިނގިރޭސިވިލާތުގައި ކޮވިޑް-19 ދިރާސާކުރުމަށް ބަޔަކަށް ގަސްތުގައި ބަލި ޖައްސަނީ

ކޮވިޑް-19 ދިރާސާކުރުމަށްޓަކައި ބަޔަަކަށް ގަސްތުގައި އެބަލި ޖައްސަން އިނގިރޭސިވިލާތުން ތައްޔާރުވެއްޖެއެވެ. "ހިއުމަން ޗެލެންްޖް ސްޓަޑީ" ގެ ނަމުގައި ކުރާ މި ދިރާސާގައި ބަލި ޖައްސާނީ އެކަމަށް ހިތުންރުހުމުން ތައްޔާރު 90 މީހުންނަށެވެ. މިއީ އުމުރުން 18 އަހަރާ 30 އަހަރާ ދެމެދުގެ ސިއްހަތު ރަނގަޅު ޒުވާނުންނެވެ.

މި ދިރާސާގެ މަގުސަދަކީ މިބަލިން ދިފާއުވުމުގައި ފުރިހަމައަށް އަސަރުކުރާ ވެކްސިނާއި، ބައްޔަށް ބޭހެއް އުފެއްދުމަށް މަގުފަހި ކުރުމެވެ.

ޑިޕާޓްމަންޓް ފޯ ބިޒިނަސް، އެނާޖީ އެންޑް އިންޑަސްޓްރިއަލް ސްޓްރެޓަޖީ (ބީއީއައިއެސް) އިން ނުރުނު ބަޔާނެއްގައި ވާގޮތުން މަހެއްހާ ދުވަހުގެ ތެރޭގައި ފަށަން ތައްޔާރުވާ ތަޖުރިބާކުރުމުގެ މަރުހަލާގައި 18 އަހަރާ 30 އަހަރާ ދެމެދުގެ ޒުވާން ވޮލަންޓިއަރުންނަށް ވައިރަސް ޖައްސާނީ "ރައްކާތެރި، ކޮންޓުރޯލުކުރެވިފައިވާ މާހައުލެއްގައެވެ." އަދި ސިއްހީ މާހިރުން އެމީހުން ހާލަތު ގާތުން ބަަލަމުން ދާނެއެވެ.

ދިރާސާގެ ބައިވެރިންނަށް ޖައްސާނީ 2020 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ފުރަތަމަ ފެށި ވައްތަރުގެ ވައިރަހެވެ. މި ވައްތަރުގެ ވައިރަސް ޖެހޭ މީހުންނަށް ސިއްހީ ގޮތުން ދިމާާވާ މައްސަލަތަކުގެ ނުރައްކާތެރިކަން ކުޑައެވެ.

ބައިވެރިން ދިރާސާގައި ބައިވެރިވާން ފެށުމުގެ ކުރިން އެއްވެސް ކަަަހަލަ ސިއްހީ މައްސަލައެއް ހުރިތޯ ބެލުމަށް ސްކްރިންކުރާނެއެވެ. އަދި އެމީހުން 14 ދުވަހަށް ކަރަންޓީނުކޮށްފައި ބައިތިއްބާނީ ލަންޑަނުގެ ރޮޔަލް ފްރީ ހޮސްޕިޓަލުގައި އެކަމަށް ތައްޔާރުކޮށްފައިވާ ޔުނިޓެއްގައެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ އާއްމުކޮށް ވެކްސިން ޖަަހަން ފެށި އިނގިރޭސިވިލާތުގައި މިހާތަނަށް 15 މިލިއަން މީހުންނަށް ވެކްސިން ޖަހާފައި ވެއެވެ.

މީގެ ކުރިންވެސް ބަލިބައްޔަށް ވެކްސިނާއި ބޭސް ހޯދުމުގައި އިންސާނީ ޗެލެންޖުގެ ދިރާސާތައް އިސް ދައުރެއް އަދަާކޮށްފައި ވެއެވެ. އެފަދަ ބަލިތަކުގެ ތެރޭގައި މެލޭރިޔާ، ޓައިފޮއިޑް، ކޮލެެރާ އަދި ފްލޫ ހިމެނެއެވެ.

ހައުމަން ޗެލެންޖް ސްޓަޑީ ކުރިއަށް ގެންދަނީ އިނގިރޭސި ސަރުކާރުގެ ވެކްސިން ޓާސްކްފޯސް، ލަންޑަންގެ އިމްޕީރިއަލް ކޮލެޖް، ރޮޔަލް ފްރީ ލަންޑަން އެންއެޗްއެސް ފައުންޑޭޝަން ޓްރަސްޓް އަދި އެޗްވީވޯ ކުންފުނި ގުޅިގެންނެވެ. ހިއުމަން ޗެލެންޖް ސްޓަޑީގެ މޮޑެލް ތައްޔާރުކުރީ މިކުންފުނިންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.