ކޮވިޑް- 19: ބީބީސީ ރޭޑިޔޯއިން ބަންގިއާއި ދީނީ ނަސޭހަތް ގެނެސްދޭން ފަށައިފި

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ލީޑްސްގެ މައްކާ މަސްޖިދު ބައްލަވާލައްވަނީ. އަރިހުގައި މިސްކިތުގެ އިމާމު ޤާރީ ޢާޞިމް އަދި އެ މިސްކިތުގެ އަންހެނުންގެ ކޮމިޓީގެ މެންބަރެއް

ނޮވެލް ކޮރޯނާ ވައިރަސްގެ ސަބަބުން އިނގިރޭސިވިލާތުގައިވެސް އަޅުކަންކުރާ ތަންތަން ބަންދުކޮށްފައި ވާތީ އެގައުމުގައި ދިރިއުޅޭ މުސްލިމުންނަށް ވަނީ ޖަމާއަތުގައި ނަމާދުކުރުމާއި، ހުކުރު ނަމާދުކުރުމުގެ ފުރުސަތު ގެއްލިފައެވެ.

މުސްލިމުންެގެ ދިރިއުޅުމަށް އައިސްފައިވާ ފަޅުކަން ކޮންމެވެސް ވަަރަކަށް ފިލުވައި ދިނުމުގެ ކުރިން އިނގިރޭސިވިލާތުގެ ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރު، ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (ބީބީސީ) އިން މިވަނީ ބަންގި ފޮނުވަން ފަށާފައެވެ.

ބީބީސީގެ 14 ލޯކަލް ސްޓޭޝަނަކުން ފާއިތުވި ހުކުރު ދުވަހު ފަތިހު ފޮނުވި ޕްރޮގްރާމެއްގައި ފަތިސް ނަމާދުގެ ބަންގި ގެނެސްދިން އިރު، ކޮންެމެ ހުކުރު ދުވަހެއްގެ 5:50 ގައި އެ 14 ސްޓޭޝަނުން މި ޕްރޮގްރާމް ގެނެސްެދޭނެއެވެ.

މި ޕްރިގްރާމުގައި ބަންގީގެ އިތުރަށް ކީރިތި ޤުރްއާނުގެ އާޔަތަކާއި، ރަސޫލު ގެ ޙަދީޘެއް ތަރުުޖަމާއާއެކު ގެނެސްދިނުމަށް ފަހު އޭގެ މައްޗަށް ވާހަކަދެއްކުން އޮންނާނެއެވެ. ފާއިތުވި ހުކުރު ދުވަހު ގެނެސްދިން ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދެއްކެވީ ލީޑްސްގެ މައްކާ މަސްޖިދުގެ އިމާމު ޤާރީ ޢާޞިމްއެވެ.

"އަހަރުމެންގެ ދުޢާއަކީ މާޔޫސްކަން އެކަނިވެރިކަމަށް، އަދި އެކަނިވެރިކަން އޯގާތެރިކަމަށް ބަދަލުކުރުމުގެ ހިތްވަރު މާތް ﷲ އަަހަރުމެންނަށް ދެއްވުން." އެ ޕްރޮގްރާމް ނިންމަވާލަައްވަމުން ޤާރީ ޢާޞިމް ވިދާޅުވިއެެވެ.

މި ޕްރޮގްރާމާ ބެހޭގޮތުން ބާމިންގްހަމް ލައިވްގައި ބުނެފައިވާ ގޮތުގައި ކޮންމެ ހަފުތާއަކުވެސް މި ޕްރޮގްރާމުގައި ވަހާކަދައްކަވާނީ ކޮންމެވެސް މިސްކިތެއްގެ އިމާމެކެވެ.

"ވަރަށް ގިނަ މުސްލިމުންނަށް އެމީހުންގެ ހަޔާތުގައި ހުސް ކަމެއް އިހުސާސްކުރެވޭނެ. އެއީ ނަމާދު ނެތުމުން ލިބުނު ހުސްކަން. އަހަރުމެން ރަމަޟާން މަހާ ކުރިމަތިލަމުން އަންނައިރު އެ އިހުސާސް ވަކިން ބޮޑުވާނެ." ބީބީސީ  ލޯކަލް ރޭޑިޔޯގެ ހެޑް ކްރިސް ބާންސްއާ ހަވާލާދީ، ބީބީސީގެ ނޫސްވެރިޔާ ހެރީ ފާލޭ ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.

"ލޯކަން ރޭޑީޔޯގެ ހުރިހާވެސް ބޭނުމަކީ މުޖުތަމައުތައް ގުޅުވައިދިނުން. އަހަރުމެންގެ އުއްމީދަކީ މުސްލިމުން ގޭގައި އެކަހެރިވެ ތިބޭއިރު، ހަފުތާއަކު އެއްފަހަރު އަަހަރުމެން ފޮނުވާ މި ޕްރޮގްރާމުން މުސްލިމުންނަށް އެބައިމީހުންނަކީވެސް މުޖުތަމައުގެ ބައެއް ކަމުގެ އަހުސާސުކޮށްދިނުން. ކްރިސް ބާންސް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ މުސްލިމުންގެ ކަންކަން ބަލަހައްޓާ ކައުންސިލް، މުސްލިމް ކައުންސިލް އޮފް ބްރިޓްން (އެމްސީބީ) އިން ބުނީ ސަރުކާރުން ހުރިހާ ދީނެއްގެ މީހުން އަޅުކަންކުރާ ހުރިހާ ތަނެއް ބަންދުކުރަން ނިންމުމާ ގުޅިގެން އެގައުމުގެ 375 މިސްކިތެއް ބަންދުކޮށްފައި ވާކަމުގައެވެ.

އިނގިރޭސިވިލާތުގައި 2.7 މިލިއަން މުސްލިމުން ދިރިއުޅެއެވެ. އެއީ އެ ގައުމުގެ އާބާދީގެ %4.8 އެވެ. އަދި އެ ގައުމުގެ މުސްލިމުންގެ %73 އަކީ އެގައުމަށް އުފަންވި މީހުންނެވެ. މުސްލިމުންގެ އާބާދީ އެންެމެ ބޮޑީ ލަންޑަނުގައެވެ. ގްރޭޓާ ލަންޑަން ގައި 1 މިލިއަނަށްވުރެ ގިނަ މުސްލިމުން ދިރިއުޅެއެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.