އިނގިރޭސިވިލާތުގައި ކޮވިޑް-19 ވެކްސިން ޖެހި ފުރަތަމަ މީހަކަށް 91 އަހަރުގެ އަންހެނަކު

އުމުރުން 91 އަހަރުގެ މާގްރެޓް ކީނަންގެ ގަޔަށް މިއަދު ކޮވިޑް-19 ވެކްސިން ޖަހަނީ

އިނގިރޭސިވިލާތުގައި ކޮވިޑް-19 ވެކްސިން ޖެހި ފުރަތަމަ މީހަކަށް އުމުރުން 91 އަހަރުގެ އަންހެނަކު ވެއްޖެއެވެ.

އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބަޔޯންޓެކް ގުޅިގެން ކޮވިޑް-19 އަށް ޚާއްސަކޮށް އުފައްދައި ކާމިޔާބުކަމާއެކު ޓެސްޓުކޮށްފައިވާ ވެކްސިން ޓެސްޓުކުރުމުގެ ގޮތުން ނޫން ގޮތަކަށް މީހެއްގެ ގަޔަށް ޖެހި ފުރަތަމަ ފަހަރެވެ.

ކޮވެންޓްރީގައި ދިރިއުޅޭ މާގްރެޓް ކީނަންއަށް މިއަދު ހެނދުނު 6:31 ގައި (ރާއްޖޭ ގަޑިން ހެނދުނު 11:31 ގައި) ކޮވެންޓްރީގެ ޔުނިވަސިޓީ ހޮސްޕިޓަލުގައި ވެކްސިން ޖެހި އިރު، ކީނަން އަން އުމުރުން 91 އަހަރު ފުރެން ބާކީ އޮތީ އެއް ހަފުތާއެވެ.

"ކޮވިޑް-19 އާއި ދެކޮޅަށް ވެކްސިން ޖަހާ ފުރަތަމަ މީހާއަށް ވީތީ އަހަރެން ފަޚުރުވެރިވަން. މިއީ އަހަރެންގެ އުފަންދުވަހުގެ ކުރިން އަހަންނަށް ލިބޭނެކަމަށް އުއްމީދުކުރެވޭނޭ އެންމެ ރަނގަޅު ހަދިޔާ." ކީނަން ބުންޏެވެ.

އިނގިރޭސިވިލާތުގެ އާއްމު ސިއްހަތާ ބެހޭ އޮފިޝަލުން ވަނީ ރައްޔިތުން ކެތްތެރިވުމަށް އިލްތިމާސުކޮށްފައެވެ. އެއީ ވެކްސިން ދިނުމުގައި އިސްކަންދޭނީ ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންނަށް ކަމަށް ވާތީއެވެ. ވެކްސިން ދޭން ކަނޑައަޅާ މީހުންނަށް ސިއްހީ މަސައްކަތްތެރިން ގުޅަމުންދާއިރު، އާއްމުންގެ ގިނަ މީހުންނަށް ވެކްސިން ޖެހޭ ވަރު ވާނީ އަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ވެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އާއްމުކޮށް ވެކްސިން ޖަހަން ފެށި ފުރަތަމަ ގައުމަށް އިނގިރޭސިވިލާތް ވެފައި ވާއިރު، ރަޝިޔާއިން ވަނީ އެގައުމުން ކޮވިޑް-19 އަށް އުފެއްދި ވެކްސިން، ސްޕަޓްނިކް-ވީ މި ޑިސެންބަރު މަހުގެ 5 ވަނަ ދުވަހު ޖަހަން ފަށާފައެވެ. އެ ދުވަހު މޮސްކޯ ސަރަހައްދުގެ 70 ސިއްހީ މަރުކަޒެއްގައި ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު މީހުންނަށް ވެކްސިން ޖެހުން ކުރިއަށް ގެންގޮސްފައި ވެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.