ސާފް ޗެމްޕިއަންޝިޕް 2021: ނޭޕާލް ފުރަތަމަ ފަހަރަށް ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގައި 2021 ގެ ފައިނަލަށް ނޭޕާލް ހިނގައްޖެއެވެ. ނޭޕާލް ފައިނަލަށް ދިޔައީ މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބަނގްލާދޭޝް އާ އެކު ކުޅުނު މެޗު 1 ލަނޑު 1 ލަނޑުން އެއްވަރު ވުމުންނެވެ. މިއީ ނޭޕާލް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. އެންމެ ދުރަށް ނޭޕާލަށް ދެވެނީ ސެމީ ފައިނަލަށެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ ދިހަ މިނިޓުގެ ތެރޭގައި ބަނގްލާދޭޝް އިން ލަނޑެއް ޖެހިއެވެ. މި ލަނޑު ޖެހީ އެމްޑީ ސުމަން ރިޒާ އެވެ.

މި މެޗަކީ ބަނގްލާދޭޝް އަށް މޮޅުވާން މަޖުބޫރު މެޗެކެވެ. އެއްވަރު ވިޔަސް ފައިނަލަށް ދާނީ ނޭޕާލެވެ. ވުމާއެކު ބަނގްލާދޭޝް ކުޅެމުން ގެންދިޔައީ ދިފާއަށް ސަމާލުކަން ދީގެން ކައުންޓަރ އެޓޭކުގައި ލަނޑު ޖަހަން ވިސްނައިގެންނެވެ. ދެ ޓީމުންވެސް ކުޅުނީ ހަލުވި ކުޅުމެކެވެ.

ދެވަނަ ހާފުގައި ނޭޕާލުގެ ކުޅުން ރަނގަޅުވެ އެޓޭކަށް އަރަން ފެށްޓިއެވެ. އަދި ލަނޑު ޖަހާނޭ ފުރުސަތުވެސް އުފެއްދިއެވެ. އެހެންނަމަވެސް ލަނޑު ޖެހުމުގައި އެކަށިގެންވާ ހުނަރެއް ދެއްކޭ ގޮތެއް ނުވިއެވެ.

ބަނގްލާދޭޝްއިން މަސައްކަތް ކުރަމުން ގެންދިޔައީ މެޗު ލަސްކޮށް ވަގުތު ނަގައިލާށެވެ.

މެޗުގެ 80 ވަނަ މިނިޓުގައި ރެފްރީ ވަނީ ބަނގްލާދޭޝްގެ ގޯލްކީޕަރަށް ރަތް ކާޑު ދައްކައިފައެވެ.

ނޭޕާލްގެ ލަނޑު ޖަހައިފައި ވަނީ ލިބުނު ޕެނަލްޓީއަކުން 87 ވަނަ މިނިޓުގައެވެ. އޭރު އިތުރަށް ކުޅެ ހަމަލާތައް އުފައްދާނޭ ވަގުތެއް ނެތެވެ. ބާކީ އޮތް ކުޑަ ވަގުތުކޮޅުގެ ތެރޭގައި ބަނގްލާދޭޝް އިން ވަރަށް ހިތްވަރު ކުރިއެވެ. އެކަމަކު މެޗު ނިމުނީ ދެ ޓީމު އެއްވަރު ވެގެންނެވެ.

މެޗު ނިމުމާއެކު ބަނގްލާދޭޝްގެ ކުޅުންތެރިންނާއި އޮފިޝަލުން ރެފްރީންނާ ދިމާކޮށްލިއެވެ. އެމީހުން ދުރުކުރީ ފުލުހުން ދަނޑަށް އަރައެވެ. ކުޅިބަލާ މީހުންގެ ތެރެއިންވެސް މީހަކު ދަނޑު މައްޗަށް އެރިތަން ފެނުނެވެ. އެމީހާވެސް ބޭލީ ފުލުހުންނެވެ.

މުބާރާތުގައި މިރޭ އޮންނާނީ ދިވެހިރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މަޗެވެ. މި މެޗު އެއްވަރު ވިޔަސް ފައިނަލަށް ދާނީ ދިވެހިރާއްޖެއެވެ. އިންޑިއާއަށް ފައިނަލަށް ދެވޭނީ މޮޅު ވެގެންނެވެ. މެޗު ފައްޓާނީ މިރޭ 9 ޖަހާއިރުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.