ސާފް ޗެމްޕިއަންޝިޕް 2021: ނޭޕާލް އަތުން ބަލިވެ ސްރީލަންކާއަށް ފުރުސަތު ހަނިވެއްޖެ

ސާފް ޗެމްޕިއަންޝިޕްގައި މިރޭ ކުޅުނު މެޗު 3 ލަނޑު 2 ލަނޑުން ނޭޕާލް ކާމިޔާބު ކުރުމާއެކު ސްރީލަންކާއަށް މުބާރާތުގައި އޮތް ފުރުސަތު މުޅީން ކަހަލަ ގޮތަކަށް ގެއްލިއްޖެއެވެ. މިހާރު ސްރީލަންކާއަށް އަމިއްލަ ބާރުގައި ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތެއް ނެތެވެ.

މިރޭގެ މެޗަކީ ވަރަށް ފިޒިކަލް މެޗެކލެވެ. ދެ ޓީމުންވެސް ވަރަށް "ގެރިކޮށް" ކުޅުނު ހަލުވި މެޗެކެވެ. ފުރަތަމަ ލަނޑެއް ޖެހީ ނޭޕާލެވެ. އެއީ 31 ވަނަ މިނިޓުގައި ސުމަން ލާމާ ޖެހި ލަނޑެކެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގޯލްކީޕަރުގެ އަތުގައި ޖެހިފައެވެ. ފުރަތަމަ ހާފު ނިމުނުިއރު ނަތީޖާއަކީ 1 ލަނޑު 0 ލަނޑެވެ.

ދެވަނަ ހާފުގައިވެސް ވަރަށް ހަލުވި ކުޅުމެއް ފެނިގެން ދިޔައެވެ. ދެ ޓީމުންވެސް ކުޅުނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ފިޒިކަލް ގޭމެކެވެ. ނޭޕާލް ދެވަނަ ލަނޑު ޖެހީ މެޗުގެ 51 ވަނަ މިނިޓުގައެވެ. އެއީ ނަވާޔުގް ޝްރެސްތާ ޖެހި ލަނޑެކެވެ.

ނޭޕާލް މި ލަނޑާއެކު ސްރީލަންކާ ވަރަށް ހިތްވަރު ކޮށްފައި ކުޅެން ފެއްޓިއެވެ. ހަލުވިކަމާއެކު ކުރިއަށް އަރައި ނޭޕާލްގެ ޑިފެންސަށް ބާރު ބޮޑު ކުރަމުން ގެންދިޔައެވެ. 58 ވަނަ މިނިޓުގައި ސްރީލަންކާއިން ޖެހި ފުރަތަމަ ލަނޑަކީ ވަރަށް ރީތި ލަނޑެކެވެ. އޭރިއާއިން ބޭރުގައި ހުރެފައި ހެމިލްޓަން އޮމޯލޭ ވަރަށް ބާރަށް ފޮނުވައިލި ބޯޅައެއް ކީޕަރު ޑައިވް ކުރި ނަމަވެސް އަތުގައި ނުޖެހި ގޮސް ގޯލަށް ވަނީއެވެ.

ފުރަތަމަ ލަނޑު ޖެހުމާއެކު ލަންކާގެ މުޅި ޓީމު އެޓޭކަށް ނުކުތެވެ. ނޭޕާލް ގެންދިޔައީ ޑިފެންސް ކުރަމުން ލިބޭ ބޯޅަ ހިފައިގެން ސްރީލަންކާގެ އޭރިއާ ތެރެއަށް ވަދެވޭތޯ މަސައްކަތް ކުރަމުންނެވެ. ސްރީލަންކާއިން ދެމުން ދިޔަ ވަރުގަދަ ހަމަލާތައް ވަރުގަދަ ނަމަވެސް ގޯލެއް ޖެހޭ ގޮތް ނުވެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީއެވެ. ލަންކާގެ 2 ވަނަ ލަނޑު ޖެހީ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ޖެހީ ސެނަން ޑިސިލްވާއެވެ. ދެވަނަ ލަނޑަށް ފަހުވެސް ލަންކާއިން ނުރައްކާތެރި ދެ ހަމަލާއެއް ދިނެވެ. އެކަމަކު ލަނޑެއް ޖެހޭ ގޮތް ނުވެ މެޗު ނިމުނީއެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު އިންޑިއާ ބަނގްލާދޭޝް މެޗު ނިމުނީ 1 ލަނޑު 1 ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.