ސާފް ޗެމްޕިއަންޝިޕް 2021: ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕް 2021 ގައި ދިވެހިރާއްޖެ އާއި އިންޑިއާ ބައްދަލުކުރި މެޗުުން 3 ލަނޑު 1 ލަނޑުން ރާއްޖެ ބަލި ކުރުމަށް ފަހު އިންޑިއާ މުބާރާތުގެ ފައިނަލަށް ހިނގައްޖެއެވެ.

މިރޭގެ މެޗުގައި އިންޑިއާއަށް ފައިނަލަށް ދެވެން އޮތީ ރާއްޖެ ބަލިކޮށްގެންނެވެ. މެޗު އެއްވަރު ވިޔަސް ރާއްޖެއަށް ފައިނަލަށް ދެވޭނެއެވެ.

މެޗު ފެށުމާއެކު ދެ ޓީމުންވެސް ހަމަލާއަށް އިސްކަން ދީގެން ކުޅެން ފެށިއެވެ. ރާއްޖޭގެ ޓީމުން ދޭތެރެދޭތެރެއިން ހަމަލާ ދިން ނަމަވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އިންޑިއާއެވެ.

އިންޑިއާގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 32 ވަނަ މިނިޓުގައި މަންވީރް ސިންގެވެ.

މި ލަނޑު ޖެހުމާއެކު އިންޑިއާ ކުޑަކޮށް ފަހަތަށް ޖެހިލިއެވެ. އެޔާއެކު ރާއްޖެއިން ވަރުގަދަ ހަމަލާތަކެއް އުފެއްދިއެވެ.  ރާއްޖޭގެ ލަނޑު ޖެހީ މެޗުގެ 42 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

ފުރަތަމަ ހާފު ނިމުނީ 1 ލަނޑު 1 ލަނޑުން ދެ ޓީމު އެއްވަރު ވެފައި އޮވެގެންނެވެ.

ދެވަނަ ހާފު ކުޅުން ފެށުމާއެކު އިންޑިއާގެ ހަމަލާތައް ކުރިއަށްވުރެ ވަރުގަދަ ވެގެން ދިޔައެވެ. ރާއްޖޭގެ ޓީމުންވެސް ކުޅުން ހަލުވިކޮށް ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރިއެވެ.

ދެވަނަ ހާފުގައި އިންޑިއާއިން ޖެހި ދެ ލަނޑަކީވެސް ކެޕްޓަން ސުނިލް ޗެތުރީ ޖެހި ދެ ލަނޑެވެ.

އޭގެ ފަހުންވެސް ރާއްޖެއަށް ލަނޑު ޖަހާނޭ ފުރުސަތު ލިބި ބޭކާރު ވެގެން ދިޔައީއެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭ 9 ޖަހާއިރުއެވެ. ބައްދަލު ކުރާނީ އިންޑިއާ އާއި ނޭޕާލެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.