ސާފް ޗެމްޕިއަންޝިޕް 2021: ރާއްޖޭގެ ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވެއްޖެ

ފޮޓޯ: އަވަސް އޮންލައިން/އުރީދޫ

ސާފް ޗެމްޕިއަންޝިޕް 2021 ގައި މިރޭ ނޭޕާލާއެކު ކުޅުނު މެޗުން 1 ލަނޑު 0 ލަނޑުން ރާއްޖެ ބަލިވެއްޖެއެވެ. ރާއްޖެއަކީ އެންމެ ފަހުގެ ސާފް ޗެމްޕިއަން ޓީމެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ ވަރަށް ރަނގަޅަށް ކުޅުނެވެ. ފުރަތަމަ ދިހަ ވަރަކަށް މިނިޓުގެ ތެރޭގައި ނޭޕާލް މުޅީން ފަހަތަށް ފައިބައިގެން ކުޅެން މަޖުބޫރު ކުރުވިއެވެ. ހަލުވި ޕާސް ތަކަކާއެކު ކުޅެމުން ދިޔަ ނަމަވެސް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.

ދެވަނަ ހާފުގައި ނޭޕާލްގެ ކުޅުން ރަނގަޅުކޮށް ރާއްޖޭގެ ހާފުގައި ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔައެވެ. ރާއްޖޭގެ ޓީމުން އެޓޭކު ކުރަމުން ދިޔަނަމަވެސް ފުރަތަމަ ހާފަށްވުރެ ކުޅުން ދޯދިޔާ ކަމުގައި ފެނުނެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ހަޅޭކާއި ފޯރީގެ ތެރޭގައި ނޭޕާލުން ލަނޑެއް ޖެހީ މެޗުގެ 84 ވަނަ މިނިޓުގައި ނޭޕާލްގެ މަނީޝް ދަންގީއެވެ. މިއީ ރާއްޖެއިން ކުރީ އެޓޭކެއްގައި ލިބުނު ބޯޅައެއްގައި ދިން ކައުންޓަރ އެޓޭކެއްގައި ނޭޕާލުން ޖެހި ލަނޑެކެވެ. ރާއްޖޭގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ އޭރު އޮތީ ހާފު މެދެއްހައި ހިސާބުގައި ވެއްޓިފައެވެ. އޭނާ ތެދުވެ ދުއްވައިގަތް ނަމަވެސް ނޭޕާލްގެ ކުޅުންތެރިޔާ މާ ހަލުވިކޮށް ރާއްޖޭގެ ހާފުގެ ތެރެއަށް ވަދެގަތެވެ. ދެތިން ކުޅުންތެރިން ކަޓުވައިލުމަށް ފަހު އޭނާ ފޮނުވައިލީ ބޯޅަ އަމާޒުވީ ރާއްޖޭގެ ގޯލުގެ ވާތްފަރާތު ކަނަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.