ސާފް ޗެމްޕިއަންޝިޕް 2021: ނޭޕާލް ބަލިކޮށް އިންޑިއާއިން އުއްމީދު އާކޮށްފި

ސާފް ޗެމްޕިއަންޝިޕް 2021 ގައި މިރޭ ނޭޕާލާއި އިންޑިއާ ކުޅުނު މެޗު 1 ލަނޑު 0 ލަނޑުން ކާމިޔާބުކޮށް ފައިނަލުގެ އުއްމީދު އިންޑިއާއިން އާކޮށްފިއެވެ.

މިރޭގެ މެޗު ފެށުނު ހިސާބުން ފެށިގެން ދެ ޓީމުންވެސް ކުޅެމުން ގެންދިޔައީ ދިފާއީ ކުޅުމެކެވެ. ޚާއްސަކޮށް ނޭޕާލުން ބޮޑަށް ސަމާލުކަން ދީފައި އޮތީ މުޅީންވެސް ދިފާއަށެވެ. ނޭޕާލުން އެންމެ ފަހުގެ ފަސް މިނިޓާ ހަމައަށް ވަރަށް ރަނގަޅަށް ދިފާއު ކުރިއެވެ.

އިންޑިއާގެބ ކުޅުންތެރިން ލަނޑު ޖަހަން މަސައްކަތް ކުރި ނަމަވެސް ނަތީޖާއެއް ނުނެރެވި ލަސްވަމުން ދިޔަ ވަރަކަށް ދިޔައީ ރުޅި ގަދަވަމުންނެވެ. އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާ ދިމާއަށް ނުރުހުމުގެ ބަސްތައް ބުނަމުން ދިޔަތަންވެސް ފެނުނެވެ. ޚާއްސަކޮށް ކެޕްޓަން ސުނިލް ޗެތުރީގެ ރުޅި ވަރަށް ބޮޑަށް ފެނުނެވެ. ނޭޕާލުން ކުޅެމުން ގެންދިޔައީ އޭނާވެސް ވަރަށް ރަނގަޅަށް މާކު ކޮށްގެނެވެ.

އިންޑިއާގެ ލަނޑު ޖެހީ މެޗުގެ 82 ވަނަ މިނިޓުގައި ސުނިލް ޗެތުރީއެވެ.

އިންޑިއާއިން ލަނޑެއް ޖެހުމާއެކު ނޭޕާލުން ކުރިއަށް ޖެހިލައި ހަމަލާ ދޭން ފެށިއެވެ. އެހެންނަމަވެސް އިންޑިއާއިން ގެންދިޔައީ ވަރަށް ރަނގަޅަށް ދިފާއު ކުރަމުންނެވެ. މެޗު ނިމުނީ 1 ލަނޑު 0 ލަނޑުން އިންޑިއާ މޮޅު ވެގެންނެވެ.

ޕޮއިންޓު ތާވަލަށް ބަލާއިރު މިހާރު އެއްވަނައިގައި އޮތީ 6 ޕޮއިންޓާއެކު ރާއްޖެއެވެ. ދެވަނައިގައި 6 ޕޮއިންޓާއެކި (ލަނޑުގެ ތަފާތުން) ނޭޕާލެވެ. ތިން ވަނައިގައި 5 ޕޮއިންޓާއެކު އިންޑިއާއެވެ. ހަތަރު ވަނައިގައި 4 ޕޮއިންޓާއެކު ބަނގްލާދޭޝްއެވެ. ފަސްވަނައިގައި 1 ޕޮއިންޓާއެކު ސްރީ ލަންކާއެވެ.

މިހާރު ޕިއިންޓް ތާވަލު އޮތް ގޮތުން ލަންކާ ފިޔަވައި އަނެއް ހަތަރު ޓީމަށްވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ހަތަރު ޓީމުންކުރެ ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ އެއް މެޗެކެވެ. 13 ވަނަ ދުވަހު ނޭޕާލް ބައްދަލު ކުރާނީ ބަނގްލާދޭޝްއާއެވެ. ދިވެހިރާއްޖެ ބައްދަލު ކުރާނީ އިންޑިއާ އާއެވެ. ދެ މެޗުންވެސް މޮޅުވާ ޓީމެއް ފައިނަލަށް ދާނެއެވެ. ދެ މެޗުވެސް އެއްވަރު ވެއްޖެ ނަމަ ފައިނަލަށް ދާނީ ނޭޕާލާއި ދިވެހިރާއްޖެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.