އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމަށް ގޮވާލައި އިނގިރޭސި ލޭބާ ޕާޓީން ގަރާރެއް ފާސްކޮށްފި

ބްރައިޓަންގައި ކުރިއަށްދާ ލޭބާ ޕާޓީގެ އަހަރީ ބައްދަލުވުމުގެ މަންޒަރެއް

އިސްރާއީލުން ފަލަސްޠީނު މީހުންނާ ދެކޮޅަށް ނަސްލީ ތަފާތުކުރުން ގެންގުޅޭތީ އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައި އިނގިރޭސިވިލާތު މައި އިދިކޮޅު ޕާޓީ، ލޭބާ ޕާޓީން ގަރާރެއް ފާސްްކޮށްފިއެވެ. މި ގަރާރު ފާސްކޮށްފައި މިވަނީ މި ހަފުތާ ތެރޭގައި އިސްރާއީލުގެ އުދުވާނީ ސިފައިން ހުޅަނގު އައްސޭރިއަށް އަރައި ފަލަސްޠީނުގެ 5 މީހަކު ޝަހީދުކޮށްލައި، 5 މީހަކު ޒަޚަމްކޮށްލާފައި ވަނިކޮށެވެ.

އިސްރާއީލުން ފަލަސްޠީނު މީހުންގެ ހައްގުތަކަށް އަރައިގަންނަނަމަ އިސްރާއީލަށް ހަތިޔާރުވިއްކުން ހުއްޓާލުމަށާއި، އަދި ހުޅަނގު އައްސޭރީގައި ގާނޫނާ ޚިލާފަށް ބިނާކޮށްފައިވާ ޔަހޫދީ އާބާދީތަކުގެ އުފެއްދުންތައް ގަތުން ހުއްޓާލުމަށްވެސް ބްރައިޓަންގައި ކުރިއަށް ލޭބާ ޕާޓީގެ އަހަރީ ބައްދަލުވުމުގައި ފާސްކުރި ގަރާރުގައި ގޮވާލާފައި ވެއެެވެ.

"އަލްއަޤްޞާއަށް ހަމަލާދިނުމާއި، ޝައިޚް ޖައްރާޙުގެ މީހުން އެއަވަށުން ގަދަކަމުން، ބޭލުމާއި، ޣައްޒާއަށް ހަމަލާދީ އެތައް ބަޔަކުން މަރާލުން ފަދަ އަސްކަރީ އަނިޔާވެރިކަން އިސްރާއީލުން ހިންގަމުންދާތީ ފަލަސްޠީނަށް ކުރިމަތިވެފައިވާ 'ނަކްބާ' (ބޮޑު ހިތާމަ) މި ބައްދަލުވުމުން ކުށްވެރިކުރަން." ގަރާރުގައި ވެއެވެ.

އިސްރާއީލުން ފަލަސްޠީނު މީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތަައް ބައިނަލްްއަގުވާމީ ޖިނާއީ ކޯޓުން ތަހުގީގުކުރުމަށްވެސް ބައްދަލުވުމުގެ ބައިވެރިން ވަނީ ތާއީދުކޮށްފައެވެ.

ލޭބާ ޕާޓީގެ ޒުވާނުންގެ ގޮފިން ހުށަހެޅި މިގަރާރު ބޮޑު އަޣުލަބިއްޔަތަކުން ފާސްވިޔަސް، ލޭބާ ޕާޓީގެ ވެރިން މި ގަރާރުގައިވާ ގޮތަށް އަމަލުކުރާކަށް ނުޖެހެއެވެ.  އެހެންނަމަވެެސް، މި ގަރާރުން ލޭބާ ޕާޓީ ތެރޭގައި ފަލަސްޠީނު މީހުންނާ މެދު އޮތް ޝުޢޫރު ވަނީ އެނގިގެން ގޮސްފައެވެ.

އިނގިރޭސިި ލޭބާ ޕާޓީގެ ކުރީގެ ލީޑަރު ޖެރެމީ ކޯބިންއަކީ ފަލަސްޠީނު މީހުންގެ ހައްގުތަކަށް ފާޅުގައި ތާއީދުކުރެއްވި ބޭފުޅެކެވެ. އެހެންނަމަވެސް، މިހާރުގެ ލީޑަރު ކެއާ ސްޓާމާއަކީ އިސްރާއީލާ ތަންކޮެޅެއް ގާތް ބޭފުޅެކެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުގައި އެންމެ ފަހުން ލޭބާ ލީޑަރަކު ހޮވަން ބޭއްވި އިންތިޚާބުގައި ކޯބިން މަގާމުން ދުރުކުރުމުގައި ލަންޑަނުގައި ހުންނަ އިސްރާއީލު އެންބަސީގެ ދައުރެއް ވެއެވެ.

ލޭބާ ޕާޓީގެ ހިޔަނި ކެބިނެޓްގެ ފޮރިން ސެކްރެޓަރީ (ޚާރިޖީ ވަޒީރު) ލީސާ ނެންޑީ ވިދާޅުވި ގޮތުގައި ގަރާރުގައި ހުރިހާ ކަމަކަށް ޕާޓީގެ ލީޑަޝިޕުން ތާއީދުނުކުރި ނަމަވެސް، މެދުއިރުމަތީގައި ދާއިމީ ސުލްހައެެއް ގާއިމުކުރެވޭނީ، އިސްރާއީލާއެކު މިނިވަން ފަލަސްޠީނުގެ ދައުލަތެއް އޮވެގެން ކަން ޕާޓީން ގަބޫލުކުރެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.