ޓެލްއަވީވްގައި ދިން ހަމަލާއެއްގައި ފަތުރުވެރިއަކު މަރުވެ 7 މީހުން ޒަޚަމްވެއްޖެ

އިސްރާއީލު ވިޔަފަރީގެ މައި ރަށް ޓެލްއަވީވްގައި ދިން ހަމަލާއެއްގައި އެކަކު މަރުވެ 7 މީހުން ޒަޚަމްވެއްޖެއެވެ. މީހުންނާއި ދިމާއަށް ބަޑިޖަހަމުން ބާރު ސްޕީޑްގައި މީހުންނާއި ދިމާއަށް ކާރު ދުއްވަމުން ދިން ހަމަލާގައި ބަޑީގެ ވަޒަން އަރައިގެން މަރުވެފައި ވަނީ އިޓަލީގެ ފަތުރުވެރިއަކު ކަމުގައި އިސްރާއީލުގެ ބައެއް އޮންލައިން ނޫސްތަކުގައި ބުނެފައި ވެއެވެ. ޒަޚަމްވި ގިނަ މީހުން ޒަޚަމްވެފައި ވަނީ ކާރުން ޖެހިގެންނެވެ.

ހަމަލާއަށް ފަހު ފިލަން ދުވަނިކޮށް ފުލުހުން ވަނީ ހަމަލާދިން މީހާގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ. ޢިބްރީ ބަހުން އޮތް އޭނާގެ އައިޑީ ކާޑުގެ ފޮޓޯ އާއްމުވެފައިވާއިރު، ބައެއް ޓީވީ ޗެނަލްތަކުން ބުނެފައި ވަނީ އޭނާއަކީ ކަފްރުޤާސިމް އަވަށަށް ނިސްބަތްވާ އަރަބި މީހެއް ކަމުގައެވެ.

މި ހަމަލާ އައިސްފައި ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ހަރުކަށި ޔަހޫދީ ސަރުކާރުން ފަލަސްޠީނު މީހުންނާދެކޮޅަށްދޭ އުދުވާނީ ހަމަލާތައް އިރުވެފައިވާ ދަނޑިވަޅެއްގައެވެ. ފަލަސްޠީނުގެ އެތައް އަވަށަކަށް ބަރު ހަތިޔާރާއެކު ސިފައިން އަރައި އާއްމުންނަށް ހަމަލާދީ އެތައް ބަޔަކު މަރާލުމުގެ އިތުރުން، މާތްވެގެންވާ މަސްޖިދުލް އަޤްޞާ ޙިސާރުކޮށް އެ މިސްކިތަށް ނަމާދަށް އަރާ މީހުން ގަދަކަމުން މިސްކިތުން ނެރުމުގެ އަމަލުތައް ވެސް ދަނީ ހިންގަމުންނެވެ.

ފަލަސްޠީނުގެ ފަސް ޖަމާއަތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ވާގޮތުން ޓެލްއަވީވްގައި ދިން ހަމަލާއަކީ ފަލަސްޠީނުގެ އަވަށްތަކާއި މަސްޖިދުލް އަޤްޞާގައި އިސްރާއީލުން ހިންގާ އުދުވާނީ ހަރަކާތްތަކަށް ދިން ރައްދެކެވެ.

އަނެއްކޮޅުން ފަލަސްޠީނުގެ އުތުރު އަޣުވާރު ސަރަހައްދުގެ އަލްހަމްރާގައި ފަލަސްޠީނުގެ ހަނގުރާމަވެރިން އިއްޔެ ދިން ހަމަލާއެއްގައި ޔަހޫދީ ވަޒަންވެރިއަކު މަރާލައި، ވަޒަންވެރިންގެ 3 މީހުން ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައި ވެއެވެ. ޔަހޫދީންގެ ބަޔަކު ދުއްވާފައި ދިޔަ ކާރެއްގެ ފަހަތުން ގޮސް ބަޑިން ދިން މި ހަމަލާއަށް ފަހު ހަމަލާދިން މީހުން ވަނީ ފިލާފައެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތަކުން މިހާރު ދަނީ އެ ސަރަހައްދު ބަންދުކުރުމަށް ފަހު ހަމަލާދިން މީހުން ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

ކަނާތުފިޔައިގެ ހަރުކަށި ޔަހޫދީންގެ ތާއީދާއެކު އަލުން ވެރިކަމަށް އައި ފަހުން، ހައްދު ފަހަނައަޅާފައިވާ ޔަހޫދީ ބޮޑުވަޒީރު ގެންދަނީ ފަލަސްޠީނު މީހުންނާ ދެކޮޅަށް ހިންގަމުންދާ އުދުވާނީ ހަރަކާތްތައް އިތުރުކުރަމުންނެވެ. މިކަމުގެ ސަބަބުން އިސްރާއީލު މީހުންނަށްވެސް ނުރައްކާ ވަނީ ބޮޑުވެފައެވެ. އެހެންކަމުން އިސްރާއީލު ފުލުހުންގެ އިންސްޕެކްޓަރ ޖެނެރަލް ޔާކޫބް ޝިބްތާއީ ވަނީ ހަތިޔާރު ގެންގުޅުމުގެ ލައިސަންސް އޮތް ކޮންމެ ޔަހޫދީއަކު ހަތިޔާރު ހިފައިގެން އުޅުމަށް ގޮވައިލާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.