ފަލަސްޠީނު މީހުންނަށް ވެކްސިން ޖަހަން ފެށުން އިސްރާއީލުން ފަސްކޮށްފި

ހުުޅަނގު އައްސޭރިން އިސްރާއީލަށް އެތެރެވާ ކްރޮސިން ޕޮއިންޓެއް

އިސްރާއީލުގައި އަދި ހުޅަނގު އައްސޭރީގައި އިސްރާއީލުން ބިނާކޮށްފައިވާ ޔަހޫދީ އާބާދީތަކުގައި މަސައްކަތްކުރާ ފަލަސްޠީނު މީހުންނަށް ވެކްސިން ޖަހަން ފެށުން އިސްރާއީލުން ލަސްކޮށްފިއެވެ.

ފަަލަސްތީނު ސަރުކާރާއެކު އިސްރާއީލުން ހިންގާ މުއާމަލާތްތައް ވިލަރެސްކުރާ އަސްކަރީ އިދާރާ، ކޯޑިނޭޓާ އޮފް ގަވަމެންޓް އެކްޓިވިޓީސް އިން ޓެރިޓަރީސް (ކޮގެޓް) އިން ބުނީ ވެކްސިން ޖަހަން ފެށުން ލަސްކުރަން ޖެހުނީ "އީދާރީ ލަސްތަކެއް"ގެ ސަބަބުން ކަމުގައެވެ. އަދި އެކަން ފަށާނެ ދުވަހެއް ފަހުން ކަނޑައަޅާފައި އިއުލާންކުރާނެ ކަމުގައެވެ.

ހުޅަނގު އައްސޭރީ އިސްރާއީލަށާއި، އިސްރާއީލުގެ ސިނާއީ ސަރަހައްދުތަކަށް ވަންނަ ކްރޮސިން ޕޮއިންޓުތަކުގައި ވެކްސިން ޖަަަހަން މާދަމާ ފަށާ ގޮތަށް ކުރިން އޮތީ ނިންމާފައެވެ.

އިސްރާއީލުގެ ވެކްސިންގެ އެތައް ލައްކަ ޑޯޒެއް އިތުރުވެ، ގުދަންކޮށްފައި ހުރިއިރު، އެ ގައުމުން ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނު މީހުންނަށް ވެކްސިން ނުދޭ މައްސަލައިގައި އަމާޒުވަމުންދާ ފާޑުކިއުންތައް މިކަމުގެ ސަބަބުން އަނެއްކާ އިތުރުވެގެންދާނެއެވެ. ދުނިޔޭގައި އެންމެ އަަވަހަށް އާބާދީގެ އެންމެ ބޮޑު ބަޔަކަށް ވެކްސިން ޖެހި ގައުމަކީ އިސްރާއީލެވެ. އެެހެންނަމަވެސް ފަލަސްޠީނު މީހުން ތިބީ ބާކީކޮށްފައެވެ.

އިސްރާއީލުގައި އިތުރުވެފައި ހުރި ވެކްސިން އެފްރިކާއާއި، ދެކުނު އެމެރިކާއާއި ޔޫރަޕުގެ ބައެއް ގައުމުތަކަށް ދޭންވެސް އެގައުމުން މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެކަމާމެދު ގާނޫނީ ސުވާލުތަކެއް އުފެދުމުން އެކަން ވަނީ ހުއްޓާލާފައެވެ.

ފަލަސްޠީނުގެ 1 ލައްކަ މަސައްކަތްތެރިން އިސްރާއީލުގައި މަސައްކަތްކުރެެއެވެ. އެމީހުން ކޮންމެ ދުވަހަކު ހުޅަނގު އައްސޭރިން އިސްރާއީލަށް ވަނީ އިސްރާއީލު އަސްކަރިއްޔާއިން ގާއިމުކޮށްްފައިވާ ކޮރިސިން ޕޮއިންޓުތައް ހުރަސްކޮށްފައެވެ.

ފަލަސްޠީނު ސަރުކާރަށް މިހާތަަނަށް ވެކްސިން ލިބިފައިވަނީ 6 ހާސް މީހުންނަށް ވާވަރަށެވެ. އެހެންކަމުން ހުޅަނގު އައްސޭރިއާއި ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަަށް އަދި އޮތީ ވެކްސިނަށް އިންތިޒާރުކުރުމެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.