އިސްރާއީލުގެ ޖަލުގައި ފަލަސްޠީނުގެ ގައިދީއަކު ނިޔާވުމާ ގުޅިގެން ދެފަރާތުން ހަމަލާތަކެއް ބަދަލުކޮށްފި

އިސްރާއީލުގެ ޖަލުގައި ނިޔާވި ޚަޟިރު ޢަދްނާން

އިސްރާއީލުގެ ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރަމުން ދިޔަ ފަލަސްޠީނުގެ ގައިދީއެއްކަމުގައިވާ ޚަޟިރު ޢަދްނާނު ނިޔާވުމާ ގުޅިގެން ފަލަސްޠީލުގެ ހަތިޔާރުއެޅި ޖަމާއަތްތަކާ އިސްރާއީލާ ދެމެދު ހަމަލާތަކެއް ބަދަލުކޮށްފިއެވެ. ފަލަސްޠީނުގެ އިސްލާމިކް ޖިހާދުގެ އިސް މެންބަރެއް ކަމުގައިވާ، އުމުރުން 44 އަހަރުގެ ޚަޟިރު އިއްޔެ ހެނދުނު ނިޔާވީ 87 ދުވަހަށް ދެމިގެންދިޔަ ބަނޑުހައި ހޫނުކަމުގެ ހަޅުތާލަކަށް ފަހުގައެވެ. ފެބުރުވަރީ މަހުގެ ކުރީކޮޅު އިސްރާއީލުގެ ސަލާމަތީ ބާރުތަކުން އޭނާ ހައްޔަރުކޮށް 'އިދާރީ ބަންދަށް' ބަދަލުކުރިފަހުން ޙަޟިރު ވަނީ ކާން ދެކޮޅުހަދާފައެވެ.

ޚަޟިރު ޢަދްނާން ނިޔާވި ޚަބަރު ފެތުރުމާއެކު ހުޅަނގު އައްސޭރީގައި އިހުތިޖާޖުކުރަން ނުކުތް ޒުވާނުންނާ އިސްރާއީލުގެ ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. އަދި އޭނާ ނިޔާވުމުގެ ހިތާމައިގައި ހުޅަނގު އައްސޭރީގައި އާއްމު ހަޅުތާލެއް ފަށާފައެވެ.

އިސްރާއީލު ސަރުކާރުން އިއްޔެ ބުނެފައި ވަނީ ނިޓްޒަން ޖަލުގައި ޚަޟިރު ނިޔާވީ އެއްވެސް އެއްޗެއް ކާން އޭނާ ދެކޮޅު ހަދަމުން ދިއުމާ، މެޑިކަލް ޗެކަޕް ހަދައި ފަރުވާދޭން އޭނާ ދެކޮޅު ހަދަމުން ދިއުމުގެ ސަބަބުންނެވެ. ޖަލުގައި ޚަޟިރަށް ޒިޔާރަތްކުރި ފިޒީޝަންސް ފޯ ހިއުމަން ރައިޓްސް- އިސްރާއީލްގެ ޑޮކްޓަރުންގެ ޓީމަކުން ކުރިން ބުނެފައި ވަނީ އޭނާ ވަގުތުން ހޮސްޕިޓަލަކަށް ބަދަލުކޮށް ފަރުވާދޭން ނުފަށައިފިނަމަ އޭނާގެ މަރު ވަނީ "ވަރަށް ގާތުގައި" ކަމަށެވެ.

ޚަޟިރު ޢަދްނާނަކީ ޝަހީދެއް ކަމުގައި ސިފަކުރަމުން އިސްލާމިކް ޖިހާދު ޖަމާއަތުން ބުނެފައި ވަނީ އިސްރާއީލުގެ ޖަރީމާއަށް ބަދަލުހިފާނެ ކަމުގައެވެ. އަދި އިއްޔެ އެޖަމާއަތުން ވަނީ އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދީފައެވެ.

އެންމެ ގިނަ ރޮކެޓް އަމާޒުވެފައި ވަނީ އިސްރާއީލުގެ ދެކުނުގެ ރަށެއް ކަމުގައިވާ ޢަސްޤަލާނަށެވެ. އިސްރާއީލުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ފަލަސްޠީނު ހަނގުރާމަވެރިން ވަނީ އިސްރާއީލުގެ ދެކުނުގެ އަވަށްތަކަށް 70 ވަރަކަށް ރޮކެޓް ފޮނުވާފައެވެ. އަދީ މީގެ ތެރޭން ބައެއް ރޮކެޓް 23 ކިލޯމީޓަރު ދުރަށް ދަތުރުކޮށްފައެވެ.

ރޮކެޓް ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ޣައްޒާއަށް ވައިގެ ހަމަލާތަކެއް ދީފައެވެ. މީގެ އިތުރަށް އިސްރާއީލު ސިފައިން ވަނީ ޣައްޒާ ސިޓީއާއި ޚާން ޔޫނުސަށް ބޮޑު ބަޑިން ވެސް ހަމަލާދީފައެވެ.

އެހެންނަމަވެސް، ޤަޠަރާއި، މިސްރާއި، އދ. ގެ އޮފިޝަލުންގެ މަސައްކަތުން ދެފަރާތުން މިހާރު ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން ރޭ ދަންވަރު 3:30 (ރާއްޖޭ ގަޑިން ފަތިހު 5:30) އިން ފެށިގެން ހަމަލާ ބަދަލުކުރުން ވަނީ ހުއްޓިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.