ދަންމަރު: ދެ ވައްތަރުގެ ތަޢުލީމުު

ތަޢުލީމު ބެހިފައި ވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއް ބަޔަކީ ކީރިތި ޤުރްއާނާއި ޙަދީޘުން ލިބިދޭ ތަޢުލީމެވެ. ދެވަނަ ބަޔަކީ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން ހޯދާ ތަޢުލީމެވެ. ފުރަތަމަ ބާވަތުގެ ތަޢުލީމު ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އަޅުގަނޑުމެންނަށް ދެއްވައިފައެވެ. އެ ތަޢުލީމުގެ ސަބަބުން އަޅުގަނޑުމެންނާއި ﷲ ސުބްޙާނަހޫ ވަތަޢާލާ އާ ދެމެދު އޮންނަ ގުޅުން ބަދަހި ވެގެން ދެއެވެ. އަދި މަރު ވުމަށްފަހު އަޅުގަނޑުމެން ވޭތު ކުރާނޭ ދާއިމީ ޙަޔާތަށް ތައްޔާރުވާން ފަސޭހަ ވެގެން ދެއެވެ. މީގެ އިތުރަށް އެ ދުވަހަށް ތައްޔާރު ވުމަށްޓަކައި އަޅުގަނޑުމެން ކުރަން ޖެހޭ ކަންތައްތައް އަޮޅުން ފިލަމުން ދެއެވެ. ދެވަނަ ބާވަތުގެ ތަޢުލީމުން އަޅުގަނޑުމެންގެ އާދައިގެ ދިރިއުޅުމުގައި ދިމާވާ އިޖްތިމާޢީ، އިޤްތިޞާދީ މައްސަލަތަކުގެ ބައެއް ހައްލު ހޯދެނީއެވެ.

މުސްލިމުންނަކީ މި ދެ ބާވަތުގެ ތަޢުލީމުވެސް ހޯދަން ޖެހޭ ބައެއް ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. އެހެން ނަމަވެސް މި ދެ ބައިގެ މުހިއްމު ކަމަށް ބަލާ އިރު ވަރަށް ބޮޑު ތަފާތު ތަކެއް ހުންނަ ކަމަށް އަބަދު ވެސް ގަބޫލު ކުރަން ވާނެއެވެ. ދިރިއުޅުމުގެ މައިގަނޑު މަޤްޞަދަކަށް ވާން ވާނީ ކީރިތި ޤުރްއާނާއި ޙަދީޘް ގެ ޢިލްމު އުނގެނުމެވެ. އެހެން ޢިލްމުތައް އުނގެނެން ވާނީ ހަމައެކަނި ދުނިޔޭގެ ދަތުރު ފަހި ކުރުމުގެ ބޭނުމުގައެވެ. ދީނީ ތަޢުލީމާ ނުލައި ކުރިއަށް ދާ ނަމަ އާޚިރަތް ދުވަހުން ލިބޭން އޮތް ނިޢުމަތްތައް ހޯދައިގަތުމަށްޓަކައި މި ދުނިޔޭގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާކަށް ނޭނގޭނެއެވެ. ގިނަ ފަހަރަށް އުޅެން ޖެހޭނީ ވަރަށް ބޮޑު އޮޅުންގަނޑެއްގެ ތެރޭގައެވެ. ތެދުތެދަށް ދަންނަވާ ނަމަ ދީނީ ތަޢުލީމަށް އެއްވެސް ކަހަލަ އަހައްމިއްޔަތެއް ނުދޭ މީހަކީ ފުރިހަމަ މުސްލިމެކޭ ބުނެވޭކަށް ވެސް ނޯންނާނެއެވެ.

ސެކިއުލަރ ނުވަތަ ދުނިޔަވީ ތަޢުލީމަކީ ހަމައެކަނި މި ދުނިޔޭގެ ދިރިއުޅުމަށް މަގު ފަހި ކޮށްދޭ ތަޢުލީމެކެވެ. އެ ފަދަ ތަޢުލީމެއްގެ ސަބަބުން ދަނޑުވެރިކަމާއި، މި ނޫނަސް ދުނިޔަވީ މަސައްކަތްތައް ކުރާނޭ ގޮތް ދަސް ވެއެވެ. އަންނާން އޮތް ދާއިމީ ދިރިއުޅުމަށް އަޅުގަނޑުމެން ތައްޔާރު ކޮށްދޭ ތަޢުލީމަކީ ހަމައެކަނި ކީރިތި ޤުރްއާނާއި ޙަދީޘްގެ ތަޢުލީމެވެ. ޣައިރު މުސްލިމުންނަށްވެސް މުހިއްމު ވާ ފަދައިން ދުނިޔަވީ ތަޢުލީމުގެ ބަޔަކީ މުސްލިމުންނަށްވެސް މުހިއްމު ބައެއް ކަމާ މެދަކު ޝައްކެއް ނެތެވެ. އެކަމަކު ދާއިމީ މަޤްޞަދާއި އެ ވަގުތަކަށް ބޭނުންވާ ކަމެއް ފުއްދުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ވަކި ކޮށް ދެނެގަތުމަކީ މުސްލިމުން ކުރަން ޖެހޭނޭ ކަމެކެވެ. މުސްލިމުން ކުރަން ޖެހޭ ކަމަކީ ހަމައެކަނި ކީރިތި ޤުރްއާނާއި ޙަދީޘް ދަސް ކުރުމެއް ނޫނެވެ. މީގެ އިތުރަށް އެ ތަޢުލީމާއި ދުނިޔަވީ ތަޢުލީމުގެ ތަފާތާއި މަޤްޞަދު ވެސް ވަރަށް ރަނގަޅަށް މުސްލިމުންނަށް އެނގެން ވާނެއެވެ. އަދި އެހެން ހުރިހައި ތަޢުލީމަކަށް ވުރެ ދީނީ ތަޢުލީމުގެ މުހިއްމުކަން ބޮޑު ކަމަށް ހެޔޮ ހިތުން ޤަބޫލު ކުރަން ވާނެއެވެ. (ތަރުޖަމާއެއް)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.