ދަންމަރު: ހުއްޓައިނުލައި މަސައްކަތްކުރުން

ބިޑި އަނބުރާ ކާރުޚާނާއެއްގައި މަސައްކަތް ކުރި ޒުވާނަކު މާ ގިނަ ދުވަހެއް ނުވެ އެ މަސައްކަތުގެ ހުރިހައި ހުނަރެއް ދަސްކޮށްގެން އޭނާގެ އަމިއްލަ ކާރުޚާނާ އެއް ހުޅުވައިފިއެވެ. އޭނާ އެންމެ ފުރަތަމަ އިންވެސްޓް ކުރީ ފަސް ހާސް ރުޕީސްއެވެ. އެހެން ނަމަވެސް ފަނަރަ އަހަރު ދުވަހުގެ ބުރަ މަސައްކަތަށް ފަހު އޭނާ ވެގެން ދިޔައީ ބޮޑު ކާރުޚާނާއެއްގެ ވެރިއަކަށެވެ. އެއް ދުވަހަކު އޭނާގެ ވިޔަފާރީގެ ކާމިޔާބީގެ ވާހަކަ ރައްޓެއްސަކަށް ކިޔައިދެމުން ބުންޏެވެ.

 "ކުޑަ ކުޑަ ކުއްޖަކު އުމުރުން ފަނަރަ އަހަރު ވެގެން ބޮޑުވާ ފަދައިން ވިޔަފާރިއެއް ވެސް ކުރިއަށް ދަނީ ދިގު މުއްދަތަކުންނެވެ. އަހަރެން މިހައިތަނަށް އައީ ކުއްލިއަކަށް ނޫނެވެ. މިއީ ފަނަރަ އަހަރު ދުވަހުގެ ބުރަ މަސައްކަތެވެ."

ވަކި ފަރުދެއްގެ މަސައްކަތަކަށް ވިޔަސް، ޤައުމެއްގެ މަސައްކަތަކަށް ވިޔަސް، ވިޔަފާރި ނުވަތަ އިޖްތިމާޢީ މަސައްކަތަކަށް ވިޔަސް، ކޮންމެ މަސައްކަތެއް ވެސް ނިންމައިލެވެނީ "ފަނަރަ އަހަރު" ދުވަހުންނެވެ. އެސްފިޔައެއް ޖަހާލާހައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކާމިޔާބީ އާ ހަމައަށް ވާސިލު ވާން ހިތުގައި އަޅައިގެން ކުރިއަށް ދާ މީހާ އަށް އެ އުޅެވެނީ ހުވަފެނެއްގެ ތެރޭގައެވެ. ފިޔަވަޅެއް އަޅާފައި ފުންމައިގަތުމާއެކު ތިމާގެ މަންޒިލާ ހަމައަށް ދެވިދާނެއޭ ބުނުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެހެން ނަމަވެސް ޙަޤީޤަތާ ކުރިމަތި ލާން ޖެހުނީމާ މިއީ ތެދެއް ނޫންކަން އެނގިދެއެވެ.

ގްލެން ކަނިންގހަމް އަކީ އެއް މޭލު ދުވުމުގެ ރޭހުގައި ރަން ވަނަތަކެއް ހޯދާފައިވާ މީހެކެވެ. އެއް ދުވަހަކު އޭނާ ކިޔެވި ސްކޫލްގައި ހުޅު ރޯ ވެއްޖެއެވެ. އޭނާ އަށް އެ ދުވަހު ކުރެވުނީ ވަރަށް ބިރުވެރި ތަޖުރިބާއެކެވެ. ފައި ވަރަށް ބޮޑަށް އެނދުމުގެ ސަބަބުން އޭނާ އަކަށް ފައި ގުޑުވައެއް ވެސް ނުލެވުނެވެ. އޭނާ އަށް ހިނގޭނޭ ކަމަށް ނުވަތަ ދުވެވޭނޭ ކަމަށް ޑަކްޓަރުން ކުރަމުން އައި އުއްމީދު ވަޔަށް ބުރައިގެން ހިނގައްޖެއެވެ. ޑަކްޓަރުން ބުނި ގޮތުގައި އޭނާ ސަލާމަތް ވާނީ ހަމައެކަނި މުޢުޖިޒާތަކުންނެވެ. އެ ދުވަސްވަރު ޙައިރާން ވާ ފަދަ ގޮތަކަށް ހިނގުމުގެ ނުވަތަ ދުވުމުގެ އެދުން ކަނިންގހަމް ގެ ހިތުގައި ވަރަށް ބޮޑަށް ހިނގައިގެންފިއެވެ. އޭނާގެ ސިކުނޑީގެ ހުރިހައި މަސައްކަތެއް އަމާޒު ވެގެން ދިޔައީ ހިނގުމުގެ މައްޗަށެވެ. އޭނާ އެކި ކަހަލަ ކަސްރަތުތައް ކުރަން ފަށައިފިއެވެ. މި މަސައްކަތުގެ ތެރޭގައި އޭނާ އަށް ވަރަށް މޮޅު ބުއްދިއެއް ކުރެވިއްޖެއެވެ. އޭނާ ހެދި ގޮތަކީ ފުރޮޅުލީ ދަނޑިއެއް ކަހަލަ އެއްޗެއްގެ އެހީގައި ހިނގަން ފެށީއެވެ.

ބިންމަތީގައި ފައިތިލަ ޖައްސައިލެވުމާއެކު އޭނާގެ އުއްމީދު އައު ވެއްޖެއެވެ. ވުމާއެކު ހިނގަން ކުރި މަސައްކަތް ހަލުވި ކޮށްލިއެވެ. އެންމެ ފަހުން ފެނިގެން ދިޔައީ ޑަކްޓަރުން ބުނި މުޢުޖިޒާތް ފައުޅުވީ ތަނެވެ.

އޭނާގެ އައު އީޖާދު ވެގެން ދިޔައީ ވަރަށް ކާމިޔާބު އީޖާދަކަށެވެ. އޭނާ ހަމައެކަނި ހިނގީއެއް ނޫނެވެ. ދުވަން ވެސް ފެށީއެވެ. ފަހުން އޭނާ ރޭހެއްގައި ބައިވެރިވިއެވެ. ދުނިޔޭގެ އައު ރެކޯޑެއް ގާއިމު ކުރުމަށް ފަހު އެއް މޭލު ރޭހުގެ ޗެމްޕިއަނަކަށް ވީއެވެ. މި ފުރިހަމަ ކާމިޔާބީ އޭނާ ހޯދީ އެންމެ ދުވަހަކުން، ދެ ދުވަހަކުންނެއް ނޫނެވެ. މި ކާމިޔާބީ އާ ހަމައަށް އޭނާ އަށް އާދެވުނީ ފަނަރަ އަހަރު ދުވަހުންނެވެ. ދުވުމުގެ ރޭހުގެ ޗެމްޕިއަނަކަށް އޭނާ އަށް ވެވުނީ ފަނަރަ އަހަރު ދުވަހުގެ ބުރަ މަސައްކަތުންނެވެ. ތެދު ތެދަށް ދަންނަވާ ނަމަ ފަނަރަ އަހަރު ދުވަހު މަސައްކަތް ނުކޮށް މި ދުނިޔޭގައި އެދެވޭ ކާމިޔާބީއެއް ނުހޯދޭނެއެވެ. ކުއްލި ކާމިޔާބީ އަކީ ހަމައެކަނި ﷲ އަށް ޚާއްޞަ ސިފަފުޅެކެވެ.  މި ދުނިޔެ ހައްދަވައިފައި ވަނީ ކުއްލި ކާމިޔާބީ ލިބޭ ފަދަ ތަނެއްގެ ގޮތުގައެއް ނޫނެވެ. އިންސާނާ އަށް ޖެހެނީ ދުނިޔޭގެ ކަންތައްތަކުން ފިލާވަޅު ލިބިގަންނާށެވެ. ބޭކާރު ކަންތައްތަކުގެ ތެރޭގައި ވަގުތު ނަގައިލުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ.

މި ދުނިޔޭގައި ސިކުންތަކު އެތައް ކަމެއް ހިނގައެވެ. އެ ހުރިހައި ކަމެއް ހިނގަނީ އިލާހީ ނިޔާފުޅާ އެއް ގޮތަށެވެ. އިންސާނަކު ސިކުނޑީގައި ކައްކާ ޚިޔާލީ ފޮލައެއްގެ ސަބަބުން ބިންމަތިން ވިނަކޮޅެއްހައި މިންވަރުވެސް އުނިވެގެންނެއް ނުދެއެވެ. ޤުދުރަތީ ޤާނޫނާ ޚިލާފަކަށް ކުޑަ ކުޑަ ހިންޏަކަށް ވެސް ފިޔަވަޅެއް ނޭޅޭނެއެވެ. އެހެން ކަމަށް ވާ ނަމަ އިލާހީ ޤާނޫނެއް ބަދަލު ކޮށްލުމުގެ ބާރު އިންސާނަކަށް ލިބޭނީ ކިހިނެއްތޯއެވެ؟

ކާމިޔާބީއަށް އޮތް ހަމައެކަނި ގޮތަކީ ގަދަ އަޅައި މަސައްކަތް ކުރުމެވެ. ހުއްޓައިނުލައި މަސައްކަތްކުރުމެވެ. އެކަމަކު މި މަސައްކަތް ކުރަން ވާނީ އިލާހީ ޤާނޫނުތަކަށް ބޯލަނބައިގެން، ﷲ ރުއްސަވާ ގޮތް ބަލައިގެންނެވެ. މިއީ ދުނިޔޭގެ ކާމިޔާބީ އާއި އާޚިރަތުގެ ކާމިޔާބީ އަށް އޮތް ހަމައެކަނި މަގެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.