ދަންމަރު: ތަޤުވާއަކީ ކޮބާ؟

ހިޓްލަރުގެ ވެރިކަމުގައި ޖަރުމަނުގެ ޔަހޫދީން ފެނުނު ތަނަކުން އަތުލައި، މެރުމުގެ އަމުރު އޮތީ ނެރެފައެވެ. މި އަމުރާގުޅިގެން ވަރަށް ގިނަ ޖޯކު ނުވަތަ ހެއްވާ ވާހަކަ މަޝްހޫރު ވެގެން ދިޔައެވެ. އޭގެ ތެރޭގައި ތިރީގައި މިލިޔާ ވާހަކަ ހިމެނެއެވެ.

މަގުމަތިން ޔަހޫދީއަކު ފިލަން ދުވެފައި ދަނީއެވެ. މިތަން ފެނިފައި އެހެން ޔަހޫދީއަކު ސުވާލުކުރިއެވެ. "މާ ބާރަށް ދުވެފައި ދަނީ ކޮންތަނަކަށް ހެއްޔެވެ؟" ޖަވާބުގައި އޭނާ ބުންޏެވެ. "ކަލޭވެސް އަވަހަށް ދުވެ ފިލާށެވެ." ޔަހޫދީ މީހާ އަނެއްކާވެސް އަހައިލިއެވެ. "ކިހިނެއްވީހެއްޔެވެ؟ ފިލަންވީ ކީއްވެގެން ހެއްޔެވެ؟" ދުވެފައިދާ މީހާ ބުންޏެވެ. "ޙައިވާނު ބަގީޗާއިން މިނިކާ ޖަނަވާރެއް ފިލައިފިއެވެ. އެސޮރު ފެނުނު ތަނަކުން މެރުމުގެ އަމުރު ނެރެފިއެވެ." ދެވަނަ ޔަހޫދީ މީހާ ޙައިރާންވެފައި އަހާލިއެވެ. "ތިޔަކަމާ އަހަރެމެން ގަންނަންވީ ކޮން ބިރެއްހެއްޔެވެ؟ އަހަރެމެންނަކީ މިނިކާ ޖަނަވާރުހެއްޔެވެ؟" ދުވެފައިދާ މީހާ ބުންޏެވެ. "އަހަރެމެންނަކީ މިނިކާ ޖަނަވާރެއްނޫނެވެ. އެހެންނަމަވެސް އެކަން އަހަރެމެންނަށް ސާބިތުކޮށްދެވިދާނެ ހެއްޔެވެ؟"

މި މިސާލުން އެނގޭގޮތުގައި އިންސާނާއަކީ ކޮންކަހަލަ މީހެއްކަން އެނގެނީ ބިރުގަތީމައެވެ. ބިރުގަތީމާ ކޮންމެ މައްސަލައަކީވެސް ތިމާގެ މައްސަލައެކޭ ހީވަނީއެވެ. މި މައްސަލަޔާގުޅިގެން ތިމަންގެ ގައިގައި ނުހިފޭނެ ބާވައޭ ހީވެ ޖެހިލުންވަނީއެވެ. މީހަކު ދެކެ ބިރުގަތުމަކީ އެމީހަކަށް ވުރެ ތިމާ ދެރަކަމަށް ޤަބޫލު ކުރުމެވެ. އެކަމެއް ނިންމުމުގެ އިޚްތިޔާރު އޮތީ އެމީހެއްގެ އަތުގައި ކަމަށް އެއްބަސްވުމެވެ. އެހެން މީހެއްގެ އަތުގައި އެބާރު އޮތްހާ ހިނދަކު ތިމާ އުޅެން ޖެހޭނީ ޖެހިލުންވުމުގެ ތެރޭގައެވެ. ތިމަން މިއީ ކުށްވެރި އެއްކަމަށް ނުނިންމާނެ ބާވައޭ ހިތާ ބިރުންނެވެ. އަހަންނާ އެތައް ހިސާބު ދުރު ތަނެއްގައި މަރުވެފައި އޮތް ބަކަރިއެއްގެ މަރުގެ ޒިންމާ އަހަރެންގެ ބޮލުގައި އެޅިއްޖެނަމަ، އަހަރެންގެ ކުށެއް ނެތްކަން ސާބިތުކޮށް ދެވޭނެ ބާވައެވެ؟

އެންމެ ބާރުގަދަ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. ހުރިހާ ނިންމުމެއް ޙަޤީޤީ ވެރިޔަކީ އެކަލާނގެއެވެ. އިންސާނާގެ ހިތަށް މި ޚިޔާލު ރަނގަޅަށް ވަނުމާއެކު ހިތުގައި ޖެހިލުންވުން އުފެދިގަންނާނެއެވެ. ކޮންމެ ޢަމަލެއް ކުރާއިރު ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި ޒިންމާދާރު ވާންޖެހޭނެއޭ ހިތަށް އަރާނެއެވެ. އަމިއްލަ ނަފުސު ސަލާމަތް ކުރުމުގެ އެދުން ބޮޑުވެގެންގޮސް ޢާންމުންނާއެކު ކުރެވޭ މުޢާމަލާތް ތަކުގައި ވަރަށް ބޮޑަށް ފަރުވާތެރިވާނެއެވެ. މީހުންނާމެދު ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު ކަންތައްތައް ކުރާނެއެވެ. މީހުންގެ މައްޗަށް ޙައްޤުވާ ވަރަށްވުރެ މާ ގިނައިން ހޭދަކުރާނެއެވެ. ތިމާގެ މީހަކު ނުވަތަ ރައްޓެއްސަކު ނުބައި ކަމެއް ކުރާނަމަ އެކަމެއްގެ ނުރައްކާވެސް ތިމާގެ ބޮލުގައި އެޅިފައިވާ ކަމަށް ހީކުރެވޭނެއެވެ. އާޚިރަތް ދުވަހުން މިވެނި މީހަކަށް އެވެނި ކަމެއް ކުރަން ކެރުނީ ކަލެޔާ ހެދިއޭ ބުނެވިއްޖެނަމަ އެކަމުން ރެކެން ދައްކާނީ ކޮން ޢުޒުރެއް ބާވައޭ ހިތަށް އަރާނެއެވެ. އޭނާއަށް ބާރު ނުފޯރާ ފަށުގައި ހިނގާ އަނިޔާތަކާ މެދުވެސް ބިރުގަންނާނެއެވެ. ނިޔާ އިއްވޭ ދުވަހު، ޢާންމުންނާބެހޭ ގޮތުން ބާވައިލައްވާފައިވާ ޤާނޫނުތައް ކަލެއަށް ނޭނގުނީ ކީއްވެގެންހޭ ސުވާލު ކުރެއްވިއްޖެނަމަ ދޭނީ ކޮން ޖަވާބެއް ބާވައޭ ހިތަށް އަރާފައެވެ. އޭނާގެ ދާއިރާގައި މީހަކަށް ގެއްލުން ލިބެމުން ދާތަން ފެނުމުން، މިއީ ކަލޭ އުފައްދާފައިވާ ވިޔާނުދާ މާޙައުލުގެ ސަބަބުން ހިނގާ ކަންތަކޭ ބުނެވިއްޖެނަމަ އެކަމުން މިންޖުވާން ދައްކާނޭ ހެއްކެއް އެބައޮތް ބާވައޭ ހިތަށްއަރާ، ހާސްވާނެއެވެ. މީހަކު އެހީއަކަށް އެދި އަތްދިއްކުރުމުން ޢުޒުރެއް ދައްކާފައި އެހީއެއް ނުވެ ދާންޖެހިއްޖެނަމަ ބިރުން ތުރުތުރު އަޅާނެއެވެ. އާޚިރަތް ދުވަހުން، އޭނާއާއި މުޚާޠަބުކޮށް ކަލޭ އެދުވަހު ދެއްކި ޢުޒުރަށްވުރެ ތިމަން ﷲ ގެ އަޅާއަށް އެހީވުމުގެ މުހިންމުކަން މާބޮޑޭ އެންގެވުމުން އޭނާ ހަދާނޭ ދޮގެއް ނޯންނާނެކަން އެނގޭތީއެވެ.

(މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.