ދަންމަރު: އާދައިގެ ކަންތައްތަކުން...

ރޫސީން ފުރަތަމަ ސްޕަޓްނިކް (އެވިލާތުގެ ޖައްވީ އުޅަނދު) ހަވަޔަށް ފޮނުވީ 1957 ގައެވެ. އެމެރިކާގެ އެންމެ ފުރަތަމަ ޖައްވީ އުޅަނދު ކޮލަމްބިއާ ދެ މީހުންނާއެކު ހަވަޔަށް ފޮނުވުނީ 12 އޭޕްރިލް 1981 ގައެވެ. މި އުޅަނދު ތައްޔާރު ކުރެވިފައިވަނީ ގާތްގަނޑަކަށް ސަތޭކައެއްހައި ފަހަރު ހަވަޔަށް ފޮނުވޭ ފެންވަރަށެވެ.

ކޮލަމްބިއާގެ ބަރުދަނަކީ 75 ޓަނެވެ. އެ އުޅަނދު ބަންނަން ގާތްގަނޑަކަށް ދިހަ އަރަބު ޑޮލަރު ޚަރަދު ވެފައިވެއެވެ. ބަނދެ ނިމުނީ ނުވަ އަހަރުންނެވެ. ކޮލަމްބިއާ ދެ މީހުން ގޮވައިގެން ދަތުރު ފަށައިފިއެވެ. ގަޑިއަކު 26 ހާސް މޭލު ބާރު މިނުގައެވެ. އެ އުޅަނދު 54 ގަޑިއިރު ހަވާގައި ހޭދަ ކުރިއެވެ. ބިމުގެ ވަށައިގެން 36 ބުރު ޖަހާފައި ނުވަތަ 10 ލައްކަ މޭލުގެ ދަތުރެއް ކޮށްފައި އެނބުރި ބިމަށް އައީ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ. އެނބުރި އައި ދަތުރުގައި އެކި ބާވަތް ބާވަތުގެ ރާޑަރާއި، ރޮކެޓްގެ ބޭނުން ކޮށްގެން ކޮލަމްބިއާގެ ދުވަލި މަޑުކޮށް ގަޑިއަކު 345 ކިލޯ މީޓަރަށް މަޑު ކުރެވުނެވެ. ކޮލަމްބިއާ ދުނިޔޭގެ ސަރަޙައްދަށް ވަނުމަށް ދުނިޔޭގެ ވައިގައި ޖެހި، ހޫނު ވެގެން ގޮސް ބޭރުގެ ހޫނުމިން 11500 ސެންޓިގްރޭޑަށް އެރިއެވެ. ކޮލަމްބިއާ ބަނދެފައިވަނީ ހޫނު ހިފަހައްޓާ ބާވަތެއްގެ "ފިލަ" އެއް ބޭރުގައި ޖަހައިގެންނެވެ. ވުމާއެކު މި ހޫނު ކަމުގެ ސަބަބުން އެތެރޭގައި ތިބި ދެ މީހުންނަކަށް އުނދަގުލެއް ނުވަތަ ގެއްލުމެއް ނުފޯރައެވެ.

ކޮލަމްބިއާ ތިރި ކުރީ ކެލިފޯނިއާގެ ސަހަރާގައިވާ ޖައްވީ ބަނދަރަކަށެވެ. ތިރި ކުރީ ހަމަޖެހިފައިވާ ވަގުތަށްވުރެ އެންމެ 10 ސިކުންތު ލަހުންނެވެ. އެ މަންޒަރު ބަލަން ގާތްގަނޑަކަށް ދެ ލައްކައެއްހައި މީހުން ޖަމާވެފައި ތިއްބެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި އެތައް ކުރޯޑު ބައެއް މި މަންޒަރު ޓީވީން ބެއްޔެވެ. ކެލިފޯނިއާގެ ސަހަރާގައި ބޭނުންވާ ސާމާނާއެކު، 20 އެއްގަމު އުޅަނދާއި، އެތައް މަތިންދާ ބޯޓެއް ކޮލަމްބިއާ އަށް ބޭނުން ވެދާނޭ ކޮންމެ ކަމެއް ފުރިހަމަ ކޮށް ދޭން ތައްޔާރަށް އޮތެވެ. ކޮލަމްބިއާ މައްޗަށް އަރައިގެން ދިޔައީ ރޮކެޓެއް ހެންނެވެ. އާދައިގެ ބޯޓެއްހެން ބިމުގެ ވަށައިގެން އެތައް ބުރެއް ޖެހުމަށްފަހު ތިރި ކުރީ މަތިންދާ ބޯޓެއް ހެންނެވެ.

ކޮލަމްބިއާގައި ހަވަޔަށް ދިޔަ ދެ މީހުންގެ ތެރެއިން އެކަކީ މިސްޓަރ ޖޯން ޔަންގ  (John Young) އެވެ. އޭރު އޭނާގެ ޢުމުރަކީ 50 އަހަރެވެ. 54 ގަޑި އިރު ޖައްވުގެ ޙައިރާން ކުރުވަނިވި މާޙައުލުގައި ހޭދަ ކުރުމަށްފަހު ބިމަށް ފޭބުމާއެކު އޭނާގެ ދުލުން ބޭ އިޚުތިޔާރުގައި ނުކުތެވެ.

"މިފަދަ ގޮތަކަށް ކެލިފޯނިއާ އަށް އައުމަކީ ކޮންފަދަ ބޮޑު ޢަޖާއިބެއް ހެއްޔެވެ؟"

ޖައްވުގައި އުޅުމަށްފަހު ކެލިފޯނިއާ އަށް އައުދެވުމުން، އެކަން މިސްޓަރ ޔަންގ އަށް ވެގެން ދިޔައީ ވަރަށް ބޮޑު ޢަޖާއިބަކަށެވެ. ޙަޤީޤަތުގައި މި ކާއިނާތުގެ ކޮންމެ ކަމަކީވެސް ބޮޑު ޢަޖާއިބެކެވެ. އެއްގަމު ދަތުރަކަށް ވިޔަސް، ވައިގެ ދަތުރަކަށް ވިޔަސް ނުވަތަ ފައިމަގުގައި ކުރާ ދަތުރަކަށް ވިޔަސް، ސަވާރީއެއްގައި ކުރާ ދަތުރަކަށް ވިޔަސް، ކޮންމެ ދަތުރެއްގައިވެސް ކާއިނާތުގެ ޢަޖާއިބު ވަނިވި ކަންތައްތަކާއި، މަންޒަރުތައް ފެނެއެވެ. މިކަންތައްތަކާމެދު ނުވަތަ މި މަންޒަރު ތަކާމެދު ވިސްނައިފި މީހަކު ޙައިރާންވެ އަންތަރީސް ވާނެ އެވެ. އޭނާއަށް ބޭއިޚުތިޔާރުގައި ބުނެވޭނެއެވެ. އަހަރެން ފައި މަގުގައި އެއްތަނުން އަނެއް ތަނަށް މި ކުރާ ދަތުރާއި، ޖައްވީ އުޅަނދުގައި ހަވަޔަށް ގޮސްފައި ކެލިފޯނިއާއަށް އެނބުރި އައުމާ ދެމެދު އެއްވެސް ތަފާތެއް ނެތެވެ. ހައްތަހާވެސް ޢަޖާއިބެވެ. ޢާއްމު އިންސާނުންނަށް ޢަޖާއިބު ފެންނަނީ އާދަޔާ ޚިލާފު ކަންތައްތަކުންނެވެ. ބުއްދިވެރި މީހަކީ އާދައިގެ ކަންތައްތަކުން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަ ކަމުގެ ޢަޖާއިބުތައް ދެކޭ މީހާއެވެ.

(މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.