ރާއްޖެ އަންނަން އަދި ޖެހިލުންވޭ: ރައީސް ނަޝީދު

6 މޭ 2021 ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހިންގާ ތަހުގީގުގެ ކަންތައް ނިންމައި ހަމަލާ ރާވައި ހިންގި އިސް މީސްމީހުން ހައްޔރުކުރުމުގެ ކުރީން ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއާއި ހެޔޮއެދޭ މީސްމީހުން ޖެހިލުންވާ ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހގެން ވިދާޅުވެފައި ވަނީ ޗުއްޓީ އިތުރުކޮށް ދެއްވުން އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުއްވި ސިޓީފުޅެއްގައެވެ.

އެ ސިޓީފުޅު ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މިއީ ދައުލަތުގެ އިދާރާއަކާ ނުރުހިގެން ފޮނުއްވާ ސިޓީފުޅެއް ނޫންކަމަށާއި މި ވަގުތުގެ ހާލަތަށް ރިއާޔަތްކޮށް ފޮނުއްވާ ސިޓީފުޅެއް ކަމުގައެވެ.

ސިތީފުޅުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނާއިބު ރައީސް އީވާ ޢަބްދުﷲ ގެ ބެއްލެވުމުގެ ދަށުން ރަނގަޅަށް ކުރިއަށް ދާނޭ ކަމާމެދަކު އެމަނިކުފާނު ޝައްކެއް ނުކުރައްވައެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނަވައިގެންވެސް ދިވެހި ދައުލަތާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނޭ ކަމަށާއި ޚާއްސަ ގޮތެއްގައި އިންޓަރޕާލަމެންޓަރީ ޔުނިއަނާއި ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަން މެދުވެރިކޮށް ހިންގާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކްލައިމެޓް ވަލްނަރަބްލް ފޯރަމާއެކު ކުރިއަށް ގެންދަވާނޭ ކަމަށް ރައީސް ނަޝީދުގެ ސިޓީފުޅުގައި ބަޔާން ކުރައްވާފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.