ހއ. ދިއްދޫގައި އެމްޑީޕީގެ އޮފީހެއް މިއަދު ހެނދުނު ހުޅުވައިފިއެވެ. މި އޮފީސް ހުޅުއްވައި ދެއްވީ އެމްޑީޕީގެ ރައީސް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދެވެ.
މި އޮފީސް ހުޅުއްވައި ދެއްވުމަށްފަހު އެމަނިކުފާނުވަނީ ދިއްދޫ ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވައިފައެވެ.
ރައީސް ނަޝީދުގެ ދެކަނބަލުން ދިއްދުއަށް ވަޑައިގެންނެވީ އިއްޔެ ހަވީރު އެވެ. އެރަށުން ވަނީ އެ ދެކަނބަލުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ. މިދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާއި ރަށުކައުންސިލްގެ މުވައްޒަފުންނާއި، އަދި އެއަތޮޅު ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ މެމްބަރުންނާ ވެސް ބައްދަލު ކުރައްވައިފައެވެ. މިއަދު އެމަނިކުފާނު ގެންދަވަނީ ވަކިވަކި ބޭފުޅުންނާ ބައްދަލު ކުރައްވަމުންނެވެ. އިއްޔެ އެރަށަށް ވަޑައިގެން އެމަނިކުފާނުވަނީ އެރަށުގައި ޖަޒީރާ ޕާކް ވެސް ހުޅުއްވައި ދެއްވައިފައެވެ.
މިދަތުރުފުޅަކީ ރައީސް ނަޝީދު ގިނަދުވަސް ތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމުން ސަޕޯޓަރުންނާއި އެމްޑީޕީގެ މެމްބަރުންނާ ބައްދަލުނުވެ ދުވަސްވުމުން އެމީހުންނާ ބައްދަލު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިމަހު 6 އިން 8 އަށް އެމަނިކުފާނުވަނީ އައްޑޫސިޓީއަށް ވެސް ވަޑައިގެންފައެވެ.
މިއަދު އެމަނިކުފާނު ވަނީ އެރަށުގައި ބިނާކޮށްފައިވާ ފްލެޓުތައް ބައްލަވައިލެއްވުމަށް ވަޑައިގެންފައެވެ. އަދި އެރަށުގެ ބައެއް ސަރަޙައްދުތައް ވެސް ރައީސް ނަޝީދު ވަނ ބައްލަވާލައްވައިފައެވެ.
ދިއްދޫ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދުގެ ވަގުތެއްގައި ރައީސް ނަޝީދުގެ ދެކަނބަލުން މާލެ ވަޑައިގަންނަވާނެއެވެ.