ޖޭއެސްސީ އިން އަޅުގަނޑު ދުރަށް ދިއުމަކީ މިވަގުތު ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑި: ރައީސް ނަޝީދު

ޖުޑީޝަލް ސާރަވިސް ކޮމިޝަން (ޖޭއެސްސީ) އިން އަޅުގަނޑު ދުރަށް ދިއުމަކީ މިވަގުތު ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ބޮނޑިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފު ދެއްކެވި ވާހަކަފުޅުގައި ޝަރުޢީ ނިޒާމު ހަރުދަނާކުރުމަށް ކުރައްވަންޖެހޭ އެންމެ މުހިންމު ކަމަކީ ޖޭއެސްސީގެ ކޮމްޕޮސިޝަނަށް ބަދަލު ގެނެސް، ރައީސް ނަޝީދު އެ ކޮމިޝަނާ ދުރަށް ވަޑައިގަތުންކަމަށް ވިދާޅުވުމުންނެވެ.

"އެތަނުން(ޖޭއެސްސީ) އިން މަނިކުފާނު ދުރަށް ވަޑައިގެންނެވުމަކީ، ޝަރުޢީ ނިޒާމަށްޓަކައި ކުރެވޭނެ އެންމެ ރަނގަޅު ކަންތައް ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އެއި މަނިކުފާނަކީ ވަރަށް ސިޔާސީ ބޭފުޅަކަށްވެފައި، ސިޔާސީގޮތުން ރަނގަޅު މަސައްކަތްތަކެއް ކުރައްވަން މަނިކުފާނަކީ އަދި ވަރަށް ރަނގަޅު މުސްތަޤްބަލެއް އޮތް ބޭފުޅަކަށްވާތީ، މިދެބައި އެއްކޮށްގެން ގެންދިއުމަކީ ރަނގަޅު ކަމަކަށް ނުވާތީ" ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނުކުފާނު ޖޭއެސްސީގައި އިންނަވައިގެން ރައްޔިތުންބޭނުންވާ ގޮތަށް ޝަރުޢީ ނިޒާމުގެ ކަންކަން ބަދަލުކޮށްދެއަވާނެކަމަށެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޙުސްނުއްސުޢޫދު ޢައްޔަން ކުރުމާމެދު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯރޓަށް ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ވިދާޅުވީ ޙުޞްނު ސުޢޫދަކީ ރައީސް ނަޝީދު ފިޔަވައި ރާއްޖޭގައި ހުންނެވި އެންމެ ވަރުގަދަ ސިޔާސީ ބޭފުޅާ ކަމަށެވެ. އެފަދަ ސިޔާސީ ބޭފުޅަކު ސްޕްރީމް ކޯރޓްގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމަށް، ނަންފޮނުވުމަކީ ވަރަށްބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސުޢޫދަކީ ޢިލްމީ ގޮތުން ޤާބިލް ފަންނީ ބޭފުޅެއްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު ސުވާލަކީ ސަރުކާރަށް މިއަށް ވުރެ ރަނގަޅު ބޭފުޅަކު ނުފެނުނީ ބާއޭ؟ ނުވަތަ ސަރުކާރުގެ އިޚްލާސް ތެރިކަމެއް އެބަ އޮތްބާއޭ؟ އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިއަށްވުރެ ރަނގަޅު ބޭފުޅުން ތިއްބަވާނެ. ޙުސްނު ސުޢޫދަކީ ސިޔާސި ރަގަނޅު މަޤާމެއް އަދާކުރަން ރަނގަޅު ބޭފުޅެއް. އެހެން ނަމަވެސް މިމަޤާމަށް (ފަނޑިޔާރު) ކަމަށް އެމަނުކުފާނު އައްޔަން ކުރުމަކީ ޝަރުޢީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭނެ މަސައްކަތަކަށް ނުވާނެ" އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ވަރުގަދަ ސިޔާސީ ބޭފުޅާކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފު ވިދާޅުވުމުން، ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ސިޔާސީ ބޭފުޅެއް ނޫންކަމަށާއި މަޖިލީހުގެ ރައީސް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިންތިޚާބީ ރައީސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.