ރައީސް ޓްރަމްޕްގެ "ސައްތައިގެ ޑީލް"

ފަލަސްޠީނުގެ މައްސަލަ ޙައްލު ކުރުމަށް ޓަކައި އެމެރިކާއާއި އިސްރާއީލު ގުޅިގެން ރާވަފައިވާ އައު މަޝްރޫޢު ވައިގައި ހިއްޕުވޭތޯ ރައީސް ޓްރަމްޕާއި ބޮޑުވަޒީރު ނަތަންޔާހޫ ވަރަށް ގިނަ މަސައްކަތްތަކެއް ސިއްރާއި ފާޅުގައ ކުރައްވަމުން ގެންދަވާތަން ފެނެއެވެ. މި މަސައްކަތްޕުޅުތަކުގެ ފުރަތަމަ ފިޔަވަޅަކަށް ވެފައިވަނީ އިސްރާއީލުގެ ވެރިރަށަކީ ހިފާފައިވާ ޤުދުސް ކަމުގައި ރައީސް ޓްރަމްޕް ޤަބޫލުކުރެއްވުމެވެ. ބައިނަލްއަޤވާމީ ހުރިހާ ޤަރާރުތަކަކަށް ގޮންޖައްސަވަމުން ރައީސް ޓްރަމްޕް މި ކަން ކުރެއްވުމާ ވިދިގެން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ އެމެރިކާއާއެކު ޞުލްޙައަށް ޓަކައި މަސައްކަތް ކުރެއްވުން ހުއްޓައިލައްވައިފައެވެ.

ރައީސް ޓްރަމްޕްގެ މި މަޝްރޫޢު ޢަރަބި އިސްލާމީ ދުނިޔޭގައި މަޝްހޫރު ވެފައި ވަނީ  "ސައްތައިގެ ޑީލް" ގެ ނަމުންނެވެ. މި ޑީލުގެ އަމާޒަކީ ފަލަސްޠީނުގެ މައްސަލައިގެ ރާސްތާ ބަދަލުކޮށްލުމެވެ. ފަލަސްޠީނުގެ މައްސަލަ ޙައްލު ކުރުމަށް ޓަކައި މިހާރު އެއްބަސްވެފައިވާ އެއްބަސްވުންތައް ބުނާގޮތުގައި ފަލަސްޠިނުގެ ބިމުގައި ދެ ދައުލަތެއް ޤާއިމު ކުރެވޭނެއެވެ. އެއް ދައުލަތަކީ އިސްރާއީލޭ މި ކިޔާ ދައުލަތެވެ. އަނެއް ދައުލަތަކީ ފަލަސްޠީނުގެ ދައުލަތެވެ. މި ދައުލަތުގެ ވެރިރަށަކަށް ވާނީ ޤުދްސެވެ. ނުވަތަ ހިފާފައިވާ އިރުމަތީ ޤުދްސެވެ. މި ދައުލަތަގެ ސަރަޙައްދަކަށް ވާނީ 1967ގެ 6 ދުވަހުގެ ހަނގުރާމައިގެ ކުރިން ފަލަސްޠީނަށް ލިބިފައިވާ ސަރަޙައްދެވެ.

މި "ޑީލް" ޢަރަބީންނަށް ވިއްކުމަށް ޓަކައި ބަޙްރައިނުގެ ވެރިރަށް މަނާމާގައި މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު  މަސައްކަތު ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގައި ރައީސް ޓްރަމްޕް ތަމްސީލު ކުރައްވާފައިވަނީ އޭނާގެ ދަނބިދަރިކަލުން ކުޝްނަރއެވެ. ފަލަސްޠީނުގެ އެއްވެސް ބޭފުޅަކު މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ. މި ބައްދަލުވުމުގައި ބައިވެރިވި ޢަރަބި ޤައުމުތަކަކީ: ބަޙްރައިނާއި ސަޢޫދީ ޢަރަބިއްޔާއާއި، އިމާރާތާއި، ޤަޠަރާއި، މިޞްރާއި، މަޣްރިބާއި، އުރްދުނެވެ. ރަސްމީ ސިފައެއްގައި ދެކޮޅު ހެދި ޢަރަބި ޤައުމުތަކަކީ: ފަލަސްޠީނާއި ޢިރާޤާއި ލުބްނާނެވެ.

އެމެރިކާއިން މި މަސައްކަތު ބައްދަލުވުމަށް ދީފައިވަނީ ވަރަށް  "ނަލަ" ނަމެކެވެ. "ފާގަތިކަމަށް ޓަކައި ސުލްޙަ" އެވެ. ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް މި ބައްދަލުވުމާ ދެކޮޅު ހައްދަވަމުން ވިދާޅުވީ "މައްސަލަ ޙައްލު ކުރަން އެންމެ ފުރަތަމަ ވެސް ފަށަންވީ ސިޔާސީ ގޮތުންނެވެ. މަނާމާގެ ބައްދަލުވުމަކީ އިޤްތިޞާދީ މައްސަލަތަކަށް ޓަކައި ބޭއްވޭ ބައްދަލުވުމެކެވެ. އަހަރެމެން ވެސް އިޤްތިޞާދަށާއި މުދަލަށާއި އެހީއަށް ބޭނުން ވެއެވެ. އެހެނަސް އެންމެ ފުރަތަމަ ޙައްލަކަށް ވާން ޖެހޭނީ ސިޔާސީ ޙައްލެވެ. 67ގެ ސަރަޙައްދުގައި ފަލަސްޠީނު ދައުލަތް ޤާއިމުކުރުމެވެ. އެއަށްފަހު އަހަރެމެން ދުނިޔޭގެ ކިބައިން އެހީއަށް އެދޭނަމެވެ. އަހަރެމެންނަށް އެހީވެދޭށޭ ބުނާނަމެވެ." 

މި ލިޔުމުގައި ބަލައިލާނީ މި "ޑީލް" ގައި ހިމެނޭ މުހިއްމު ނުކުތާތަކާ ބެހޭގޮތުން އިސްލާމީ ދުނިޔޭގެ ބޮޑެތި ޢިލްމުވެރީންގެ  ވާހަކަފުޅުތަކަށެވެ.

ފުރަތަމަ ނުކުތާ: ޤުދްސަކީ ޔަހޫދީ ކިޔާނުގެ ވެރިރަށް ކަމުގައި ޤަބޫލުކުރުން: މި ކަން ޤަބޫލުކުރުމުގެ މާނައަކީ ފަލަސްޠީނު ބިމުގެ ޙައްޤުވެރީންނަކީ ޔަހޫދީންކަމަށް އިޢުތިރާފު ވުމެވެ. ބައެއްގެ ބިމެއް ގަދަކަމުން އައްޞުން އަތުލުމަކީ  އެ ތަނުގެ މިލްކިއްޔަތު އެ ހިފި ބަޔަކަށް ލިބިދޭނޭ ކަމެއް ނޫނެވެ. މިހެންވެ، އިސްލާމީ ފިޤްހު ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މި ކަންކުރުމަކީ ޙަރާން ކަމެކެވެ. އެއީ ބޮޑުވެގެންވާ ފާފައެކެވެ. އެއީ އުއްމަތަށް ވެވޭ ޚިޔާނަތެކެވެ. އެއީ މުސްލިމުންގެ ބިންތަކެއް ނަގައިލުމެވެ.މި ކަމާ ބެހޭ ގޮތުން ނެރެވިފައިވާ މުހިއްމު ބައެއް ފަތުވާތައް:-

އުރްދުންގެ ފަތުވާ މަޖިލީހުގެ ފަތުވާ: މި ކަމާ ބެހޭގޮތުން އެމެރިކާގެ ކޮންގްރެސްއިން  ޤަރާރެއް ނެރުމާ ވިދިގެން އުރްދުންގެ ފަތުވާ މަޖިލީހުން ނެރުނު ފަތުވާ ބުނާ ގޮތުގައި، ޞިހްޔޫނީ ކިޔާނުގެ ވެރިރަށަކީ ޤުދުސް ކަމަށް ޤަބޫލު ކުރުމަކީ ޙަރާންކަމެކެވެ. މިފަތުވާ ބުނާގޮތުގައި، އެމެރިކާގެ ކޮންގްރެސްގެ މި ޤަރާރަކީ، މި ބިމުގައި ދިރިއުޅޭ ކޮންމެ މުސްލިމެއްގެ ޢަޤީދާއަށް ދެވުނު ހަރުކަށި ޢުދްވާނެކެވެ. އިސްރާއީލުން ހިންގާ ޢުދްވާނީ ޙަމަލާތަކާއި އަނިޔާގައި އެމެރިކާއަކީ ބައިވެރިއެއް ކަން މި ޤަރާރުން ސާބިތުވެއެވެ. މާތްވެގެންވާ ޤުދްސަކީ މުސްލިމުންގެ ޢަޤީދާއާ ގުޅިފައިވާ ތަނެކެވެ. ކޮންމެ މުސްލިމަކު ވެސް އެ ރަށް ރައްކައުތެރި ކުރަން ޖެހޭނެއެވެ.

އަޒްހަރުގެ ފަތުވާ ކޮމެޓީން 1947ގައި ނެރެފައިވާ ފަތުވާ: އަޒްހަރުން މި ފަތުވާ ނެރެފައިވަނީ އދ ގެ ޢާއްމު ޖަމްޢިއްޔާއިން ފަލަސްޠީނުގެ ބިން ބެހުމާ ބެހޭގޮތުން ނެރުނު ޤަރާރު ފާސްކުރުމުންނެވެ. މި ފަތުވާގައި މަސްޖިދުލްއަޤްޞާ ރައްކައުތެރިކުރުމަކީ  ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށާއި، ޢިބްރީ ދައުލަތަކާއި އަރަބި ދައުލަތެއް ޤާއިމު ކުރުމަށް ޓަކައި ފަލަސްޠީނުގެ ބިން ބެހުމަކީ ޙަރާންކަމެއް ކަމަށް ބުނެފައި ވެއެވެ. މި ފަތުވާގައި އަޒްހަރުގެ 26 ޢާލިމަކު ސޮއިކުރައްވާފައި ވެއެވެ. އެބޭފުޅުންގެ ތެރޭގައި އައްޝައިޚު މުޙައްމަދު ޙަސަނައިނި މަޚްލޫފާއި، އައްޝައިޚު ޢަބްދުލްމަޖީދު ސަލީމާއި، އައްޝައިޚު މަޙްމޫދު ޝަލްތޫތާއި،  އައްޝައިޚު މުޙައްމަދު ދިރާޒު ފަދަ އަޒްހަރުގެ އިމާމުކަމާއި އަޒްހަރުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުން ހިމެނެއެވެ. މި ފަތުވާ ބުނާގޮތުގައި "މި ޤަރާރަކީ މި ފަދަ ޤަރާރެއް ފާސްކުރުމުގެ ބާރާއި ޙައްޤު ލިބިގެންނުވާ ފަރާތަކުން ފާސްކޮށްފައިވާ ޤަރާރަކަށް ވާތީ މި ޤަރާރަކީ ބާޠިލު ޤަރާރެކެވެ. މި ޤަރާރަށް ޢަދްލުއިންސާފުގެ ކުޑަ މިންވަރެއް ވެސް ލިބިގެން ނުވެއެވެ. އެހެނީ ފަލަސްޠީނަކީ ޢަރަބީންނާއި މުސްލިމުންގެ މިލްކެކެވެ."

ދެވަނަ ނުކުތާ: ޤުދްސާއި އައްސޭރިގެ ޙައްޤު  ދޫކޮށްލުން:  މީގެ މާނައަކީ ޤުދްސުގެ ޙައްޤުވަންތަކަން ޢިބްރީ ކިޔާނަށް ލިބިގެންވާ ކަން ޤަބޫލު ކުރުމެވެ. އަދި މީގެ އިތުރަށް ހުޅަނގު އައްސޭރީގެ ބޮޑު ބައެއް ޢިބްރީ ދައުލަތަށް ޙައްޤުވެގެންވާ ކަން ބަލައިގަތުމެވެ، މިޢި ވެސް ޝަރްޢީ ގޮތުން ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. ފަލަސްޠީނުގެ ބިމުން އެންމެ ކައިވަތެއްގެ މިންވަރުން ވިޔަސް ތަނާޒުލުވުން ހުއްދަވެގެން ނުވާނެކަމަށް އެތައް ފަތުވާތަކެއް ނެރެވިފައި ވެއެވެ.  

އިސްލާމީ އުއްމަތުގެ ފިޤްހު ޢިލްމުވެރީންގެ ފަތުވާ: ހިޖްރައިން 1410ވަނަ އަހަރު އިސްލާމީ ދުނިޔޭގެ މަޝްހޫރު 60 ޢާލިމުންނަކާއި ފަޤީހުންނެއް ނެރުއްވާފައިވާ ފަތުވާއެއް ބުނާގޮތުގައި ފަލަސްޠީނުގެ ބިމުގައި ޔަހޫދީންނަށް އެއްވެސް ޙައްޤެއް ލިބިގެންވާ ކަން ޤަބޫލުކުރުން ޙަރާންވާނެއެވެ. އަދި ފަލަސްޠީނުގެ ބިމުން އެންމެ ކައިވަތެއްވެސް ދޫކޮށްލުން ޙަރާންވާނެއެވެ. މި ފަތުވާގައި ސޮއިކުރައްވާފައިވާ ޢާލިމުންގެ ތެރޭގައި : އައްޝައިޚު މުޙައްމަދުލް ޣަޒާލީއާއި، ޑރ. ޔޫސުފުލް ޤަރްޟާވީއާއި، ޑރ. ވަހްބާ އައްޒުޙައިލީއާއި، ޑރ. ޚާލިދުލްމަޛްކޫރާއި، ޑރ. ޢުޖައިލުއްނަޝްމީއާއި، ޑރ. ޖާސިމު މުހަލްހަލާއި، ޑރ. ތައުފީޤުލް ވާޢީއާއި، އައްޝައިޚު ނާދިރުއް ނޫރީއާއި، ޑރ. ޢީސާ ޒަކީ ފަދަ ބޭބޭފުޅުން ހިމެނި ވަޑައިގަންނަވައެވެ. މި ފަތުވާ ބުނާގޮތުގައި ޔަހޫދީންނަށް ފަލަސްޠީނުގެ ބިމުން އެންމެ ކައިވަތެއްގެ މިންވަރު ވިޔަސް ދިނުމުގެ ޙައްޤު އެއްވެސް މީހަކަށް ވެސް އަދި އެއްވެސް ފަރާތަކަށް ވެސް ލިބިގެން ނުވެއެވެ. މިއީ ﷲއަށާއި ރަސޫލާއަށާއި މުސްލިމުންނާ ޙަވާލު ކުރައްވާފައިވާ އަމާނަތަށް ޚިޔާނަތްތެރިވުމެކެވެ.  މާތްﷲ ވަޙީ ކުރެއްވިއެވެ. يَا أَيُّهَا الَّذِينَ آمَنُواْ لاَ تَخُونُواْ اللّهَ وَالرَّسُولَ وَتَخُونُواْ أَمَانَاتِكُمْ وَأَنتُمْ تَعْلَمُونَ الأنفال: 27 – "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللّه އަށާއި، رسول އާއަށް ތިޔަބައިމީހުން خيانة ތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ أمانة ތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން خيانة ތެރި ނުވާށެވެ!" ﷲއާއި ރަސޫލާއާއި މުސްލިމުންގެ ދުޝްމަނުންނަށް މުސްލިމުންގެ ބިންތައް ދޫކޮށްލުމަށްވުރެ ބޮޑު ޚިޔާނަތެއް ނުއޮންނާނެއެވެ.

އައްޝައިޚު އިބްނު ބާޒުގެ ފަތުވާ: ޞިހްޔޫނީން ފަލަސްޠީނުގެ ބިމަށް އަރައިގަންއަރައިގަތުމާ ބެހޭގޮތުން އައްޝައިޚު ބިން ބާޒާ ސުވާލުކުރެވުނު ހިނދު ރަޙިމަހު ﷲ ވިދާޅުވިއެވެ. "އެބައިމީހުންގެ މައްޗަށް ވާޖިބުވެގެން ވަނީ އެބައިމީހުންނަށް ލިބިފައިވާ އެންމެހައި ބާރުތައް ބޭނުންކޮށްގެން އެބައިމީހުންގެ ދީނާއި އެބައިމީހުންގެ ނަފްސާއި އެބައިމީހުންގެ އަނބިދަރީން ދިފާޢުކޮށް އެބައިމީހުންގެ ބިމުން ޢަދުއްވުން ބޭރަށް ލުމަށް މަސައްކަތް ކުރުމެވެ." ބިން ބާޒުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "މި ކަމުގައި ހުރިހާ އިސްލާމީ ޤައުމުތަކަކުން އެމީހުންނަށް ވާގިވެރިވެ އެހީތެރިވުން ވާޖިބު ވާނެއެވެ."

ޝައިޚު ޢިކްރިމާތ ޞަބްރީގެ ފަތުވާ: ފަލަސްޠީނުގެ ކުރީގެ މުފްތީ ޝައިޚު ޢިކްރިމަތު ޞަބްރީ ނެރުއވި ފަތުވާއެއްގައި އައިސްފައި ވެއެވެ. "ޤުދްސު ނުވަތަ ޤުދްސުގެ ބައެއް ވިޔަސް ޢަދުއްވުންނަށް ދޫކޮށްލުމަކީ ޙަރާންވެގެންވާ ކަމެކެވެ. އަދި އައްޞުން ފޭރިގަންފައިވާ ބިމަކުން  ތަނާޒުލު ވުމަކީ ބޮޑުވެގެންވާ ޙަރާންކަމެކެވެ. މި އަސާސުގެ މަތީގައި ޔަހޫދީންނާއެކު ޢަރަބި އެއްވެސް ޒަޢާމަތަކުން އެއްބަސްވާ ކޮންމެ އެއްބަސްވުމެއް ވާނީ ބާޠިލު އެއްބަސްވުމަކަށެވެ.

ތިންވަނަ ނުކުތާ: ފަލަސްޠީނު މީހުން އެމީހުންގެ ބިމަށް އެނބުރި އައުމުގެ ޙައްޤުން ތަނާޒުލުވުން: އިސްލާމީ އުއްމަތުގެ މިއަދުގެ ބޮޑެތި ޢިލްމުވެރިން މި ކަމަކީ ޙަރާން ކަމެއް ކަމުގައި ފަތުވާ ދެއްވައިފައިވެއެވެ.

އައްޝައިޚު ޢިކްރިމަތު ޞަބްރީ ވިދާޅުވާ ގޮތުގައި ފަލަސްޠީނުގެ ބިމަށް ބަދަލެއް ނެގުމަކީ އެ ބިން ވިއްކައިލުންފަދަ ކަމެކެވެ.އެއީ ޝަރްޢީ ގޮތުން ހުއްދަވެގެންވާނެ ކަމެއް ނޫނެވެ.މި ދިޔަ ސައްތައިގެ ތިރީހުގެ އަހަރުތަކުގެ ތެރޭގައި ޢިލްމުވެރިން ވަނީ ފަލަސްޠީނުގެ ބިމުން އެއްވެސް ބިންކޮޅެއް ވިއްކުން ހުއްދަވެގެން ނުވާނެ ކަމަށް ފަތުވާ ނެރުއްވައިފައެވެ. އެ ޢިލްމުވެރިންގެ ފަތުވާތައް ބުނާގޮތުގައި ފަލަސްޠީނުގެ ބިމަކީ ގަނެވިއްކުން ހުއްދަ މުދަލެއް ނޫނެވެ. އެހެންކަމުން އެނބުރި ބިމަށް ރުޖޫޢަވުމާއި ލިބުނު ގެއްލުމަށް ބަދަލު ނެގުމަކީ ޝަރްޢު ހުއްދަކުރާ ކަމެކެވެ.އެކަމަކު ބިމަށް އެނބުރި ރުޖޫޢަވުން ނުވަތަ ބަދަލު ނެގުން މިއީ ޞައްޙަވާނެ ކަމެއް ނޫނެވެ.ބިމުގެ ބަދަލުގައި ބަދަލު ނެގުމަކީ ޙަރާންވެގެންވާނެ ކަމެކެވެ. ބިމަށް އެބުރި ދާން ބޭނުންނުވާ މީހުންނަށް ވެސް ބަދަލު ނެގުން ހުއްދަ ނުވާނެތެވެ.

ޑރ. ޤަރްޟާވީ ވިދާޅުވާ ގޮތުގައި ދުނިޔޭގެ އެތަންމިތަނަށް ވިއްސިވިހާލިކޮށްލެވިފައިވާ ފަލަސްޠީނު މީހުންނަށް ބިލިޔަނުންބިލިޔަނުން ފައިސާދިނަސް އެއީ ބަދަލެއް ކަމުގައި ބަލައިގަތުން ހުއްދަ ނުވާނެތެވެ. އެހެނީ މުސްލިމުންގެ ވަޠަނެއް ވިއްކައިލުން  ހުއްދަވެގެން ނުވެއެވެ. އަދި އެބިމުން ތަނާޒުލުވުން ވެސް އަދި އެ ބިމަށް ބަދަލު ނެގުން ވެސް ހުއްދަ ނުވާނެތެވެ.

އިސްތަންބޯލު ބަޔާން: މަނާމާގެ  މަސައްކަތު ބައްދަލުވުން ފެށުނު ދުވަހު މި މަސައްކަތު ބައްދަލުވުން ކުށްވެރިކޮށް ދުނިޔޭގެ އިސްލާމީ ބައެއް ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން ތުރްކީގެ މައި ސަހަރެއް ކަމުގައިވާ އިސްތަންބޯލުގައި ބައްދަލުވުމެއް ބާއްވައި މި މަސައްކަތް ކުށްވެރިކޮށް ބަޔާނެއް ނެރުނެވެ.މި ބައްދަލުވުމުގައި ބައިވެރިވި ޖަމްޢިއްޔާތަކަކީ "ފަލަސްޠީނުގެ ހައިއަތު ޢުލަމާއި ފަލަސްޠީނަ" އާއި،  "އަލްއިއްތިޙާދުލްޢާލަމީ ލި ޢުލަމާއިލް މުސްލިމީން" އާއި، މަޣްރިބު ކަރައިގެ "ރާބިޠަތު ޢުލަމާއިލް މަޣްރިބުލްޢަރަބީ" އާއި  ޢިރާޤުގެ "ހައިއަތު ޢުލަމާއިލް ޢިރާޤި" އާއި ލުބްނާނުގެ "ހައިއަތު ޢުލަމާއި ލުބްނާން" އާއި ، ލީބިޔާގެ "ދާރުލްއިފްތާއި" އާއި، ޖަޒާއިރާއި ސޫދާނު ފަދަ ޤައުމުތަކުގެ "ހައިއަތުލް ޢުލަމާއި" އެވެ.

މި ޖަމްޢިއްޔާތަކުން ނެރުނު ބަޔާނުގައި ހިމެނޭ މުހިއްމު ނުކުތާތަކަކީ:-

1. ފަލަސްޠީނުގެ މައްސަލައަކީ ހަމައެކަނު ފަލަސްޠީނާ ބެހޭ ކަމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ މުޅި އިސްލާމީ އުއްމަތުގެ މައްސަލައެކެވެ. ފަލަސްޠީނުގެ ބިމުން އެންމެ ވެލިފުކެއް ދޫކޮށްލުމަކީ ވެސް އަދި ޞިހްޔޫނީންނަށް އެ ބިމުގައި ޙައްޤެއް ލިބިފައިވާ ކަމަށް ކުރާ ދަޢުވާ ޤަބޫލު ކުރުމަކީ ވެސް  ޙަރާން ކަމެކެވެ.

2. މުސްލިމުންގެ އަތުން ފޭރިގަންފައިވާ ބަރަކާތްތެރި ބިމުގައި ޞިހްޔޫނީންނަށް އެމީހުންގެ ކިޔާނެއް ޤާއިމު ކުރުމުގެ ޙައްޤު ލިބިގެންވާ ކަން ޤަބޫލު ކުރުމާ ނުވަތަ ބަލައިގަތުމާ ބެހޭގޮތުން އެ ޢަދުއްވާއެކު އެއްވެސް ކަހަލަ އެއްބަސްވުމެއް ހެދުމަކީ ޙަރާން ކަމެކެވެ.

3. ބަޙްރައިނުގެ މަސައްކަތު ބައްދަލުވުމުގައި ބައިވެރި ވުމަކީ ޝަރްޢީ ގޮތުން ޙަރާން ކަމެކެވެ. އަދި އެއީ ﷲއަށާއި އެކަލާނގެ ރަސޫލާއަށާއި މުއުމިނުތަކުންނަށާއި އިސްލާމީ މުޤައްދަސާތުތަކަށާއި ޝަހީދުންގެ ލެއަށް ވެވޭ ޚިޔާނަތެކެވެ.

4. މި މަސައްކަތު ބައްދަލުވުން ނާކާމިޔާބުކޮށްލުމަށާއި އެ މަޝްރޫޢާ ކުރިމަތިލުމަށް ޓަކައި ކޮންމެ މީހަކުވެސް އެމީހެއްގެ ހައިސިއްޔަތުންނާއި އެމީހަކަށް ލިބިފައިވާ ތަނަވަސްކަމަކާއި ޤާބިލުކަމެއްގެ ބޭނުންކޮށްގެން މަސައްކަތް ކުރުމަކީ ވާޖިބު ކަމެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. انْفِرُواْ خِفَافاً وَثِقَالاً وَجَاهِدُواْ بِأَمْوَالِكُمْ وَأَنفُسِكُمْ فِي سَبِيلِ اللّهِ ذَلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَالتّوبة: 41 - މާނައީ: "ލުއިކަމާއެކުގައްޔާއި، ބުރަކަމާއެކުގައި، ތިޔަބައިމީހުން (ހަނގުރާމައަށް) ނުކުންނާށެވެ! އަދި ތިޔަބައިމީހުންގެ މުދާތަކާއި، نفس ތަކުން اللَّه ގެ މަގުގައި جهاد ކުރާށެވެ! ތިޔަބައިމީހުންނަށްޓަކައި، އެގޮތް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭކަމުގައި ވާނަމައެވެ."

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.