ޔޫރޯ 2020: ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށްފައި ސްވިޓްޒަލެންޑް ކުއާޓަރ ފައިނަލަށް

ދުނިޔޭގެ ފުޓުބޯޅަ ޗެމްޕިއަން ފްރާންސް ބަލި ކޮށްފައި ސްވިޓްޒަލެންޑް ޔޫރޯ 2020 ގެ ކުއާޓަރ ފައިނަލަށް ހިނގައްޖެއެވެ. ރޭ 12 ޖެހި އިރު ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީވެސް ސްވިޓްޒަލެންޑުންނެވެ. އެއީ މެޗުގެ 15 ވަނަ މިނިޓުގައި ހެރޮސް ސެފެރޮވިޗު ޖެހި ލަނޑެކެވެ.

ފުރަތަމަ ހާފުގައި ފްރާންސްގެ އަސްލު ކުޅުމެއް ނުފެނެއެވެ. ލަނޑު ޖަހާނޭ ހުސް ފުރުސަތެއް ހޯދިފައި ވަނީ ވަރަށް މަދުންނެވެ. އަމުދުން ގޯލަ އަމާޒުކޮށް ނުރައްކާތެރި ބޯޅައެއް ފޮނުވައިލެވޭ ގޮތެއް އޮތީ ނުވެފައެވެ. އެހެން ނަމަވެސް ދެވަނަ ހާފުގައި ކުޅެން އެރީ ފޯމޭޝަނަށް ބަދަލެއް ގެނެސްގެންނެވެ. ފުރަތަމަ ނިނިޓުން ފެށިގެންވެސް ހަމަލާއަށް އަރާން ފެއްޓިއެވެ. ފުރަތަމަ ހާފު ފެށިގެން އަށް މިނިޓު (53 ވަނަ މިނިޓުގައި) ވީތަނާ ސްވިޓްޒަލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. ރޮޑްރިގޭޒް ޖެހި މި ޕެނަލްޓީ ގޯލްކީޕަރު މަތަކުރީއެވެ.

ފްރާންސްގެ ފުރަތަމަ ލަނޑު ޖެހީ 57 ވަނަ މިނިޓުގައި ބެންޒެމާއެވެ. އެމްބާޕޭ އެންޒެމާއަށް ފޮނުވައިލީ ބޯޅަ އޭނާ ފައިގައި ޖައްސައިލުމަށް ފަހު ކުރިމައްޗަށް ބޯޅަ ގެނައީ އޭނާގެ ފުރަގަހުންނެވެ. އެހެންވީމާ އޭނާ މާކް ކުރަން އަރައި އޮތް ދިފާއީ ކުޅުންތެރިޔާއަކަށް އެ ބޯޅަ ފެންނަ ގޮތެއް ނުވިއެވެ. ބެންޒެމާ ވަރަށް ފަސޭހަކަމާއެކު ބޯޅަ ގޯލު ތެރެއަށް ފޮނުވައިލިއެވެ.

އޭގެ ދެ މިނިޓު ފަހުން ފްރާންސުން ޖެހި ދެވަނަ ލަނޑުވެސް ޖެހީ ބެންޒެމާއެވެ. ފްރާންސްގެ ތިން ވަނަ ލަނޑު 75 ވަނަ މިނިޓުގައި ޖެހީ ޕޮގްބާއެވެ. މިއީ އޭރިއާގެ ބޭރުން އޭނާ ވަރަށް ބާރަށް ފޮނުވާލި ބޯޅައެކެވެ.

3 ލަނޑު 1 ލަނޑަށް ނަތީޖާ ބަދަލުވުމާއެކު ހައެއްކަ މިނިޓަށް ސްވިޓްޒަލެންޑްގެ ހިތްވަރު އެލުނު ކަމުގައި ވިޔަސް އަލުން އާ ހިތްވަރަކާއެކު ކުޅެން ފެށިއެވެ. މެދުތެރެއާއި ކުރީގެ ހަރަކާތްތައް ހަލުވި ވެގެން ދިއުމުގެ ސަބަބުން ފްރާންސަށް ފަހަތަށް ސަމާލުކަން ދޭން މަޖުބޫރުވިއެވެ.

މެޗުގެ 81 ވަނަ މިނިޓުގައި ސްވިޓްޒަލެންޑްގެ ދެވަނަ ލަނޑުވެސް ޖެހީ ސެފެރޮވިޗެވެ. އެޔާއެކު ލިބުނު ހިތްވަރުގައި ސްވިސް ކުޅުންތެރިން ކުޅެގަތުމުގެ ސަބަބުން ގިނަ ވަގުތު ބޮޅާ އޮންނަތަން ފެނުނީ ފްރާންސްގެ ހާފުގައެވެ. ހިތްވަރާއެކު ކުޅެމުން ގޮސް ސްވިޓްޒަލެންޑް މެޗު އެއްވަރުކުރި ލަނޑު ޖެހީ މެޗުގެ 90 ވަނަ މިނިޓުގައި ގެވްރަނޮވިޗެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު 3 ލަނޑު 3 ލަނޑުން ދެ ޓީމު އެއްވަރު ވެފައި އޮތުމުގެ ސަބަބުން 15 މިނިޓުގެ ދެ ހާފު ކުޅުނެވެ. ބައިގަޑިއިރުގެ ކުޅުމުގައި ދެ ޓީމުގެ ކުޅުންތެރިންގެ ކިބައިންވެސް ފެނިގެން ދިޔައީ ވަރުބަލިކަމެވެ. ލަނޑު ޖަހާނޭ ހަނި ފުރުސަތުތަކެއް ދެ ޓީމުންވެސް ހޯދިއެވެ. މެޝު ނިމެން ކައިރިވީމާ ސްވިސް ޓީމުން ކުޅުނީ ލަނޑު ޖަހާކަށް ނޫނެވެ. އޮތް ނަތީޖާގައި މެޗު ނިންމާށެވެ.

ބައިގަޑި އިރުގެ ކުޅުމަށް ފަހުވެސް ދެ ޓީމު އެއްވަރު ވެފައި ވާޓީ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ސްވިޓްޒަލެންޑުން ޖެހި ފަސް ޕެނަލްޓީވެސް ގޯލަށް ވައްދައިލިއެވެ. ފްރާންސަށް ވައްދައިލެވުނީ ހަތަރު ޕެނަލްޓީއެވެ. ފަސްވަނަ ޕެނަލްޓީ ޖެހީ އެމްބާޕޭއެވެ. އެ ޕެނަލްޓީ ސްވިސް ގޯލްކީޕަރު މަތަކުރީއެވެ. ވުމާއެކު 5 ލަނޑު 4 ލަނޑުން ފްރާންސް ބަލިވެ ޔޫރޫ 2020 މުބާރާތަށް އަލްވަދާއުކީއެވެ.

ރޭ ފުރަތަމަ ކުޅުނު މެޗުގައި ބައްދަލުކުރީ ކްރިއޭޝިއާއާއި ސްޕެއިނެވެ. އެ މެޗު 5 ލަނޑު 3 ލަނޑުން ކާމިޔާބުކޮށް ސްޕެއިން ވަނީ ކުއާޓަރ ފައިނަލުން ޖާގައެއް ހޯދައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.