ޔޫރޯ 2020: ދުނިޔޭގެ ޗެމްޕިއަން ފްރާންސާ ކުޅެ ޖާމަނީ ބަލިވެއްޖެ

ޔޫރޯ 2020 ގައި ރޭ މެންދަމު ފްރާންސާއި ޖާމަނީ ކުޅުނު ފޯރިގަދަ މެޗު 1 ލަނޑު 0 ލަނޑުން ކާމިޔާބު ކުރީ ފްރާންސްވެ. މެޗުގެ 20 ވަނަ މިނިޓުގައި ޖާމަނީ ކޮޅަށް ވަން ލަނޑަކީ އެ ޓީމުގެ ދިފާއީ ކުޅުންތެރިޔާ ހަމަލްސްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ ޕޮގްބާ ހަރްނާންޑިސްއަށް ޖައސައިލީމާ އޭނާ އެމްބާޕޭއަށް ދޭން ގޯލް އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެކެވެ. އެމްބާޕޭއަށް ލިބުމުގެ ކުރިން ބޯޅަ ލިބުނީ ހަމަލްސްއަށެވެ. އޭނާ ބޭރަށް ކަމަށް ޖައްސާލި ބޯޅަ އެ ދިޔަ ގޮތަށް ގޮސް ވަނީ ބައިކޮޅުގެ ގޯލަށެވެ. ހަމަލްސްއަކީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ކުއާޓަރ ފައިނަލްގައި ފްރާންސް ކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

މެޗުގެ ފެށިގެން ހަވަނަ މިނިޓުގެ ތެރޭގައި ޖަރުމަނުގެ ކިމިޝްއަށް ވަނީ ރީނދޫ ކާދެއް ދައްކައިފައެވެ.

ފުރަތަމަ މިނިޓުން ފެށިގެން ކުޅެގަތީ ފްރާންސެވެ. 16 ވަނަ މިނިޓުގައި ޕޮގްބާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. އޭނާ ބޮލުން ގޯލާ ދިމާއަށް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

ފްރާންސް ލަނޑު ޖެހުމާއެކު ޖާމަނީވެސް ހަރަކާތަށް އަތުވެއްޖެއެވެ. ހަލުވިކޮށް ކުޅޭން ފަށާއިފިއެވެ. 28 ވަނަ މިނިޓުގައި މުލަރ އަށް ލިބުނު ބޯޅަ ކާމިޔާބެއް ނުކުރެވުނެވެ. ލިބުނު ހިލޭ ޖެހުން ކްރޫސް ޖެހީމާ ގޮސް ޖެހުނީ ފްރާންސްގެ ކުޅުނތެރިއެއްގެ ގައިގައެވެ.

ޖާމަނީގެ ހަލުވި ކުޅުމާއެކު ކުޑަކޮށް ރޫޅިގެން ދާ ގޮތް ވެފައިމެ ފްރާންސުން ހަމަޖެހިލިއެވެ. އެމްބާޕޭ އާއި ގްރިޒްމާންގެ ހަލުވި ކުޅުމުގެ ސަބަބުން ޖާމަނީއަކަށް ކުރިއަށް އަރައި އެކަށިގެންވާ ފަދަ ހަމަލާތަކެއް ދެވޭ ވަރެއް ނުވިއެވެ.

54 ވަނަ މިނިޓުގައި އެމްބާޕޭ ރަބިއޮޓަށް ޖައްސާލި ބޯޅަ އޭނާ ޖެހީމާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭރު ގްރިޒްމާން އޭރިއާ ތެރެއަށް ވަދެ ބޯޅަ ދޭށޭ ކިޔައި ހަޅޭއް ލަވަމުން ދިޔައެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ޖާމަނީއަށް ލިބުނު ފުރުސަތުގެވެސް ބޭނުމެއް ނުހިފުނެވެ.

66 ވަނަ މިނިޓުގައި އެމްބާޕޭ ޖެހި ލަނޑު ވެގެން ދިޔައީ އޯފްސައިޑް ލަނޑަކަށެވެ. އޭގެ ފަހުން 85 ވަނަ މިނިޓުގައި ބެންޒެމާ ޖެހި ލަނޑުވެސް ވެގެން ދިޔައީ އޯފްސައިޑް ލަނޑަކަށެވެ.

މުޅި މެޗަށް ބަލާއިރު ރަނގަޅަށް ކުޅުނީ ފްރާންސެވެ. އެކަމަކު ދޭތެރެދޭތެރެއިން ޖާމަނީ ވެސް ގެންދިޔައީ ފްރާންސަށް ޕްރެޝަރު ކުރަމުންނެވެ. އެ ޕްރެޝަރު ދެމެހެއްޓޭގޮތް ނުވުމުގެ ސަބަބުން ފްރާންސްގެ ހަލުވި ކުޅުމަށް ބުރޫއަރުވައިލެވޭ ގޮތެއް ނުވިއެވެ. ޖާމަނީއަށްވުރެ ރަނގަޅަށް ކުޅުނު ކަމުގައި ވިޔަސް ދެ ޓީމުންވެސް ފެނުނީ ދެ ޓީމިގެ ހަގީގީ ފެންވަރު ނޫން ކަމަށް ރޭގެ މެޗު ދިރާސާކުރި ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

ޔޫރޯ2020 ގައި މިއަދާއި މިރޭވެސް ތިން މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗު އޮންނާނީ އިރުއޮއްސި 6 ޖަހާއިރުއެވެ. ބައްދަލު ކުރާނީ ފިންލެންޑާއި ރަޝިއާއެވެ. ދެވަނަ މެޗު އޮންނާނީ ރޭގަނޑު 9 ޖަހާއިރުއެވެ. ބައްދަލު ކުރާނީ ތުރުކީއާއި ވޭލްސްއެވެ. މެންދަމު 12 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ އިޓަލީއާއި ސްވިޓްޒަލެންޑެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.