ޔޫރޯ 2020: ބެލްޖިއަމާއި އެންމެ މެޗަކުން މޮޅުވި ޑެންމާކް ދެވަނަ ބުރަށް

ގްރޫޕް ސްޓޭޖްގައި އެންމެ މެޗަކުން މޮޅު ވެގެން ޑެންމާކް ދެވަނަ ބުރަށް ހިނގައްޖެއެވެ. އެއީ ގްރޫޕް ޑީ ގައި އެ ޓީމު ކުޅުނު ފަހު މެޗުގައި 4 ލަނޑު 1 ލަނޑުން ރަޝިއާ ބަލިކޮށްފައެވެ. މިރޭގެ ދެ މެޗަށް ހަތަރު ޓީމު ނުކުތްއިރު ބެލްޖިއަމް އޮތީ ދެވަނަ ބުރަށް ގޮސްފައެވެ. ވާދަވެރިކަން އޮތީ އަނެއް ތިން ޓީމުގެ މެދުގައެވެ. ރަޝިއާ އޮތީ 3 ޕޮއިންޓާއެކުގައެވެ. ފިންލެންޑަށްވެސް ލިބިފައި އޮތީ 3 ޕޮއިންޓެވެ. ބެލްޖިއަމް ފިންލަންޑް މެޗު އެއްވަރު ވީނަމަވެސް ފިންލަންޑް ދެވަނަ ބުރަށް ދާނެއެވެ. ޑެންމާކް ރަޝިއާ މެޗު އެއްވަރު ވީނަމަ ރަޝިއާ ދެވަނަ ބުރަށް ދާނެއެވެ. ދެ މެޗުވެސް އެއްވަރު ވީނަމަ ލަނޑުގެ ތަފާތުން ރަޝިއާ ދެވަނަ ބުރަށް ދާނެއެވެ.

އެކަމަކު ނަތީޖާ ނުކުތީ އާދަޔާ ޚިލާފު ގޮތަކަށެވެ. ބެލްޖިއަމާއި ފިންލަންޑްގެ މެޗު ނިމުނީ 2 ލަނޑު 0 ލަނޑުން ބެލްޖިއަމް މޮޅު ވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ބެލްޖިއަމްގެ ފުރަތަމަ ލަނޑަކީ ފިންލަންޑްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެއީ 74 ވަނަ މިނިޓުގައި ނެގި ކޯނަރެއް ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ގޯލް ކީޕަރުގެ އަތުގައި ޖެހިފައި ހޯލު ތެރެއަށް ވަދެގެންނެވެ. ދެވަނަ ލަނޑު ޖެހީ 81 ވަނަ މިނިޓުގައި ލުކާކޫ އެވެ.

ރަޝިއާ އާއި ޑެންމާކް ކުޅުނު މެޗުގައި ފުރަތަމަ ލަނޑެއް ޖެހީ ޑެންމާކެވެ. އެއީ 38 ވަނަ މިނިޓުގައި ޑަމްސްގާޑް ޖެހި ލަނޑެކެވެ. ދެވަނަ ލަނޑު ޖަހާފައި ވަނީ 59 ވަނަ މިނިޓުގައި ޕޯލްސަން އެވެ.

70 ވަނަ މިނިޓުގައި ރަޝިއާއިން ވަނީ ލަނޑެއް ޖަހައިފައެވެ. މި ލަނޑު ޖެހީ ޕެނަލްޓީއަކުން ޒޫބާއެވެ.

އޭގެ ފަހުންވެސް މޮޅަށް ކުޅެމުން ދިޔައީ ޑެންމާކެވެ. ޑެންމާކްގެ ތިންވަނަ ލަނޑު ޖެހީ 79 ވަނަ މިނިޓުގައި ކްރިސްޓިއަންސަން އެވެ. ހަތަރުވަނަ ލަނޑު ޖެހީ 82 ވަނަ މިނިޓުގައި މައެލޭއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.