ޔޫރޯ 2020: ސްޕެއިން ސްވިޑްން މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ

ޔޫރޯ 2020 ގައި ރޭ މެންދަމު 12 ޖެހި އިރު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރު ވެގެންނެވެ. ބައްދަލު ކުރީ ސްޕެއިނާއި ސްވިޑްނެވެ. މިއީ މި މުބާރާތުގައި މިހައިތަނަށް ލަނޑެއް ނުޖެހި އެއްވަރުވީ ފުރަތަމަ މެޗެވެ.

މެޗު ފެށީއްސުރެ ސްވިޑްން ކުޅެމުން ދިޔައީ ދިފާއަށެވެ. ކުޅުމަށް ބަލާއިރު ލަފާ ކުރެވޭ ގޮތުގައި ޓީމުން ބަލާފައި އޮތީ ފަހަތަށް ކުޅެފައި ހަނި ފުރުސަތެއް ލިބިއްޖެއްޔާ ލަނޑެއް ޖަހަން މަސައްކަތް ކުރާށެވެ. ގްރޫޕުގައި ސްވިޑްނައަށް އޮތް އެންމެ އުނދަގޫ ޓީމަކީ ސްޕެއިނެވެ. އެހެންވީމާ މި މެޗު އެއްވަރު ކޮށްފައި ދެން އޮތް ދެ މެޗުން މޮޅު ވެވޭތޯ މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ބެލީހެން ހީވެއެވެ.

ސްވިޑްން މުޅިން ދިފާއަށް ކުޅުމުގެ ސަބަބުން ސްޕެއިންއަށް ކުރިއަށް އަރައި ހަމަލާ ދޭން އޮތީ މުޅިން ހުޅުވިފައެވެ. އެކަމަކު ސްޕެއިންގެ ޒުވާން ކުޅުންތެރިންނަކަށް ސްވިޑްންގެ ދިފާއު ފޫ އަޅުވައިލެވޭ ވަރެއް ނުވިއެވެ.

ލަނޑު ޖަހާނޭ ފުރުސަތަށް ބަލާއިރު ސްވިޑްންއަށް ކައުންޓަރއެޓޭކްގައި ވަރަށް ރަނގަޅު ދެ ފުރުސަތު ލިބުނެވެ. ގިނަ ފުރުސަތު ހޯދީ ސްޕެއިނެވެ.

ދެ ޓީމުގެ ކުޅުމަށް ބަލާއިރު ސްވިޑްން މޮޅުކަމުގައި ފާހަގަ ކުރަން ޖެހެއެވެ. ސަބަބަކީ ދިފާއީ މެޗެއް ކުޅެން ގަސްތުކޮށްފައި އެކަން ވަރަށް ފުރިހަމައަށް ކާމިޔާބު ކުރީތީއެވެ. ސްޕެއިނަށް ލަނޑެއް ޖެހުނަ ނުދީ ނުވަދިހަ މިނިޓު ހިފަހައްޓައިލީތީއެވެ. މެޗުގެ ހުރިހައި ކުޅުމެއް ކަހަލަ ގޮތަކަށް ކުޅުނީ ސްޕެއިނެވެ. މުޅި މެޗުގައި ޖުމުލަ 886 ޕާސް ދިނެވެ. މެޗުގެ 84 އިންސައްތަ ކުޅުނީ ސްޕެއިނެވެ.

މި ގްރޫޕްގެ ދެ މެޗަށް ބަލާއިރު މޮޅުވީ ކަމަށް ބެލެވެނީ ސްލޮވާކިއާއެވެ. މިހާރު ތާވަލު އެންމެ ކުރީގައި އޮތީ އެ ޓީމެވެ. އެއީ ތިން ޕޮއިންޓާ އެކީގައެވެ.

މުބާރާތުގައި މިރޭ އޮތީ ދެ މެޗެވެ. ފުރަތަމަ މެޗު އޮންނާނީ މިރޭ 9 ޖަހާއިރުއެވެ. ބައްދަލު ކުރާނީ ހަންގޭރީ އާއި ޕޯޗުގަލެވެ. ދެވަނަ މެޗު އޮންނާނީ މެންދަމު 12 ޖަހާއިރުއެވެ. ބައްދަލު ކުރާނީ ފްރާންސާއި ޖާމަނީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.