ފަޅިމޫނު - 98

(12 ޖޫން 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ޝުކުރިއްޔާ. ހުރިހައި ކަމެއް ތިޔަހަރީ ވަރަށް ފަސޭހަ ގޮތަކަށް އިންތިޒާމު ކޮށްފައި."

"މިހާރު ކޮން ޝުކުރިއްޔާއެއް. އެއާޕޯޓުގައި ފުރަތަމަ ކުރި ކަމަކީ އަހަންނާ އަރައިރުންވުން. އެކަމަކު ބުނަންތަ؟ ރުޚްސާނާގެ ހުނުން އަހަންނަށް ވަރަށް ރީތި. ހީވަނީ ރީތި މިއުޒިކެއްހެން. އެކަހަލަ އަޑެއް ނީވޭތާ ލައްކަ ދުވަސް ވެއްޖެ. އަދި އެއްފަހަރު ހީނގެންބަލަ."

ރުޚްސާނާއަށް އެއްވެސް އިޚްތިޔާރަކާ ނުލައި ހީނގަނެވިއްޖެއެވެ. ހަސްފަތާލުގެ އިމާރާތް ފެނުމާއެކު އޭނާގެ ހިތް އުފަލުން ފޮޅިއްޖެއެވެ. ޖަމްޝީދުގެ ވާހަކައިގެ ސަބަބުން ހޭނނޭ ބޭނުމެއްވެސް ލިބުނީއެވެ. "މި އޮޕަރޭޝަން ނިމުނީމާ އަހަންނަށް މުޅިން އައު ދިރިއުޅުމެއް ލިބޭނެ. ކޮން އިރަކުން ލިބޭނީ؟ ބުނެބަލަ. ޑޮކްޓަރު ބުނީ ކީކޭ؟ ސާޖަރީ އޮންނާނީ ކޮން ދުވަހަކު؟"

"މިއީ އާދައިގެ ސާޖަރީއެއް ނޫން. ގޮސް ހަމަ ވަނުމާއެކީ މަސައްކަތެއް ނުފަށާނެ. ދުވަސްކޮޅެއް ވާނެ."

ކާރު ގޮސް އެޕާޓްމަންޓްގެ ކުރިމައްޗަށް މަޑުކޮށްފިއެވެ. ރުޚްސާނާ މާޔޫސީގެ ރާގަކަށް ބުނެލިއެވެ. "ހިތް ހަލާކުވާ ކަހަލަ ވާހަކަ ދައްކަނީ ކީއްވެގެން؟ އަހަރެން ހޭނތަން ބަލަން ބޭނުން ނުވަނީތަ؟"

ޖަމްޝީދު ކާރުގެ ފަހަތް ހުޅުވައިގެން ފޮށިވަށި ނެރެން ފަށައިފިއެވެ. "ރުޚްސާނާ ހޭނތަން ނުފެންނަ މީހަކީ ދުނިޔެ ގެއްލިއްޖެ މީހެއް. އެކަމަކު ތިޔައީވެސް ޑޮކްޓަރެއް. ސާޖަރީގެ އިޖުރާތު އޮންނަ ގޮތް އެނގެން ވާނެ. މޫނުގެ ކްރާފްޓިންގ އަށް ހޭދަވާނީ ކިތައް ދުވަސްކަމެއް ނޭނގޭ. މި ވާހަކަ ފަހުން ދައްކާނީ. ކުރީގައި ހުރެގެން ހިނގާ. އަހަރެން ސާމާނު ގެންދާނަން. ކުރިމަތީން ފެންނާން އެހެރަ ފަސް ނަންބަރު ދޮރުގެ ރަނގަބީލު ޖަހައިލާ. ﷲ ހުރިހައި ދަތިކަމެއް ފިއްލަވައި ދެއްވާނެ."

ދެމީހުންގެ ވާހަކަ ނިމުނުތަނާ ކުއްލިއަކަށް އެޕާޓްމަންޓުގެ ދޮރު ހުޅުވިއްޖެއެވެ. ކުރިމަތީގައި ހުރީ ސިއްހަތު ރަނގަޅު ކަމަށް ފެންނަ އުމުރުން ދުވަސްވެފައިވާ ފިރިހެނެކެވެ. ދުންބޯ ކަށިގަނޑެއް އަނގައިގައި ޖަހައިފައި ހުއްޓެވެ. އޭނާ ކަށިގަނޑު އަނގައިން ނެގުމަށް ފަހު ރުޚްސާނާގެ ބޮލުގެ މެންކަފާޅައިން ފެށިގެން ފައިތިލައާ ހަމައަށް ފުންކޮށް ބަލައިލިއެވެ. އަދި "ހޫނ..." އޭ ބުނެލުމަށް ފަހު ބޯ ޖަހައިލިއެވެ. "ތިޔައީ މިސް ރުޚްސާނާ ފަރީދު ދޯ؟"

"ލަ... ލައްބަ. އާދާބް..." ރުޚްސާނާ ޚާލިސް އިރުމަތީގެ އަންދާޒުގައި ބޯ ތިރި ކޮށްލުމަށް ފަހު އަތުން އިޝާރާތް ކޮށްލަމުން ސަލާން ކޮށްލިއެވެ.

މުސްކުޅިމީހާ ޖަމްޝީދާ ދިމާއަށް ބުންޏެވެ. "ވަރަށް އުފާވެއްޖެ. އިރުމަތީގެ އަދަބުސަދަބާއި އިހުތިރާމުގެ މަންޒަރެއް މި ފެނުނީ ހާދަހާ ދުވަހެއް ކޮށްފައޭ. އާދާބްގެ ޖަވާބުގައި އަހަރެން ބުނަން ޖެހެނީ ކީކޭ؟"

ޖަމްޝީދު ކުޑަކޮށް ވިސްނައިލިއެވެ. "ބުނުއްވަންވީ އުފާވެރިކަމުގައި ލަހައްޓަވާށިއޭ... ދިގު އުމުރެއް ދެއްވާށިއޭ."

މުސްކުޅިޔާ ބުންޏެވެ. "ކަލެއަކީ މޮޔައެއް. ދިގުއުމުރުގެ ދުއާއަކީ ފިރިހެން ދަރިއަށްޓަކައި ކުރާ ދުއާއެއް. ކާފަދަރިން ލިބޭނީ ފިރިހެން ދަރީގެ ފަރާތުން. އަހަރެން ރުޚްސާނާއަށްޓަކައި ކުރާ ދުއާއަކީ އަވަހަށް އަނތްބަކަށް ވުމުގެ ދުޢާ."

ރުޚްސާނާގެ ތުންފަތްމައްޗަށް ވެރިވީ ހިނިތުންވުން ފުހެވިއްޖެއެވެ. އޭނާއަކީ މިހާރުވެސް ބާދްޝާ ޖާނީގެ އަނތްބެކެވެ. އެކަމަށްޓަކައި މީހެއްގެ ދުއާއެއްގެ ބޭނުމެއް ނެތެވެ.

ޖަމްޝީދު ސާމާނު ހިފައިގެން ގޭތެރެއަށް ވަންނަމުން މާނައިން ފުރިގެންވާ ގޮތަކަށް ހިނިތުންވެލިއެވެ. "ބައްޕާ. ކާވެނީގެ ދުއާގައި އަޅުގަނޑުވެސް ބައިވެރި ކުރައްވާ."

ބައްޕަ ހިނިތުންވެލާފައި ރުޚްސާނާއާ ދިމާއަށް ބަލައިލިއެވެ. "ކަނބުލޯ. އަހަރެންގެ ނަމަކީ ސައްޔިދު ބާޤިރް ޢަލީ. މަރުހަބާ... މަރުހަބާ. އަވަހަށް އެތެރެއަށް ވަދޭ."

އޭނާ ބާޤިރް ޢަލީއާއެކު ގޭތެރެއަށް ވަދެއްޖެއެވެ. ދެބަފައިންވެސް އޭނާޔާ މެދު ދެކެނީ މެހުމާނެއްގެ ގޮތުގައި ނޫންކަމާއި އެޔަށްވުރެ ގާތް މީހެއްގެ ގޮތުގައިކަން ފުރަތަމަ ބައްދަލުވުމުންވެސް ސާފުކޮށް އެނގިއްޖެއެވެ. ޖަމްޝީދު އޮތީ ސިޓީގެ ޒަރީއާއިން ލޯބި ފާޅުކޮށްފައެވެ. މަންމަ އޮތީ ކަންތައް ކުރަންވާ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް ކިޔައިދީފައެވެ. ހުސްހަށިބައި މީހެއްގެ ގޮތުގައި ނޫން ގޮތަކަށް އައިނަމަ މިހާރު މި ކިޔާހައި އުފާވެރި ހޫނު މަރުހަބާއެއް ކިޔާނޭ ހެންނެއް ހިއެއް ނުވެއެވެ. އޭނާގެ ޕްލާސްޓިކް ސާޖަރީއަށްޓަކައި އެ އުފުލާ ބުރައެއްވެސް އުފުލާނޭ ހެންނެއް ހިއެއް ނުވެއެވެ. އެތައް ހާސް މޭލެއްގެ ދުރުން މީހަކު ގެނެސްފައި އުފަލާއެކު މަރުހަބާ ކިޔާނީ ބޭނުމެއްވެސް އޮވެގެންނެވެ. ހިލޭ ސާބަހަކަށް އެެކަކުވެސް އެކަހަލަ ކަމެއް ނުކުރާނެއެވެ.

އެއީ ނިދާކޮޓަރީގެ ދެ ކޮޓަރިއާއި ބަދިގެއަކާއި ބޮޑުކޮޓަރިއަކާ އެކީގައި ހުރި ރަނގަޅު އެޕާޓްމަންޓެކެވެ. ޖަމްޝީދު އޭނާއަށް މުޅި ގެ ދައްކައިލުމަށް ފަހު ބަދިގެއާ ދިމާއަށް ދަމުން ބުންޏެވެ. "ރުޚްސާނާ ބައްޕަޔާ ވާހަކަ ދައްކާން އިނދޭ. އަހަރެން ކޮފީ ގިރައިގެން އެބަ އަންނަން. މި ގޭގައި ހުރިހައި ކަމެއްވެސް ކުރަން ޖެހޭނީ އަމިއްލައަށް. ނޯކަރަކު ގެންގުޅުމަކީވެސް ވަރަށް ޚަރަދު ބޮޑު ކަމެއް. މިއަދުން ފެށިގެން ގޭގެ ކަންތައްތަކާ ރުޚްސާނާ ހަވާލުވޭ. އަހަރެން ވިޔަފާރިއަށް ސަމާލުކަން ދޭނަން."

ޖަމްޝީދު ވާހަކަ ދައްކަމުން ދިޔައީ ފިރިއަކު އޭނާގެ އަނބިމީހާޔާ ވާހަކަ ދައްކާ ކަހަލަ ގޮތަކަށެވެ. ރުޚްސާނާއަކަށް އެ ގޮތެއް ކަމަކު ނުދިޔައެވެ. އެކަމަކުވެސް ކެތްކޮށްލީއެވެ.

ބޮޑު ކޮޓަރިއަށް އޭނާ ވަނީމާ ބާޤިރް ޢަލީ ބުންޏެވެ. "ދަރިފުޅާ އަވަހަށް އާދޭ. އިށީނދޭ. ގޭގެ މީހުންގެ ވާހަކަ ނިކަން ކިޔައިދީބަލަ."

އޭނާ ސޯފާގައި އިށީންނަމުން އަހައިލިއެވެ. "އަޅުގަނޑު ބައްޕައޭ ކިޔަސް އެންމެ ރަނގަޅުތޯ؟"

"އަސްތާ... ރަނގަޅު ނުވާންވީ ކީއްވެގެން؟ އަހަރެން މިއީ ބައްޕަ ކަމުގައި ބަލާ. ދަރިފުޅުގެ ބައްޕަ ކުރަނީ ކޮން މަސައްކަތެއް؟"

"މިހާރު ރިޓަޔާކޮށްފައި ގޭގައި އުޅެނީ. އަޅުގަނޑުގެ ވާހަކަ ފަހުން ދެއްކިދާނެ. އަޅުގަނޑު އުޅޭނޭ ގޮތެއް ހަމަޖައްސަވާފައި އޮތީ ކިހިނެއްތޯ؟"

ބާޤިރް ހިނިތުންވެލިއެވެ. "ދަރިފުޅު ފޮނުވާ ކޮންމެ ސިޓީއެއްގައި ދެ ކަމެއް ފާހަގަ ކޮށްފައި އޮވޭ. އެއް ކަމަކީ ވަކިން އެކަނި އުޅުމުގެ ވާހަކަ. އަނެއް ކަމަކީ ވަޒީފާއެއް އަދާކުރުމުގެ ވާހަކަ."

"އަދި އެހެން ކަމެއްގެ ވާހަކަވެސް އަޅުގަނޑު ލިޔުނިން. ޖަމްޝީދަށް ބުރައަކަށް ވާން ބޭނުން ނޫން ވާހަކަވެސް އަޅުގަނޑު ލިޔުނިން. އަޅުގަނޑުގެ ހުރުމާއި ކެއުމާއި ބޭސްފަރުވާގެ ހުރިހައި ޚަރަދެއް އަމިއްލައަށް ކުރާނޭ ވާހަކަވެސް އަޅުގަނޑު ލިޔުނިން."

ބާޤިރް ބުންޏެވެ. "ބައްޕަގެ ހިތް އަތުލީ ދަރިފުޅުގެ ތިޔަ އަމިއްލަވަންތަ ވިސްނުން. މީގެ ކުރިން ދަރިފުޅު ދުވަހަކުވެސް ނުދެކެން. ދަރިފުޅުގެ މޫނުގައި ހަގީގީ ސިފަ ޖެހިގެން ދާނީ ބައްޕަގެ ކުރިމަތީގައި. އެކަމަކު ކޮންމެވެސް ވަރަކަށް ސުލޫކާއި އަޚުލާގު ސާފު ވެއްޖެ. ބައްޕަ އަހައިލާން ބޭނުން ވާހަކައެއް އެބައޮތް. ޖަމްޝީދުގެ ސިޓީގެ ޖަވާބު ދަރިފުޅު ދީފައި ހުންނަނީ ވަރަށް ސީރިއަސްކޮށް. އޭނާ ލިޔަނީ ލޯތްބާއި ކާވެނީގެ ވާހަކަ. ދަރިފުޅު އެވާހަކަތަކާ އަޅާލައިފައި ހުންނާތީއެއް ނުފެނޭ. މިއީ ވަރަށް ތަފާތު މާހައުލެއް. މިތާނގައި މީހުން ދަރިން ދެކެނީ އެކުވެރިންގެ ގޮތުގައި. ވަލީގެ ވާހަކައާއި ކާވެނީގެ ވާހަކަވެސް އެކީގައި ތިބެގެން ދެއްކުމަކީ ކަމުނުދާ ކަމަކަށް ނުބަލާ. ބައްޕައަކީވެސް ވަރަށް ހުޅުވިފައިވާ ސިކުނޑިއެއްގެ ވެރިއަކީން. ދަރިފުޅުވެސް ސާފުކޮށް ސީދަލަށް ވާހަކަ ދައްކާތި. ޖަމްޝީދާ އޮތް ގުޅުން ގޮސްފައި އޮތް ހިސާބެއް ރަނގަޅަށް ބުނޭ. އެކުވެރިކަން އޮތީ ކޮން ފެންވަރެއްގައި؟ ލޯބީގެ ކަމެއް އޮވޭތަ؟ ނޫނީ ހުރިހައި ކަމެއް އޮތީ ވަހަކަ ދެކެވުމާ ހަމައިގައިތަ؟"

އޭނާ އިސްޖަހައިލައިގެން އިނދެ އިރުކޮޅަކު ވިސްނައިލިއެވެ. އެޔަށް ފަހު މަޑުމަޑުން ވާހަކަ ދައްކާން ފެށްޓިއެވެ. "ތިޔަ ސުވާލު ކުރައްވަނީ އަޅުގަނޑުމެން ދެމީހުންގެ އެކުވެރިކަން އޮތް ހިސާބަކާ މެދުގައި. އަޅުގަނޑު މި އައި މުޖުތަމައަކީ އަންހެން ކުދިންނާއި ފިރިހެން ކުދިންގެ އެކުވެރިކަން އެއީ އާދައިގެ ކަމަކަށް ބަލާ މުޖުތަމައެއް ނޫން. އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑު މިތަނަށް ފޮނުވީ ލޯބީގެ ގުޅުމެއް ހިންގާން ކަމަށް ބެއްލެވުމަކީ ހެއްވާ ކަމަކަށް ވާނެ."

"ތިޔަކަން ވިސްނޭ. މައިންބަފައިން އަހުމިއްޔަތުކަން ދޭނީ އަބަދުވެސް ވާހަކައަށް. ލޯތްބަކަށް ނޫން. އެކަމަކު ދަރިފުޅު އެކަނިމާއެކަނި ތިޔަ އައީ ޒުވާން ފިރިހެނެއްގެ ގާތަށްކަން އެ މީހުންނަށް އެނގޭނެއެއްނު؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.