ބޯކޯ ހަރާމްގެ ލީޑަރު ވަނީ އަމިއްލައަށް މަރުވެފައި: ވާދަވެރި ޖަމާއަތެއް

ބޯކޯ ހަރާމްގެ ލީޑަރު އަބޫބަކަރް ޝެކާއު

ނައިޖީރާގެ އުތުރުގައި އެގައުމުގެ ސަރުކާރާ ހަނގުރާމަކުރަމުންދާ ހަރުކަށި ޖަމާއަތް ބޯކޯ ހަރާމްގެ ލީޑަރު އަބޫބަކަރް ޝެކާއު އަމިއްލައަށް މަރުވެފައިވާ ކަމުގައި ވާދަވެރި ހަރުކަށި ޖަމާއަތް އިސްލާމިކް ސްޓޭޓް ވެސްޓް އެފްރިކާ ޕްރޮވިންސް (އައިއެސްޑަބްލިޔުއޭޕީ) އިން ބުނެފިއެެވެ.

"ބިންމަތީގައި ނިކަމެތިވެގެން ދިއުމުގެ ބަދަލުގައި ޝެކާއު އިޚްތިޔާރުކުރީ އާޚިރަތުގައި ނިކަމެތިވެގެން ދާން. އޭނާ ވަނީ ގޮވާތަކެތި އަމިއްލައަށް ގޮައްވާލައިގެން މަރުވެފަ." ބޭރުގެ ޚަަބަރުފަތުރާ އެޖެންސީއަކަށް ލިބިފައިވާ އޯޑިޔޯއެއްގައި އައިއެސްޑަބްލިޔުއޭޕީގެ ލީޑަރު އަބޫމުސްޢަބު އަލްބަރްނާވީ ބުނާ އަޑު އިވެއެވެ.

އެ އޯޑިޔޯގައި ބުނާ ގޮތުން ޝިކާއު އަމިއްލަަށް މަރުވީ ވާދަވެރި ދެ ޖަމާއަތުަގެ ދެމެދުގައި ބަދަލުކުރެވުނު ހަމަލާތަކެއްގެ ތެރޭަގައެވެ.

ޚަބަރުފަތުރާ އެެޖެންސީއަށް މި އޯޑިޔޯ ދީފައިވަނީ މީގެ ކުރިންވެސް އެ ޖަމާއަތުގެ އޯޑިޔޯތައް ބޭރުގެ ޚަބަރުފަތުރާ އެޖެންސީތަކަށް ގެނެސްދޭ ފަރާތަކުންނެވެ.

ބޯކޯ ހަރާމްގެ ލީޑަރު މަރުވެފައިވާ ކަމުގެ އަޑު ފެތުރިފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއެއްގައި ނައިޖީރިޔާގެ ސިފައިންގެ ވެރިޔާ އަވާހަރަވީ ދުވަހު ވެސް ބޯކޯ ހަރާމްގެ ލީޑަރު މަރުވި ޚަބަރު ފެތުރިފައި ވެއެވެ. ނައިޖީރިޔާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ސަލާމަތީ ބާރުތަކުން ދަނީ ޝެކާއު މަރުވިކަން ކަށަވަރުކުރުމުގެ މަސައްކަތްކުރަމުންނެވެ.

2009 ވަނަ އަހަރުއްސުރެ ނައިޖީރިޔާ އިރު އުތުރުގައި ސަރުކާރާ ހަނގުރާމަކުރަމުންދާ ބޯކޯ ހަރާމްއިން އަދި އެ ޖަމާއަތުގެ ލީޑަރު މަރުވުމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

ޝެކާއުގެ ވެރިކަމުގައި ބޯކޯ ހަރާމުން ކުރަމުންދާ 12 އަހަރުވީ ހަނގުރާމައިގައި މިހާތަނަށް 40 ހާސް މީހުން މަރުވެ، 2 މިލިއަން މީހުންގެ ގެދޮރު ގެއްލިފައި ވެއެެވެ.

އައިއެސްޑަބްލިޔުއޭޕީއަކީ 2016 ވަނަ އަހަރު އަބޫބަރު ޝެކާއުއާ ދެެކޮޅަށް ނުކުމެ ބޯކޯ ހަރާމުން ވަކިވެގަތް ހަނގުރާމަވެރިންތަކެއް އުފެއްދި ޖަމާއަތެކެވެ. ފާއިތުވި ފަސް އަހަރު އެ ދެ ޖަމާއަތް ދިޔައީ އިރު އުތުރު ނައިޖީރިޔާގެ ސަރަހައްދުތައް ކޮންޓުރޯލުކުރުމަށް އެއްބަޔަކު އަނެއް ބަޔަކާ ހަނގުރާމަކުރަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.