ބޯކޯ ހަރާމްގެ ހަނގުރާމަވެރިން ނައިޖީރިޔާގެ ދަނޑަކަށް ހަމަލާދީ 110 މީހުން މަރާލައިފި

ބޯކޯ ހަރާމްގެ ހަނގުރާމަވެރިންތަކެއް

ނައިޖީރިޔާގެ އިރުއުތުރު ރަށެއް ކަމުގައިވާ މައިޑުގުރީ ކައިރީގެ އަވަށްތަކަށް ބޯކޯ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިން އިއްޔެ ހަމަލާދީ އެދަނޑުގައި މަސައްކަތްކުރަން ތިބި 110 މީހަކު މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފި ކަމަށް އދ.ން ބުނެފިއެވެ.

"ހަތިޔާރުއެޅި ބަޔަކު މޮޓޯސައިކަލްތަކުގައި އައިސް ގޮވާން ކަނޑަން ދަނޑުތަކުގައި ތިބި އާއްމު ފިރިހެނުންނާއި އަންހެނުންނަށް ހަމަލާދީފައި ވަނީ." ނައިޖީރިޔާގައި ހުންނަވާ އދ. ގެ ހިއުމެނިޓޭރިއަން ކޯޑިނޭޓަރ އެޑްވަޑް ކެލޯން ވިދާޅުވިއެވެ.

"މިހަމަލާގައި މަދުވެގެން 110 މީހުން މަރާލައި، އެތައް ބަޔަކު ވަނީ ޒަޚަމްކޮށްލާފައި." އޭނާ ވިދާޅުވިއެވެ.

އެހިސާބުގެ މީހުންނާ ހަވާލާދީ ކުރިން ލިބުނު ޚަބަރުތަކުގައި ބުނެފައި ވަނީ މަރާލާފައި ވަނީ 43 މީހުން ކަމުގައެވެ.

"އަހަރުމެންނަށް ވަނީ 43 މީހުންގެ ހަށިގަނޑު ފެނިފައި އެ އެންމެންގެ ކަރު ވަނީ ބުރިކޮށްލާފައި. ވަރަށް ބޮޑަށް ޒަޚަމްވެފައި އޮތް ހަމީހަކު ފެނުނު." އެ ސަރަހައްދުގައި ބޯކޯ ހަރާމް ޖަމާއަތާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތެއްގެ ވެރިޔާ ބާބަކުރާ ކޯލޯ ބުންޏެވެ.

އޭއެފްޕީން ބުނި ގޮތުގައި ހަނގުރާމަވެރިން ވަނީ ކޮށޮބޭ އަވަށުގެ ދަނޑުގައި ތިބި މީހުން ބަދެފައި ބައިތިއްބައި ކަރުބުރިކޮށްފައެވެ.

"ރަހުމެއް ނެތް މި ގަތުލުގެ ސަބަބުން މުޅި ގައުމު މި ވަނީ ވޭނުގައި." ނައިޖީރިޔާގެ ރައީސު މުހައްމަދު ބުހާރީ ވިދާޅުވިއެވެ.

މަރުވި އެންމެންނަކީ ނައިޖީރިޔާގެ ހުޅަނގު އުތުރުގައި އޮންނަ ސޮކޯޓޯ ސްޓޭޓް މީހުންނެވެ. އެމީހުން އެއް ހާހަކަށް ކިލޯމީޓަރު ދުރަށް ގޮސްފައި ތިބީ މަސައްކަތެއް ހޯދުމުގެ ބޭނުމުގައެވެ.

"ކޮންޓްރެކްޓް އުސޫލުން ހަނޑޫ ކަނޑަން އެމީހުންގެ 60 މީހުން އައިސްފައި ތިބި. އޭގެ ތެރޭން 43 މީހަކު މަރުވެ 6 މީހަކަށް އަނިޔާ ލިބުނީ." ހަނގުރާމަވެރި އެހެން ޖަމާއަތެއްގެ ލީޑަރު އިބްރާހީމް ލިމާން ބުންޏެވެ. 8 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ލަފާކުރެވެނީ ބޯކޯ ހަރާމްގެ ހަނގުރާމަވެރިން އެމީހުން ރަހީނުކޮށްގެން ގެންދިޔައީ ކަމުގައެވެ.

ފާއިތުވި އޮކްޓޯބަރު މަހުގެ ތެރޭގައިވެސް ބޯކޯ ހަރާމްގެ ހަނގުރާމަވެރިން ވަނީ މައިޑުގުރީ ކައިރީ ދަނޑެއްގައި މަސައްކަތްކުރަން ތިބި 22 މީހުން މަރާލާފައެވެ.

ބޯކޯ ހަރާމާއި އެޖަމާއަތުން ވަކިވެގެން ހަނގުރާމަކުރަމުންދާ އިސްލާމިކް ސްޓޭޓްސް ވެސްޓް އެފްރިކާ ޕްރޮވިންސް (އައިއެސްޑަބްލިޔުއޭޕީ) ޖަމާއަތުން ދަނީ އުތުރު ނައިޖީރިޔާގައި ދަނޑުވެރިންނާ، މަސްވެރިންނާ، ގެރިބަކަރި ހުއިހައްޕާ މީހުންނާ، ލަކުޑި ކަނޑާ މީހުންނަށް ހަމަލާދީ މަރަމުންނެވެ. އެމީހުން ހަނގުރާމަވެރި ޖަމާއަތާ ބެހޭ މައުލޫމާތު ސިފައިންނަށް ދޭކަމަށް ތުހުމަތުކޮށްފައެވެ.

2009 އިން ފެށިގެން ބޯކޯ ހަރާމް ޖަމާއަތުން އިރުއިތުރު ނައިޖީރިޔާގައި ކުރަމުންދާ ހަނގުރާމައިގައި 36 ހާސް މީހުން މަރުވެފައި ވެއެވެ. އަދި ދެ މިލިއަނެއްހާ މިހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.