ނައިޖީރިޔާގައި ދިން ޓެރަރިސްޓު ހަމަލާއެއްގައި 65 މީހުން މަރާލައިފި

ބޯކޯ ހަރާމްގެ ހަނގުރާމަވެރިންތަކެއް

ނައިޖީރިޔާގެ އިރުއުތުރުގައި އޮންނަ ބޯނޯ ސްޓޭޓުގައި ޖަނާޒާއެއްގައި ބައިވެރިވުމަށް ފަހު އެނބުރި ދިޔަ ބަޔަކަށް ދިން ޓެރަރިސްޓު ހަމަލާއެއްގައި 65 މީހުން މަރާލައިފިއެވެ.

ބޯނޯ ސްޓޭޓު ވެރިރަށް މައިޑުގުރީ ކައިރީގައި އޮންނަ ނިގަންޒާއީ ޑިސްޓްރިކްގައި އޮތް ޖަނާޒާއަކަށް ފަހު އެނބުރި ދިޔަ މީހުންނަށް އިއްޔެ މެންދުރު ކުރިން 11:30 (ރާއްޖޭ ގަޑިން މެންދުރުފަހު 3:30) ހާއިރު ބަޑިން ހަމާލީދައި ވަނީ ތިން ސައިކަލެއްގައި ދިޔަ ބޯކޯ ހަމާރް ޖަމާއަތުގެ ހަނގުރާމަވެރިންތަކެއް ކަމަށް އެ ސަރަހައްދުން ލިބޭ ޚަބަރުތައް  ބުނެއެވެ.

މަރުވީ 23 މީހުންކަމަށް ފުރަތަމަ ލިބުނު ޚަބަރުތަކުގައި ބުނި ނަމަވެސް، މަރުވެފަވާ އިތުރު މީހުންގެ ހަށިތައް ފެނިފައިވާތީ މަރުވި މީހުން އަދަދު ވަނީ އޭގެ ގާތްގަނޑަކަށް 3 ގުނައަށް އިތުރުވެފައެވެ.

"65 މީހުން މަރުވެ 10 މީހުން ޒަޚަމްވެފައިވޭ." ސަރަހައްދީ ސަރުކާރުގެ ވެރިޔާ މުޙައްމަދު ބުލާމާ ވިދާޅުވިއެވެ.

ބުލާމާއާ ހަވާލާދީ ނައިޖީރިޔާގެ ގައުމީ ޓީވީން ބުނި ގޮތުގައި ފުރަތަމަ ދިން ހަމަލާގައި 21 މީހުން ވަނީ މަރާލާފައެވެ. ސަލާމަތްވީ މީހުން އަމިއްލަ ނަފުސުގެ ދިފާއުގައި އެއްވާން ފެށުމުން އެނެއްކާ އެމީހުންގެ ތެރެއަށް ބަޑިޖަހައި 44 މީހުން ވަނީ މަރާލާފައެވެ. މިއީ މިފަހުގެ ތާރީޚެއްގައި ނައިޖީރިޔާއި ދެވުނު އެންމެ ލޭ އޮހޮރުވުން ބޮޑު ޓެރަރިސްޓު ހަމަލާއެވެ.

މުހައްދު ބުލާމާ ވިދާޅުވީ ލަފާކުރެވޭ ގޮތުގައި މި ހަމަލާއަކީ މީގެ ހަފްތާތަކެއް ކުރިން އެ އަވަށް ހަމަލާދިން ބޯކޯ ހަރާމް ހަނގުރާމަވެރިންގެ 11 މީހަކު މަރާލާފައިވާތީ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމުގައެވެ.

ނައިޖީރިޔާގެ ރައީސު މުޙައްދު ބުހާރީ ވަނީ ހަމަލާދިން މީހުން ވައިގެ މަގުންނާ އެއްގަމު މަގުން ހޯދުމުގެ މަސައްކަތްކުރުމަށް އެގައުމުގެ ވައިގެ ސިފައިންނާއި، އެއްގަމު ސިފައިންނަށް އަމުރުކުރައްވާފައެވެ.

ބޯކޯ ހަރާމްގެ ނަމުން މަޝްހޫރުވެފައިވާ ހަރުކަށި، ހައްދު ފަހަނައަޅާފައިވާ އިސްލާމީ ޖަމާއަތް، އިސްލާމިކް ސްޓޭޓް އިން ވެސްޓް އެފްރިކާ (އިސްވާ) ދަނީ ނައިޖީރިޔާގެ އިރު އުތުރުގައި އެ ޖަމާއަތުގެ ވެރިކަމެއް ގާއިމުކުރުމަށް 2009 ވަނަ އަހަރުން ފެށިގެން ހަނގުރާމަކުރަމުންނެވެ. ފާއިތުވި 10 އަހަރު އެ ޖަމާއަތުން ދިން ހަމަލާތަކުގައި 50 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު، 2.4 މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް ހިޖުރަކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.