ނައިޖީރިޔާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި، ސިފައިންގެ ވެރިޔާ އަވަހާރަވެއްޖެ

ނައިޖީރިޔާގެ ސިފައިންގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް އިބްރާހީމް އައްޠާހިރު: އޭނާ ވަނީ އިއްޔެގެ ވަގުތެއްގައި އަވަހާރަވެފައި

ނައިޖީރިޔާގެ ހުޅަނގު އުތުރު ސްޓޭޓް ކަޑޫނާގައި އަސްކަރީ މަތިންދާބޯޓެއް ވެއްޓުމުގެ ސަބަބުން އެއިން ދަތުރުކުރެެއްވި ނައިޖީރިޔާ ސިފައިންގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް އިބްރާހީމް އައްޠާހިރު އަވަހާރަވެއްޖެއެވެ. އޭނާއާއިއެކު އަސްކަރީ އިސް އޮފިސަރުންތަކެއް ވެސް ވަނީ މަރުވެފައެވެ.
ނައިޖީރިޔާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ވާގޮތުން މަތިންދާ ބޯޓު ވެއްޓުނީ މޫސުން ގޯސްވެފައި ވަނިކޮށް ހުކުރު ދުވަހުގެ ވަގުތެއްގައި ކަޑޫނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައެެވެ. ބަޔާނުގައިވާ ގޮތުން ސިފައިންގެ ވެރިޔާއާއި، މަތިންދާބޯޓުގެ ފަޅުވެރިންގެ އިތުރަށް ސިފައިންގެ އިސް 10 އޮފިސަރަކު ވަނީ މިހާދިސާގައި މަރުވެފައެވެ. މަތިންދާބޯޓު ވެއްޓުނުކަން ހާމަކުރި ނަމަވެސް، ބޯޓު ވެއްޓުނު ސަަބަބެެއްވެސް އަދި ބޯޓުން ދަތުރުކުރަނިކޮށް މަރުވި އެހެން އޮފިސަރުންގެ ނަމެއްވެސް ސިފައިންގެ ބަޔާނުގައި ހާމަކޮށްފައި ނުވެއެވެ. ސިފައިންގެ ތަރުޖަމާނު ބްރިގޭޑިޔާ ޖެނެރަލް މުޙައްމަދު ޔަރިމާ ވިދާޅުވީ ތަފްސީލުތައް ފަހުން ހާމަކުރާނެ ކަމުގައެެވެ.
ރައީސު މުޙައްމަދު ބުހާރީ، އުމުރުން 54 އަހަރުގެ ޖެނެރަލް އައްޠާހިރު ނައިޖީރިޔާ ސިފައިންގެ ވެރިޔާގެ މަގާމަށް އިސްކުރައްވާފައި ވަނީ ފާއިތުވި ޖަނަވަރީ މަހުގެ ތެރޭގައެވެ. އެއީ، ނައިޖީރިޔާގައި އިތުރުވަމުން ދިޔަ ހަމަނުޖެހުން ކޮންޓުރޯލުކުރުމުގެ މަގުސަދުގައި ސިފައިންގެ އިސް މަގާމުތަކަށް ގެންނެވި ބަދަލުތަކުގެ ތެރޭގައެވެ. ނައިޖީރިޔާގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ޖަމާއަތް ބޯކޯ ހަރާމް ދަނީ އެގައުމުގެ އުތުރުގައި ސަރުކާރުގެ ސަފައިންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިކުރަމުންނެވެ. ތަންތަނަށް ހަމަލާދިނުމާއި، ސްކޫލްތަކަށް ހަމަލާދީ ދަރިވަރުން ރަހީނުކޮށްގެން ގެންދިއުމާއި، ސިފައިންގެ މީހުން މެރުން ފަދަ ހަރުކަށި އަމަލުތަކެއް އެ ޖަމާއަތުން ދަނީ ހިންގަަމުންނެެވެ.
ބޯކޯ ހަރާމްގެ ހަމަލާތަކުގައި މިހާތަނަށް 30 ހާހަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު، 2 މިލިއަނެއްހާ މީހުންގެ ގެދޮރު ވަނި ގެއްލިފައެވެ.
ރައީސު މުޙައްމަދު ބުހާރީ ވިދާޅުވެފައި ވަނީ ޖެނެރަލް އައްޠާހިރުގެ ވަކިވުމަކީ "އަހަރުމެންނަށް ކުރިމަތިވެފައިވާ ސަލާމަތީ ގޮންޖެހުންތައް ނައްތާލަން އަހަރުމެންގެ ހަތިޔާރުއެޅި ބާރުތަކުން މަސައްކަތްްފަަށަން ތައްޔާރުވި ވަގުތާ ދިމާކޮށް އެރި މަރުގެ އެތިފަހަރެއް" ކަމުގައެވެ.
ނައިޖީރިޔާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަަނުން ނެރުނު ބަޔާނެއްގައި ޖެނެރަލް އައްޠާހިރުގެ މަރު ސިފަކޮށްފައި ވަނީ "ނައިޖީރިޔާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް"ގެ ގޮތުގައެވެ.
ސިފައިންގެ ވެރިޔާ އަވަހާރަވިކަމުގެ ޚަބަރު މި ލިބުނީ ސިފައިންނާ ކުރިމަތިލުމުގެ ތެރޭގައި ބޯކޯ ހަރާމްގެ ލީޑަރު އަބޫބަކަރް ޝެކާއު މަރުވެފައިވާ ކަމުގެ ނުވަތަ ވަރަށް ބޮޑަށް ޒަަޚަމްވެފައިވާ ކަމުގެ އަޑުތަކެއް އަރާފައި ވަނިކޮށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.