އެއްވެސް ތަނެއް ދޮރެއް ބެލުމެއް ނެތި ޣައްޒާގައި އާއްމުން ދިރިއުޅޭ އިމާރާތްތައް ބިމާ ހަމަކުރަމުން، އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ހަމާސް) ޖަމާއަތުން ލީޑަރުންގެ ގެތައް ކަމަށް ބެލެވޭ ތަންތަން ފުނޑުފުނޑުކުރަމުން، ހަމާސް ޖަމާއަތުން ބޭނުންކުރާ ބިންގަރާސްތައް ކަމަށް ލަފާކުރެވޭ ގޮއްވަމުން ދާއިރުވެސް، އިސްރާއީލުގެ އެންމެ މުހިއްމު ލަނޑުދަނޑިއަށް އަދިވެސް ވާސިލު ނުވެއެވެ. އެއީ ހަމާސްގެ އަސްކަރީ ގޮފި ޢިއްޒުއްދީން ޤައްސާމް ބްރިގޭޑްްސްގެ ވެރިޔާ މުޙައްމު ޟައިފުއެވެ. ނިއުޔޯކް ޓައިމްސްއިން މިިއަދު ބުނެފައިވާ ގޮތުގައި އިސްރާއީލު މިހާރު ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ އެންމެ ބޮޑު މަގުސަދަކީ މުހައްމަދު ޟައިފު ނައްތާލުމެވެ.
އެ ނޫހުން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ މިފަހަރުގެ ހަމަލާތަކުގައިވެސް އެންމެ ބޮޑު އަމާޒަކީ އެތައް އަހަރަކުއްސުރެ ޔަހޫދީ ދައުލަތުން އަވަހާރަކޮށްލަން މަަސައްކަތްކުރާ، އަދި މިހާރު ފަލަސްޠީނުގެ ޖިހާދުގެ ރަމްޒަކަށް ވެފައިފާ ޟައިފެެވެ. އެހެންނަމަވެސް މީގެ ކުރީގެ އެތައް ފަހަރެކޭ އެއްގޮތަށް މިފަަހަރުވެސް އިސްރާއީލަށް ޟައިފު ވީ ތަނެއް ނޭނގުނެެވެ.
"މިފަހަރުގެ އޮޕަރޭޝަނުގައި އަހަރުމެން މަސައްކަތްކުރިން މުޙައްމަދު ޝައިފު މަރާލެވޭތޯ" އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު ބުނެފައި ވެއެވެ. ނިއުޔޯކް ޓައިމްސްއިން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ކޮމާންޑޯޒްއިން މުޙައްމަދު ޟައިފު އަވަހާރަކޮށްލުމާ އެތައް ފަަަހަރަކު ވަރަށް ކައިރިވިއެވެ. އެެހެންނަމަވެެސް، ޒަޚަމްވެވަޑައިގެން ވެސް އޭނާ ވަނީ ސަލާމަތްވެވަަޑައިގެންފައެވެ.
އިސްރާއީލުގެ އަސްކަރީ އޮފިޝަލަކު ބުނި ގޮތުގައި މިހާރު ގައްސާމް ބްރިގޭޑުން އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތަކުގައިވެެސް އުމުރުފުޅުން 55 އަހަރުގެ ޟައިފް ވަނީ އިސް ދައުރެއް އަަދާކުރައްވާފައެވެ. އޭނާ ބުނި ގޮތުގައި ފާއިތުވި ބުދަ ދުވަހު ޓެލްއަވީވަށް 130 ރޮކެޓްގެ ހަމަލާއެއް ފޮނުވަން ސީދާ އަމުރުކުރެއްވީ ޟައިފެވެ.
އޭނާގެ އިސްތިރާތީޖީ (ސްރެޓީޖިކް) ބާރާއި، އިސްރާއީލުން އޭނާ އަވަހާރަކޮށްލުމަށް ރާވާ ރޭވުންތަކުން ރެކިވަޑައިގަތުމުގައި އޭނާ ކާމިޔާބު ހޯއްދަވާފައިވާ ވަރުން އޭނާއަކީ ފަލަސްޠީނު އާއްމުންގެ ގަދަރާއި އިހުތިރާމު މަތީ ދަރަޖައަކަށް ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާގެ ހަޔާތުގެ ބޮޑުބައި ހޭދަކުރައްވާފައި ވަނީ ބިމު އަޑީގައެެވެ. އޭނާވަނީ އިސްރާއީލުން އޭނާ އަވަހާރަކޮށްލަން ދިން ހަމަލާތަކުން އަށްފަހަރު ސަލާމަތްވެވަަޑައިގެންފައެވެ. އޭގެތެރޭގައި އޭނާގެ ކާރުކޮޅަށް ދިން ހަމަލާވެސް ހިމެނެއެވެ.
2014 ވަނަ އަހަރުގެ ޣައްޒާ އުދުވާނުގައި ވެސް ޣައްޒާގެ ޝައިޚް ރިޟްވާން އަވަށުގައި އޭނާ ހުންނެވިކަމަށް ލަފާވާ ގެއަކަށް އިސްރާއީލުން ފަސް ބޮން ވައްޓާލާފައި ވެއެވެ. އެފަަހަރު އިސްރާއީލުން ޔަގީންކުރީ އޭނާ އަވަހާރަކޮށްލެވިއްޖެ ކަމުގައެވެ. އެެެެހެންނަމަވެސް އޭނާ ސަލާމަތްވެވަޑައިގަތެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އިސްރާއީލަށް މުޙައްމަދު ޟައިފު އަތުލައިގަތުން އުނދަގޫވާ ސަބަބަކީ އޭނާ އެއްގޮތަކަށްވެސް އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންނުކުރެއްވުމެވެ.
މުޙައްމަދު ޟައިފު އުވަންވެވަަޑަައިގަތީ ޣައްޒާގެ ޚާން ޔޫނުސް ރެފިއުޖީ ކޭންޕުގައެވެ. 80 ގެ އަހަރުތަކުގައި ހަމާސް ޖަމާއަތާ ގުޅިވަޑައިގަތުމަށް ފަހު އޭނާ ވަނީ ހަމާސް ޖަމާއަތުގެ އިސް ސަފަށް ހަލުވިކަމާއެކު ވަޑައިގެންފައެެވެ.
ހަމާސްގެ ޢިއްޒުއްދީން ޤައްސާމް ބްރިގޭޑްްސް އުފައްދަވައި، އިސްރާއީލު ޖެހިލުންވާ ވަރުގެ އަސްކަރީ ބާރަކަށް އެ ލަޝްކަރު ހެއްދެވުމުގެ މޭސްތިރިއަކީ މުޙައްމަދު ޟައިފެވެ.