އަދަދުތައް މައްޗަށް، ޣައްޒާ ހަނގުރާމައިން އިސްރާއީލަށް ލިބޭ ގެއްލުން ދަނީ ބޮޑުވަމުން

ހަމާސްގެ ރޮކެޓަކުން އިސްރާއީލުގެ އަސްގަލާންގެގެ ގެއެއް ހަލާކުވެފައި

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ލާއިންސާނީ އުދުވާނީ ހަމަލާތައް ކުރިއަށް ގެންދަނީ އެ ސަރަހައްދަށް ވީހާވެސް ބޮޑު ގެއްލުމެއް ދީ ފަލަސްޠީނު މީހުންނަށް 'ފިލާވަޅެއް ދިނުމުގެ' ބޭނުމުގައެވެ. އިސްރާއީލުގެ ހައްދު ފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ މަގުސަދު ހާސިލުނުވަނީސް ހަމަލާތައް ހުއްޓާނުލާނެ ކަމުގައެވެ.

ނަތަަންޔާހޫ ގޮތް ދޫނުކޮށް އޭނާގެ އަނިޔާވެރިކަން ކުރިއަށް ނެރުނު ނަމަވެސް، އެހެން ފަހަރުތަކާ ޚިލާފަށް، ޣައްޒާއާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި އިސްރާއީލަށް ލިބޭ ގެއްލުން ވަނީ އެތައް ގުނައަކަށް ބޮޑުވެފައެވެ. ފަލަސްޠީނުގެ މުޖާހިދުން އެމީހުންގެ ހަތިޔާރު އެތައް ގުނައަކަށް ތަރައްގީކޮށްފައި ވާތީއެވެ.

އިސްރާއީލުގެ ޓެކުހާ ބެހޭ އިދާރާއިން ނެރެފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި 2014 ވަނަ އަހަރު އިސްރާއީލުން ޣައްޒާއާއި ދެކޮޅަށް ކުރިއަށް ގެންދިޔަ 51 ދުވަހުގެ އުދުވާނުގައި ނުވާ ގެެއްލުން މި ފަހަރުގެ އުދުވާނުގެ ފުރަތަމަ 4 ދުވަހުގެ ތެރޭގައި އިސްރާއީލުގެ އިގުތިސާދަށް ވަނީ ލިބިފައެވެ.

އިސްރާއީލް ޓެކްސް އޮތޯރިޖީން ނެރެފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މިފަހަރުގެ އުދުވާނުގެ ފުރަތަމަ 4 ދުވަހު އިސްރާއީލުގެ އާއްމުންގެ އިމާރާތްތަކަށް 33 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން، ސަރުކާރެ އިމާރާތްތަކަށް 20 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައި ވެއެވެ. އެއީ ޣައްޒާއިން ފޮނުވާ ރޮކެޓް އަދި ޑްްރޯން ހަމަލާތަކުގެ ސަބަބުންނެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާތަކަށް ކުރި ޚަރަދު 500 މިލިއަން ޑޮލަރަށް އަރައެވެ.

އިބްރީ ދުވަހު ނޫސް ޔެދިއޯތު އަހްރަނޯތުގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި 2014 ވަނަ އަހަރުގެ 51 ދުވަހުގެ އުދުވާނުގައި އިސްރާއީލަށް 60 މިލިއަން ޑޮލަރުގެ ގެއްލުވި އިރު، މިފަހަރުގެ އުދުވާނުގައި، އިމާރާތްތަކާއި ތަކެއްޗަށް ލިބުނު ގެއްލުމުގެ އިތުރަށް، އިގްތިސާދީ މަސައްކަތްތައް ހުއްޓުމަކަށް އައުމުގެ ސަބަބުން މިހާތަނަށް ލިބުނު ގެއްލުން 300 މިލިއަން ޑޮލަރަށް އަރައެވެ.

ހަމާސްެގެ އިއްޒުއްދީން ގައްސާމް ބްރިގޭޑްސް ހަތިޔާރުތައް ތަރައްގީކޮށްފައިވާ މިންވަރުން އިސްރާއީލު ހައިރާންކޮށްލަފައި ވާއިރު، ދިގު މުއްދަތަކަށް އުދުވާން ކުރިއަށް ގެންދާނަމަ އިސްރާއީލުގެ އިގުތިސާދަށް ފޫނުބެއްދޭ ވަރުގެ ގެއްލުންވާނެ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

މިހާރުވެސް ޓެލްއަަވީވް (ތައްލުއަބީބް) ގެ ސްޓޮކް އެކްސްޗޭންޖް %28 ވެއްޓިފައިވާއިރު، އިސްރާއީލުގެ ޣައްޒާއާއި ވީ ފަރާތުގެ ރަށްތަކުގެ ފެކްޓަރީތަކުގެ %30 މަސައްކަތް ނުކުރެއެވެ. އަދި އެހެން ސަރަހައްދުތަކުގެ %17 މަސައްކަތް ނުކުރެއެވެ. އަދި މަަދަރުސާތަކާއި، ޔުނިވަސިޓީތަކާއި، ތައުލީމީ އެހެން އިދާރާތަކުގެ %70 ތަންތަން ވަނީ ބަންދުކޮށްފައެެވެ.

ޖެރޫސަލަމް ޕޯސްޓް ނޫހުން ބުނެފައިވާ ގޮތުގައި ޤައްސާމް ބްރިގޭޑްސްގެ ރޮކެޓެއް އަގު 300 ޑޮަލަރާއި 800 ޑޮލަރާއި ދެމެދުގައި ހުރި އިރު، އެއިން ރޮކެޓެއް ވައްޓާލަން އިސްރާއީލުން 50 ހާާހާއި 1 ލައްކަ ޑޮލަރާއި ދެމެދުގެ އަދަދަކަށް ޚަރަދުކުރަން ޖެހެއެެވެ.

މިއަަދަކީ ޣައްޒާއަށް ދޭ އުދުވާނީ ހަމަލާގެ 9 ވަނަ ދުވަހަށް ވާއިރު، މިހާތަނަށް ޣައްޒާގައި 212 މީހުން ވަނީ ޝަހީދުވެފައެވެ. އަދި މީހުން ދިރިއުޅޭ އެތައް އިމާރާތެއް ބިމާ ހަމަކޮށްފައި ވާއިރު، 10 ހާހަށް ވުރެ ގިނަ މީހުން ތިބީ ބޯ ހިޔަލެއް ނެތިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.