އިސްރާއީލުގެ 11 ދުވަހުގެ އުދުވާނުގައި ޣައްޒާ ސުންނާފަތިކޮށްފައި

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއްގައި ފެންހޮޅިއެއް ފަޅައިގެން ގޮސް، މަގުމަތީ ފެންބޮޑުވެފައި

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގި ރަހުމްކުޑަ 11 ދުވަހުގެ އުދުވާނުގައި ދިން އަނިޔާވެރި ހަމަލާތައް ހުއްޓުމަކަށް އައިއިރު، ލިބުނު އެންމެ ބޮޑު ގެެއްލުމަކީ 230 އަށްވުރެ ގިނަ މީހުން ޝަހީދުވެގެން ދިއުމެވެ. ދުނިޔެ ދޫކޮށް ދިޔަ އެއެންމެންނަކީވެސް އާއީލާތަކާއި ގާތްތިމާގެ މީހުންނާ އަބަަދުގެ އަބަދަށް ވަކިވެ ދިޔަ މީހުންނެވެ. އިންސާނީ މި ކާރިސާގެ އިތުރަށް މި އުދުވާނުގައި ވަނީ ޣައްޒާގެ ބޮޑު ބައެއް ސުންނާފަތިކޮށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ޣައްޒާގެ މިނިސްޓްރީ އޮފް ޕަބްލިކް ވާކްސް އެންޑް ހައުސިންގްގެ ވަކީލު ނާޖީ ސަރްހާން ވިދާޅުވިގޮތުގައި، ދެ ހާސް ހައުސިންގް ޔުނިޓެއް މުޅިން ފުނޑުފުނޑުވެގެން ގޮސްފައި ވާއިރު، 15 ހާސް ހަައުސިންގް ޔުނިޓަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.

ސަރްޙާން އިތުރަށް ވިދާޅުވި ގޮތުގައި 10 މިސްކިތެއް ހަލާކުވެފައިވާއިރު، އެތައް ޕޮލިސް ސްޓޭޝަނެއްވެސް ވަނީ ފުނޑުފުނޑު ވެފައެވެ. އަދި ސިނާއީ ސަރަހައްދުގެ ގިނަ ކާރުޚާނާތަކެއް ހަލާކުވެފައިވާއިރު، ލިބުނު ގެެއްލުންތައް 150 މިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ. އޭނާ ވިދާޅުވީ މިއީ އަންދާޒާއެއް ކަމަށާއި، ލިބުނު ގެއްލުމުގެ ހަގީގީ އަދަދުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާކަަމަށެވެ.

އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން އަންދާޒާކުރާ ގޮތުގައި މި ނިމިގެން ދިޔަ އުދުވާނުގައި ޣައްޒާގެ ބޯފެނުގެ ނިޒާމުގެ %50 ވަނީ ހަލާކުވެފައެވެ. އަދި ޣައްޒާގެ ރައްޔިތުންގެ ތެރޭން 8 ލައްކަ މީހުންނަށް ސާފު ބޯފެން ލިބެމުން ނުދެއެވެ.

އދ. އިތުރަށް ބުނެފައިވާ ގޮތުގައި ޣައްޒާގެ 6 ހޮސްޕިޓަކާއި، 11 ސިއްހީ މަރުކަޒަކަށް އެކިވަރުގެ ގެއްލުން ލިބިފައި ވާއިރު، އިސްރާއީލުން ދިން ހަމަލާތަކުގައި 53 ތައުލީމީ މުއައްސަސާއެއް ވަނީ ހަލާކުވެފައެވެ.

ޣައްޒާގެ ފުލުހުންގެ ވެރިޔާ މޭޖާ ޖެނެރަލް މަޙްމޫދު ޞަލާޙް ވިދާޅުވި ގޮތުގައި ފުލުހުންގެ އެކްސްޕްލޯޒިވް އިންޖިނިއަރިންގް ޑިޕާޓްމަންޓުން ވަނީ އިސްރާއީލުން ޣައްޒާގެ ގެތަކުގެ މައްޗަށް ވައްޓާލުމަށް ފަހު ނުގޮވައި ހުރި 295 ބޮން ނުގޮވާ ގޮތަށް ހަދައިފައެެވެ.

ސެޓެލައިޓްތަކުން ނަގާފައިވާ ފޮޓޯތަކުން ޣައްޒާއަށް ލިބިފައިވާ ގެއްލުންތަައް ސާފުކޮށް ފެންނައިރު، ޣައްޒާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އިސްރާއީލުން ވަނީ ގެތަކާއި، އެޕާޓްމަންޓްތައް ހިމެނޭ 205 އިމާރާތެއް ސުންނާފަތިކޮށްލާފައެވެ. އަދި ޚަބަރުފަތުރާ 33 އިދާރާއެެއްގެ އޮފީސްތައް ހިމެނޭ ޓަވަރެއް ގޮއްވާލާފައެވެ.

އިސްރާއީލުގެ އުދުވާން ހުއްޓުމަށް ފަހު، ބޭރު ގައުމުތަކުން ޣައްޒާއަށް ފޮނުވާ އިންސާނީ އެހީ ވަނީ މިސްރުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ރަފަހް ކްރޮސިންގއިން ޣައްޒާއަށް ވަންނަން ފަށާފައެވެ. އޭގެ ތެރޭގައި ފީލްޑް ހޮސްޕިޓަލާއި، ކާނާއި، އަންނައުނުގެ އިތުރަށް، ޣައްޒާގެ އިންޖީނުގެއަށް ބޭނުންވާ ތެޔޮވެސް ހިމެނެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.