ސައޫދީ އަރަބިއްޔާ އިސްވެ އޮވެ ޤަޠަރާ ދެކޮޅަށް ހަތަރު އަހަރެއްހާ ދުވަހަށް ދެެމެހެއްޓި ހިސާރު ނިމުމަކަށް އައިސް ދެގައުމުގެ ގުޅުން އަލުން ރަނގަޅުވުމަށް ފަހު ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ޤަޠަރު އަމީރު ތަމީމް ބިން ޙަމަދު އާލްޘާނީ ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.
ފާއިތުވި އެޕްރީލް މަހު ސައޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރްޙާން ދޯހާއަށް ވަޑައިގެން ސަލްމާން ރަސްގެފާނުގެ ފަރާތްޕުޅުން ދެއްވި ދައުވަތު ގަބޫލުކުރައްވައި، އިއްޔެގެ ވަގުތެއްގައި އަމީރު ތަމީމް ޖިއްދާއަށް ވަަޑައިގަތުމުން ޖިއްދާގެ ވައިގެ ބަނދަރުން އޭނާއަށް މަރުހަބާ ދެންނެވީ ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާލްސޫޢޫދެވެ.
ޖިއްދާގެ އައްސަލާމް ގަނޑުވަރުގައި ބޭއްވި މަޝްވަރާތަކުގައި ދެ ބޭފުޅުން ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރާނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާފައެވެ.
ޤަޠަރު-ސައޫދީ ގުޅުން ރަނގަޅުވަމުން އަންނައިރު، ސައޫދީ ހިސާރުގެ ދުވަސްވަރު ޤަޠަރަށް އެންމެ ބޮޑަށް ތާއީދުކުރި ގައުމު، ތުރުކީއާ ސައޫދީ އަރަބިއްޔާގެ ގުޅުންވެސް އަންނަނީ ރަނގަޅުވަމުންނެެވެ. ގުޅުން އިތުރަށް ރަނގަޅުކުރުމާ ބެހޭ މަޝްވަރާތަކަށް ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޖާވިޝްއޮގްލޫ ވަނީ މިއަދުގެ ވަގުތެއްގައި ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފައެވެ.
ސައޫދީ އަރަބިއްޔާއާއި އެ ގައުމުގެ އެކުވެރިން ކަމުގައިވާ މިސްރު، ޔުނައިޓެޑް އަރަބް އެމިރޭޓްސްް (ޔޫއޭއީ) އަދި ބަހްރޭން 2017 ވަނަ އަހަރު ޖޫން މަހުގެ 5 ވަނަ ދުވަހު ޤަޠަރާ ހުރިިހާ ގުޅުމެއް ކަނޑާލައި އެ ގައުމު ހިސާރުކުރީ ޤަޠަރުން އީރާނާ މާ ގާތް ގުޅެއް ބާއްވާކަމަށާއި، ޓެރަރިސްޓު ޖަމާއަަތްތަކަށް ވާގިވެރިވާކަމަށް ބުނެއެވެ. އަދި އަލްޖަޒީރާ ޗެނެލް ބަންދުކުރަން އެންގުމުން އެކަމަށް އިޖާބަ ނުދިނުމުންނެވެ.
އެ ދުވަހުން ފެށިގެން މި ހިނގާ 2021 ވަނަ އަހަރު ޖަނަވަރީ މަހުގެ 5 ވަނަ ދުވަހާ ހަމައަށް މި ހިސާރު ދެމިއޮތެވެ. އެ ދުވަހު ސައޫދީ އަރަބިއްޔާގެ އަލްޢުލާގައި ބޭއްވި ގަލްފު ކޯޕަރޭޝަން ކައުންސިލްގެ އެންމެ އިސްވެރިންގެ ބަންދަލުވުމަށް ފަހު ގުޅުންތައް އަލުން އިއާދަކުރަން ނިންމައި "ޢުލާ ގަރާރު" އިއުލާންކުރިއެވެ. އެއަށް ފަހު ދެ ގައުމުގެ ގުޅުން އައީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންނެވެ. އަލްޢުލާގެ ބައްދަލުވުމުގައި ޤަޠަރުގެ އަމީރުވެސް ބައިވެރިވެވަޑައިގަތެވެ.
މިއަހަރު ޖަނަވަރީ މަހުގެ 'އުލާ ޑެކްލަރޭޝަން' އަަށް ދެގައުމުގެ ވިޔަފާރިއާއި ދަތުރު ފަތުރުގެ ގުޅުންތައް ވަނީ އަލުން ފެށިފައެވެ. އަދި މަޑުމަޑުން ހިސާރުގެ ކުރީގެ ހާލަތަށް ރުޖޫއަވާނެ ކަމަށް ވަނީ ބެލެވިފައެވެ.