ސައޫދީ އަރަބިއްޔާއާއި އިތުރު 3 ގައުމެއް ގުޅިގެން ޤަޠަރު ހިސާރުކުރި ފަހުން 3 އަހަރުވެފައިވާއިރު، ޤަޠަރީ ސައޫދީ އަރަބިއްޔާ ގުޅުން ހަމަމަގަށް އެޅުވުމަށްޓަކައި އިބްތިދާއީ އެއްބަސްވުމަކާއި ވަރަށް ގާތަށް ގޮސްފައިވާ ކަމުގެ ޚަބަރުތައް ލިބެން ފަށައިފިއެވެ.
މި ޚަބަރުތައް އައިސްފައި މިވަނީ އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕްގެ ސްޕެޝަލް އެޑްވައިޒަރ އަދި ދަނބިދަރިކަލުން ޖެރަޑް ކުޝްނާ ސައޫދީ އަރަބިއްޔާއަށާއި ޤަޠަރަށް ކުރެއްވި ދަތުރުފުޅަށް ފަހުގައެވެ. ކުޝްނާ ކުރެއްވި މަޝްވަރާތަކު މައުލޫމާތު އެނގޭ ތިން މަސްދަރަކާ ހަވާލާދީ ބައެއް ޚަބަރުތައް ބުނާ ގޮތުގައި ޤަޠަރު އެއާވޭޒްއަށް ސައޫދީ އަރަބިއްޔާ މަތިން އުދުހުމުގެ ހުއްދަ ދިނުމާއި، އެއްގަމާއި ވައިގެ މަގުން ދެގައުމުގެ ބޯޑަރު ހުޅުވާލުމާއި، އެއް ގައުމު އަނެއް ގައުމާ ދެކޮޅަށް ކުރާ 'މައުލޫމާތުގެ ހަނގުރާމަ' ހުއްޓާލުމާ ގުޅޭ އެއްބަސްވުމެއްގައި ދެ ގައުމުން ވަރަށް އަވަހަށް ސޮއިކުރާނެއެވެ.
ސައޫދީ އަރަބިއްޔާއާއި ޤަޠަރުގެ ގުޅުން ރަނގަޅުކުރުމަށް ދެގައުމުން މަސައްކަތްކުރި ނަމަވެސް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި އޮތީ ދޫ ދޭގޮތަކަށް ނޫނެވެ. އެހެންކަމުން ޖެރަޑް ކުޝްނާގެ ދަތުރުފުޅުގައި ޔޫއޭއީއަށް ވަޑައިގެންފައި ނުވެއެވެ.
ޤަޠަރާއި ސައޫދީ އަރަބިއްޔާ ގުޅުން ރަނގަޅުކުރުމާ ދިމާއަށް މިސްރާބު ޖެހީ، ކަމާ ގުޅުން ހުރި މަސްދަރުތަކުން މައުލޫމާތު ދިން ގޮތުގައި ކުވޭތުން ވަރަށް ބޮޑަށް މަސައްކަތްކޮށްގެންނެވެ. ކުޝްނާ މެދެއިރުމައްޗަށް ވަޑައިގަތްއިރުވެސް މަސައްކަތުގެ ބޮޑު ބައެއް އޮތީ ނިމިފައެވެ.
ސައޫދީ-ޤަޠަރު ގުޅުން ހަމައަކަށް އެޅި ޤަޠަރު އެއާވޭޒްއަށް ސައޫދީ އަރަބިއްޔާގެ މަތިން އުދުހުމުގެ ހުއްދަ ދިނުމުން އެންމެ ބޮޑަށް ގެއްލުންވާނެ އެއް ގައުމަކީ އީރާނެވެ. ޔޫރަޕަށް ޤަޠަރު އެއާވޭޒްއިން ކުރާ ދަތުރުތަކުން އީރާނުގެ ސަރަހައްދު މަތިން ދަތުރުކުރުމުގެ ފީއެއްގެ ގޮތުގައި އީރާނަށް އަހަރަކު 100 މިލިއަން ޑޮލަރު ލިބެއެވެ. ސައޫދީ އަރަބިއްޔާގެ މަތިން އުދުހުމުގެ ހުއްދަ ލިބުމުން ޤަޠަރު އެއާވޭޒްގެ ފްލައިޓުތަކުގެ މިސުރާބު ބަދަލުކުރާނެއެވެ. އެއީ ދަތުރުގެ ރާސްތާ ކުރުވާނެތީއެވެ.
ސައޫދީ އަރަބިއްޔާއާއި، ޔޫއޭއީއާއި މިސްރާއި ބަހްރޭން ގުޅިގެން ޤަޠަރު ހިސާރުކުރީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެއީ ޤަޔަރުން ޓެރަރިޒަމަށް ތާއިދުކުރާ ކަމަށް ބުނެއެވެ. އަދި ގުޅުން އަލުން އިއާދަކުރެވޭނީ ޤަޠަރުން 13 ޝަރުޠެއް ފުރިހަމަ ކުރުމުން ކަމަށްވެސް އެ ގައުމުތަކުން ބުނެފައި ވެއެވެ. އޭގެ ތެރޭގައި ޤަޠަރުގައި ތިއްބެވި މުސްލިމް ބްރަދަހުޑްގެ އިސްބޭފުޅުން އެގައުމުން ބޭރުކުރުމާއި، އަލްޖަޒީރާ ޓީވީ ބަންދުކުރުން ހިމެނެއެވެ. ޤަޠަރުން ވަނީ އެ ޝަރުޠުތައް ފުރިހަމަކުރުމަށް ދެކޮޅުހަދާފައެވެ.