'ހިސާރު' އުވާލުމާ ބެހޭގޮތުުން ވާހަކަފުޅުދެއްކެވުމަށް ޤަޠަރުގެ ޚާރިޖީ ވަޒީރު ދާދި ފަހުން ސައޫދީ އަރަބިއްޔާއަށް ދަތުރުފުޅެއް ކުރެއްވި

ޤަޠަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުޙައްދު ބިން ޢަބްދުއްރަޙްމާން އާލްޘާނީ

މީގެ ދެ އަހަރު ކުރިން ސައޫދީ އަރަބިއްޔާއާއި، އަރަބި ތިން ގައުމަކުން ޤަޠަރާއި ހުރިހާ ގުޅުމެއް ކަނޑާލައި، އެ ގައުމު 'ހިސާރު' އުވާލައި ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމުގެ މަގުސަދުގައި ޤަޠަރު އިސް މަސްއޫލުވެރިއަކު ފުރަތަމަ ފަހަރަށް ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

ދަތުރުފުޅާ ބެހޭ މައުލޫމާތު އެނގޭ ދެ މަސްދަރަކުން ޚަބަރު ފަތުރާ ބަައެއް އެޖެންސީތަކަށް މައުލޫމާތޫ ދީފައިވާ ގޮތުގައި ޤަޠަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުޙައްދު ބިން ޢަބްދުއްރަޙްމާން އާލްޘާނީ ވަނީ ފާއިތުވި އޮކްޓޯބަރު މަހުގެ ތެރޭގައި ސައުދީ ވެރިރަށް ރިޔާޟަށް ސިއްރު ދަތުރުފުޅެއް ކުރައްވާފައެވެ. މިއީ މައްކާގައި އޮތް އަރަބި އެންމެ އިސް ވެރިންގެ ބައްދަލުވުމަށް ޤަޠަރުގެ ބޮޑުވަޒީރު ޢަބްދުﷲ ބިން ނާޞިރު ބިން ޚަލީފާ އާލްޘާނީ ފާއިތުވި މޭ މަހު ސައޫދީ އަރަބިއްޔާއަށް ވަޑައިގަތް ފަހުން ޤަޠަރުގެ މަސްއޫލުވެރިއަކު ސައޫދީ އަރަބިއްޔާއަށް ވަޑައިގަތް ފުރަތަމަ ފަހަރެެވެ.

ޚަބަރު ލިބޭ ގޮތުގައި ޝައިޚް މުޙައްމަދު ރިޔާޟަށް ކުރެއްވި ދަތުރުފުޅުގައި އޭނާ ވަނީ މިސްރުގެ މުސްލިމް ބްރަދަހުޑާ ޤަޠަރުން ގުޅުން ކަނޑާލާނެ ކަމަށް ހުށަހަޅުއްވާފައެވެ. މުސްލިމް ބްރަދަހުޑަކީ ޤަޠަރުގެ 'ހިސާރު'ގައި ބައިވެރިވާ ސައޫދީ އަރަބިއްޔާއާއި، މިސްރާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި، ބަހްރޭނުން ޓެރަރިސްޓު ޖަމާއަތެއް ކަމުގައި ކަނޑަައަޅާފައިވާ ޖަމާއަތެކެވެ. އަދި އެ ޖަމާއަތާ ގުޅުން ކަނޑާލުމުކީ ޤަޠަރާ އެކު އޮތް ގުޅުން އަލުން އިއާދަކުރުމަށް އެ ހަތަރު ގައުމުން ހުށަހަޅާފައިވާ އެއް ޝަރުޠެވެ.

މި ދަތުރުފުޅާ، އެ ދަތުރުފުޅުގައި ދެކެވުނު ވާހަަކަތަކާ ބެހޭ ގޮތުން ސައޫދީ މަސްއޫލުވެރިންނާ ބޭރުގެ ބައެއް ނޫސްވެރިން ސުވާލުކުރުމުން ސީދާ ޖަވާބެއް ދެއްވާފައި ނުވެއެވެ. ސައޫދީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ޢާދިލު އަލްޖުބައިރު ވިދާޅުވީ ސައޫދީން އެދިފައިވާ ކަންކަމަށް ޤަޠަރުން އިޖާބަދިނުމުގެ އިންތިޒާރުގައި ތިބިކަމަށެވެ.

2017 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ސައޫދީ އަރަބިއްޔާއާއި އެ ގައުމާއި ބައިވެރިވި އަރަބިން ތިން ގައުމުން ޤަޠަރު 'ހިސާރު'ކުރި އިރު، އެ ހިސާރު އުވާލާނީ ޤަޠަރުން 13 ކަމެއް ފުރިހަމަކުރުމުން ކަމަށް ބުނެފައި ވެއެވެ. އެ ކަންކަމުގެ ތެރޭގައި މުސްލިމް ބްރަހުޑާ ގުޅުން ކަނޑާލުމުގެ އިތުރަށް، އަލްޖަޒީރާ ޓީވީ ބަންދުކުރުމާއި، ތުރުކީގެ އަސްކަރީ މަރުކަޒު ބަންދުކުރުމާއި، އީރާނާއެކު ބާއްވާ ގުޅުމުގެ ފެންވަރު ދަށްކުރުން ފަދަ ކަންކަން ހިމެނެއެވެ.

'ހިސާރު'ގައި ބައިވެރިވާ ގައުމުތަަކާ ޤަޠަރާ އެޮތް ގުޅުން ކޮންމެވެސް ވަަރަށް ރަނގަޅުވަމުން އަންނަ ކަމުގެ އެހެން ނިޝާނެއް ވެސް ދާދި ފަހުން ވަނީ ފެނިފައެވެ. ޤަޠަރުގައި މިހާރު ކުރިއަށް 24 ވަަނަ އެރޭބިއަން ގަލްފް ކަޕް ފުޓުބޯޅަ މުބާރާތުގައި ސައޫދީ އަރަބިއްޔާ، ޔޫއޭއީ އަދި ބަހްރޭނުގެ ޓީމުތައް ދަނީ ބައިވެރިވަމުންނެވެ. 2017 ވަނަ އަހަރު ޤަޠަރުގައި ބާއްވަން ނިންމި 23 ވަަނަ ގަލްފް ކަޕްގައި މި ތިން ގައުމުން ބައިވެރިވާން ދެކޮޅު ހެދުމުން އެންމެ ފަހު ވަގުތު އެ މުބާރާތް ބާއްވާފައި ވަނީ ކުވޭތުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.