ޤަޠަރުގެ ހިސާރު ނިމުމަކަށް

ޤަޠަރުގެ ވެރިރަށް ދޯހާ

ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، މިސްރު އަދި ބަހްރޭން ގުޅިގެން ޤަަޠަރު ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް އަތުވެއްޖެއެވެ. ހިސާރު ނިމުމަކަށް އައީ ސައޫދީ އަރަބިއްޔާއާއި ޤަޠަރު ގުޅޭ އެއްގަމާއި ކަނޑުގެ ސަރަހައްދީ ރޮނގު ހުޅުވާލައި، ސައޫދީ އަރަބިއްޔާގެ ވައިގެ ސަރަހައްދު ޤަޠަރުގެ މަތިންދާބޯޓުތަކަށް ހުޅުވާލުމުންެނެެވެ.

ރޭ ކުވޭތު ޓީވީން ދުރަށް ފޮނުވި ބަޔާނެއްގައި މިކަން އިއުލާންކުރެއްވީ ކުވޭތުގެ ޚާރިޖީ ވަޒީރު ޝޭޚް އަޙްމަދު ނާޞިރު އަލްމުޙައްމަދު އައްޞަބާޙުއެވެ.

ޝޭޚް އަޙްމަދުގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ކުވޭތުގެ އަމީރު ޝޭޚް ނައްވާފު އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙު ވަނީ ޤަޠަރުގެ އަމީރު ޝޭޚް ތަމީމް ބިން ޙަމަދު އާލްޚަލީފާާއާއި ސައޫދީ އަރަބިއްޔާގެ ވަލީއަހުދު އަމީރު މުޙައްމަދު ބިން ސަލްމާން އާލްސުޢޫދާ ފޯނުން ގުޅުއްވައި މިކަމާ ގުޅޭގޮތުން މަޝްވަރާުކުރައްވާފައެެވެ.

ކުވޭތުގެ އަމީރުގެ ހުށަހެޅުއްވުމާއެއް ގޮތަށް "މިއަދު ހަވީރުން ފެށިގެން ވައިގެ ސަަަރަހައްދު ހުޅުވާލުމަށާއި، ސައޫދީ އަރަބިއްޔާއާއި ޤަޠަރާއި ދެމެދު އެއްގަމާއި ކަނޑުގެ ސަރަހައްދީ ރޮނގުު ހުޅުވާލުމަށް ވަނީ އެއްބަސްވެފައި." ކުވޭތު ޚާރިޖީ ވަޒީރުގެ ބަޔާނުގައި ވިދާޅުވިއެވެ.

ހިސާރު ނިމުމަކަށް ގެނައުމަށް ސައޫދީން އެެއްބަސްވިޔަސް ޔޫއޭއީއާއި ބަހްރޭން މިކަމަށް އެެއްބަސްވި ކަމެއް އަދި ނޭނގެއެވެ. އެހެންނަަމަވެސް ހިސާރުގައި ބައިވެރިވި އެންމެ ބޮޑު ގައުމުން ހިސާރު ނިމުމަކަށް ގެނައުމަށް އެއްބަސްވުމާއެކު އަމަލީ ގޮތުން ޤަޠަރުގެ ހިސާރު ނިމުމަކަށް އައީއެވެ.

ޚާރިޖީ ވަޒީރު އަޙްމަދުގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ ސައޫދީ އަރަބިއްގެ އާސާރީ އަދި ތާރީޚީ ރަށް އަލްޢުލާގައި މިއަދު ފެށޭ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ގަލްފުގެ ބައިބައިވުން ނިމުމަކަށް އައިސް ގުޅުންތައް ހަމަމަގަށް ރުޖޫއަވާނެ ކަމުގައެވެ.

ޤަޠަރުގެ އަމީރުގެ ގަނޑުވަރުން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި ބައިވެރިވާ ޤަޠަރުގެ ވަފުދުގައި އިސްކޮށް ހުންނަވާނީ އަމީރު ތަމީމް ބިން ޙަމަދުއެވެ. މިއީ ވެސް ގުޅުން ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާނެކެވެ.

ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރޭން އަދި މިސްރު ގުޅިގެން ޤަޠަރު ހިސާރުކުރީ 5 ޖޫން 2017 ގައެވެ. އެއީ ޤަޠަރުން އީރާނާ މާ ގާތް ގުޅުމެއް ބާއްވާކަމަށާއި، ޓެރަރިޒަމަށް ހިތްވަރުދޭކަމަށް ބުނެއެވެ. އަދި އެ ހިސާރު އުވާލުމަށް 13 ޝަރުޠެއް ކުރިއެވެ. އޭގެ ތެރޭގައި ޤަޠަރު ޓީވީ ޗެނެލް އަލްޖީޒާ ބަންދުކުރުމާއި، ޤަޠަރުގައި ތިއްބެވި މުސްލިމް ބްރަދަހުޑްގެ އިސް ބޭފުޅުން އެ ގައުުމުން ބޭރުކުރުން ހިމެނެއެެވެ. އެހެންނަމަވެސް، ޤަޠަރުން ވަނީ މިއިން އެއްވެސް ޝަރުޠެއް ފުރިހަމަކުރުމަށް ދެކޮޅުހަދާފައެެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.