ބޭރު ބަހަކުން ވާހަކަ ދައްކާ އިރު އެ ބަހެއްގެ އަހުލުވެރިން ދައްކައި އުޅޭ ރާގަށް، އެ ފެންވަރަށް ވާހަކަ ދެއްކޭ މީހުން އެހައި ގިނައެއް ނޫނެވެ. އެ ފެންވަރަށް ދިއުމަކީ ވަރަށް މޮޅު ވުން ކަމަށް ބައެއް މީހުން ޤަބޫލު ކުރެއެވެ.
މިއީ ދުނިޔޭގެ ކުރި އަރައިފައިވާ ބަސް ބަހަށް ޚާއްސަ ކަމެއް ނޫނެވެ. ބިދޭސީން ދިވެހި ބަހުން ވާހަކަ ދައްކާ އިރުވެސް އެ ހުންނަ ކޮރުކަން ހުރެއެވެ. ޚާއްސަކޮށް ސްރީ ލަންކާގެ މީހުން ދިވެހި ބަހުން ވާހަކަ ދައްކާ އިރު ވަރަށް އާދަޔާ ޚިލާފު ކަމެއްވެސް ފާހަގަ ކުރެވެއެވެ. ސިންގަޅަ ބަހުގައި ޅަވިޔަނީގެ އަޑު އޮވެއެވެ. އެކަމަކު އަޅުގަނޑުމެންގެ ބަހުން ވާހަކަ ދައްކާ އިރު ސްރީ ލަންކާގެ މީހުންނަކަށް ޅަވިޔަނީގެ އަޑެއް ނުނެރެވެއެވެ. މިއީ ހަމަ ޔަގީނުންވެސް އަޅުގަނޑު ހައިރާންވާ ކަމެކެވެ. މިސާލަކަށް އެ މީހުން އަޅުގަނޑެއް ނުކިޔައެވެ. ކިޔަނީ އަލުގަނޑެވެ.
ބޭރު ބަހަކުން ވާހަކަ ދައްކާއިރު ކޮރު ކަމެއް ހުރެއްޖެ ނަމަ ވަރަށް ގިނަ ފަހަރަށް، އެ ބަހެއް މޮޅަށް ދަންނަ މީހުންގެ މަލާމާތް ރައްދުވެއެވެ. އެކަމަކު ހަގީގަތުގައި އެއީ މަލާމާތް ކުރަން ޖެހޭ ވަރުގެ ކަމެއް ކަމަކަށް ނުފެނެއެވެ. މި ވާހަކަ ދެއްކުނީމާ ވަރަށް މަޝްހޫރު ޖޯކެއް ހަނދާނަށް އަތުވެއްޖެއެވެ.
ކުޑަކުއްޖަކު އިސްކޫލަށް ނުދާން ވެގެން ބޮޑާ ހާކަނީއެވެ. އޭނާ އިސްކޫލަށް ނުދާން ދައްކާ ސަބަބަކީ މުދައްރިސުގެ ދެރަ ކަމެވެ. މުދައްރިސު ދެރަ ކަމަށް އެ ކުއްޖާއަށް ފެންނަނީ އިނގިރޭސި ބަހުން ވާހަކަ ދައްކާ ރާގު ކަމު ނުދާތީއެވެ. މި ކުއްޖާ އަކީ އިނގިރޭސި ކުއްޖެކެވެ.
"މުދައްރިސު އިނގިރޭސި ބަހުން ވާހަކަ ދައްކަނީ ހެއްވާ ގޮތަކަށެވެ." އެ ކުއްޖާ ބުންޏެވެ.
ބައްޕަ ކުޑަ އިރުކޮޅަކު ވިސްނައިލުމަށް ފަހު ބުންޏެވެ. "ދަރިފުޅަށް އެނގޭ ހެއްޔެވެ؟ މުދައްރިސު ހެއްވާ ގޮތަކަށް އިނގިރޭސި ބަހުން ވާހަކަ ދައްކާ ނަމަ އެއީ މޮޅު މީހެއް ކަމަށް ދަރިފުޅު ގަބޫލު ކުރަން ވާނެއެވެ. އޭގެ މާނައަކީ އޭނާއަށް އެހެން ބަހެއްވެސް އެނގެނީއެވެ."
މާނަ އަކީ މުދައްރިސުގެ މާދަރީ ބަހަކީ އިނގިރޭސި ބަހެއް ނޫނެވެ. އެއްވެސް ބަހަކުން ކޮށިކޮށް، ކޮރުކޮށް ވާހަކަ ދައްކާ މީހަކު ފެނިއްޖެ ނަމަ އެ މީހަކު އިތުރު ބަހެއް ދަންނަނީކަން ޔަގީނެވެ. ރީތިކޮށް، އެއްވެސް ކަހަލަ ކޮރުކަމެއް ނެތި، މޮޅަށް ބަހަކުން ވާހަކަ ދައްކާ މީހަކު ނަމަ އެ މީހަކަށް އިތުރު ބަހެއް ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ.
ބަހުގެ ވާހަކަ ދައްކާ އިރު އަޅުގަނޑުގެ ރައްޓެއްސަކު ކިޔައި ދިން ވާހަކަ އެއް ހަނދާން ވެއްޖެއެވެ.
ރިސޯޓެއްގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޒުވާނަކާ ބިދޭސީ އަންހެނަކާ ވަރަށް ގާތް ގުޅުމެއް އުފެދިއްޖެއެވެ. މި ފިރިހެން ކުއްޖާއަކަށް މާ ރަނގަޅަކަށް އިނގިރޭސި ބަހެއް ނޭނގެއެވެ. އެކަމަކު ވާހަކަ ދައްކަނީ އިނގިރޭސި ބަހުންނެވެ. ދެ މީހުންގެ މެދުގައި ވާހަކަ ދެއްކޭނޭ އެހެން ގޮތެއް ނުވެސް އޮންނާނެއެއް ނޫންތޯއެވެ؟
އޭނާގެ އުފަން ދުވަސް އައީމާ ބިދޭސީ ކުއްޖާއަށް އެކަން އަންގާލަން އޭނާ ބޭނުން ވިއެވެ. އެހެންވީމާ އޭނާ އަށް ކުރު ސިޓީ އެއް ލިޔެފިއެވެ.
އަޅުގަނޑު ހަނދާން ހުރީ އެ ސިޓީގެ ކުޑަ ތަންކޮޅެކެވެ.
"އަހަރެންގެ އުމުރުން ވިހި އަހަރު ފުރިއްޖެކަން ކުއްލިއަކަށް ހަނދާންވީ މިއަދު ހެނދުނު ތެދުވި ތަނާއެވެ."
މި އިބާރާތް އޭނާ ލިޔެފައި އޮތް ގޮތް ވިދާޅުވެ ލައްވާށެވެ.
"ދިސް މޯނިންގ އައި ކުއްލި ގެޓަޕް، މައި އޭޖް ކަމިންގ ޓުވެންޓީ."