އަރައިރުން ވުމަކީ އެކި ތަންތާނގައި އެކި ގޮތް ގޮތަށް ކޮށް އުޅޭ ކަމެކެވެ. ދުނިޔޭގެ އެކި ގައުމު ތަކުގައި އަރައިރުން ވަނީ އެކި ގޮތަށެވެ. ބައެއް ގައުމު ތަކުގައި އަރައިރުން ވާން ބޭނުންވާ މީހުން ކުރީން އެކަން އެންގުމަށް ފަހު ވަކި ތަނަކަށް ހާޒިރުވެ ތިބެގެން އަރައިރުން ވެއެވެ. ބައެއް ގައުމު ތަކުގައި އަރައިރުން ވުމަށް ފަހު އަރައިރުންވީ ދެ މީހުން ސަލާންކޮށް ސުލްހަވެރިވެ ހަދަތެވެ.
ރާއްޖޭގެ އެކި ރަށްރަށުންވެސް އަރައިރުން ވުމުގެ އެކި ވައްތަރު ފެނެއެވެ. އަރައިރުން ވުމުގެ ވަރަށް އާދަޔާ ޚިލާފު ގޮތެއް ގެންގުޅޭ މީހަކު އަޅުގަނޑުވެސް ދުށީމެވެ. އޭނާއަށް ވާ ގޮތަކީ އަރައިރުން ފެށި ޒުވާބު ގަދަ ވަމުންދާ ވަރަކަށް އަޑު ކުރެހި، ވާހަކަ ދައްކާން އުނދަގޫ ވަމުން ދަނީއެވެ. އެންމެ ފަހުން ގޮސް އަޑު މުޅީން ކެނޑިދެއެވެ. އަރައިރުން ނިމެނީ އަޑު ކެނޑިގެންނެވެ. އެހެންވީމާ އޭނާ އަރައިރުން ވަނީ އެންމެ ގިނަ ވެގެންވެސް މަހަކު އެއް ފަހަރުއެވެ. ސިއްރެއްގެ ގޮތުގައި އޭނާ އަޅުގަނޑު ގާތު ބުނި ގޮތުގައި އަރައިރުން ވުމަކީ އޭނާ ވަރަށް ބޮޑަށް ކުރާ ހިތްވާ ކަމެކެވެ.
އަރައިރުން ވުމަކީ ރުޅީގެ ނަތީޖާ އެކެވެ. މިއީ އާއްމު ގޮތެއްގައި މީހުންނަށް ހީ ކުރެވިފައި އޮންނަ ގޮތެވެ. އަޅުގަނޑުވެސް އިހަށް ހީކުރަނީ އެހެން ކަމަށެވެ. އެހެންނަމަވެސް މި ދެންނެވި މީހާޔާ ދިމާވީމާ އެ ޚިޔާލު ބަދަލު ވެއްޖެއެވެ. އޭނާ އަރައިރުން ވަނީ ކުރާ ހިތްވާ ކަމެއްގެ ގޮތުގައެވެ. ބައެއް މީހުން ލަވަ ކިޔާ ހިތް ވެއެވެ. އަނެއް ބަޔަކު ދަތުރު ކުރާ ހިތް ވެއެވެ. އެހެންވީމާ އަރައިރުންވާ ހިތް ވުމަކީ އާދަޔާ ޚިލާފު ކަމެއް ނޫންތާއެވެ.
އަރައިރުން ވުމުގެ ތެރޭގައި ދެކެވޭ ވާހަކަ އަކީވެސް ބައެއް ފަހަރު މޫނިފޫހިފިލުވައިލާން އަޑު އަހަން ރަނގަޅު ވާހަކަ ތަކެކެވެ. އިވޭ ގޮތުގައި ބައެއް ރަށްރަށުގައި އަރައިރުމަކީ ހަމައެކަނި ބޮޑެތި މީހުންނަށް އޮންނަ ބައިސްކޯފު ޝޯއެއް ކަހަލަ ކަމެކެވެ. ކުޑަކުދިން އެކަހަލަ ޝޯ ތަކަށް ގެންދާން ނުވާ ކަހަލަ އަރައިރުމުގެ ޝޯތައް ބައެއް ރަށްރަށުގައި ބޭއްވޭ ކަމަށް ބުނެވެއެވެ.
އަރައިރުމުން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އަރައިރުންވާ ބައެއްގެ ސިކުނޑީގެ ފެންވަރެވެ. ނުވަތަ ތައުލީމީ ފެންވަރެވެ. އަންނަ ރުޅީގައި ކިޔާ އެއްޗަކުން އެ މީހެއްގެ ސިކުނޑީގެ ތެތްކަން ހުންނަ ވަރެއް ލަފާ ކޮށްލާން އެނގެއެވެ.
ދެ މީހަކު އަރައިރުންވީ ދުވަހަކު ދެކެވުނު ވާހަކަ ތަކެއްގެ ތެރެއިން އިވުނު ދެ ތިން ޖުމްލައެއް އައްސަވާށެވެ. މިއީ ހަމަ ހަގީގީ އަރައިރުމެއްގެ ބައެކެވެ.
އަރައިރުންގަނޑުގެ ތެރޭގައި އެކަކު ރުޅި އައިސްގެން އެބަ ބުނެއެވެ.
"ކަލޭ ތިޔައީ ކާކު ހެއްޔެވެ؟" (މިއީ ކާކުކަން ނޭނގިގެން ކުރާ ސުވާލެއް ނޫނެވެ. ކަލެއަކީ އެއްވެސް މީހެއް ނޫނޭ ބުނުމުގެ ގޮތުން ބޭނުން ކުރެވޭ އިބާރާތެކެވެ.) "އެއްވެސް އެއްޗެއް ދަންނަ މީހެއް ނޫނެވެ. އެންމެ ކުޑަ މިނުން ޝަހާދަތުގެ ދެކަލިމްވެސް ކަލެއަކަށް ނޭނގެއެވެ."
އަނެއް މީހާ ޖަވާބުގައި ބުނީ ކީކޭ ކަމަށްތޯއެވެ. އޭނާ މޭ ފުއްޕައިލާފައި ބުންޏެވެ. "ތިޔަހެން ތިޔަ ބުނީ އަހަރެން ދެރަވާނޭ ކަމަށް ހެއްޔެވެ؟ ބަލަގަ... ޝަހާދަތުގެ ދެކަލިމަވެސް ނޭނގޭނީ، ނޭނގޭ ވަރުގެ މީހުންނަށެވެ. އެހެނެކޭ ކިޔާފައި ކަލޭ ކުރާނީ ކީއްހެއްޔެވެ؟"