އިންޓަރނެޓްގެ ޚިދުމަތް ރާއްޖޭގައި ފެށިގެން އައި ދުވަސްވަރެވެ. އެ ދުވަސްވަރު އިންޓަރނެޓާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ދައްކައި އުޅުނެވެ. އިންޓަރނެޓަކީ ވަރަށް ގިނަ ކަންތައްތައް ކުރެވޭ، ވަރަށް މޮޅު އެއްޗެއް ކަމުގައި ބައެއް މީހުން ވާހަކަ ދައްކަމުން ދިޔައެވެ. އޭގެ ތެރޭގައި ހިމެނުނު ބައެއް ވާހަކަ ދަންނަވައިލާނަމެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އެމެރިކާއިން ޖަޕާނުގެ ހިރޯޝިމާ އަށް ބޮމް އެޅީ އިންޓަރނެޓުންނެވެ.
ރޮނަލްޑް ރޭގަންގެ ކަންފަތްޕުޅު އޮޕަރޭޝަން ކުރީ އިންޓަރނެޓުންނެވެ.
އިންޓަރނެޓުން ދޫކޮށްލާ ވައިރަހަކުން މުޅި ދުނިޔެއަށް ނުރައްކާތެރި ބަލިމަޑުކަމެއް ފަތުރައިލުމަކީ ކުރެވިދާނޭ ކަމެކެވެ.
ދުނިޔޭގެ އެކި ގައުމުތަަކުގައި ހިނގާ ކަންތައްތައް އެމެރިކާގެ ސީއައިއޭ ގެ ޖާސޫސުން ބަލަނީ އިންޓަރނެޓުންނެވެ.
އިންޓަރނެޓަކީ އެމެރިކާގައި ހުންނަ ވަރަށް ބޮޑު ކޮމްޕިއުޓަރެކެވެ.
މިހެން ގޮސް މި ކަހަލަ ކިތަންމެ ވާހަކައެއް އެ ދުވަސްވަރު ދެކެވުނެވެ.
އިންޓަރނެޓަށް އިޝްތިރާކު ދެއްކީމާ ދިރާގުން "އިންޓަރނެޓް ޕެކޭޖް" ދޫކުރެއެވެ. އިންޓަރނެޓް ޚިދުމަތް ލިބިގަންނަނީ އެ ޕެކޭޖްގެ ބޭނުން ކޮށްގެން ކުރަންވާ ކަންތައްތަކެއް ކުރުމަށް ފަހުގައެވެ.
ސަރުކާރުގެ ކޮންމެވެސް އޮފީހަކުން އިންޓަރނެޓްގެ ޚިދުމަތް ލިބިގަންނާން ބޭނުން ވެއްޖެއެވެ. އޮފީހުގެ ފަރާތުން ފުރަންވާ ފޯމު ފުރާފައި ދިރާގަށް ފޮނުވައިފިއެވެ. އޭގެ ދެތިން ދުވަސް ފަހުން އެ އޮފީހުން ދިރާގަށް ގުޅައިފިއެވެ. ދިރާގުން ބުންޏެވެެ.
"މިހާރު ޕެކޭޖް އޮތީ ތައްޔާރަށް- މިއަދު، އެހެން ނޫނީ މާދަމާ ފޮނުވާނަން- މާ އަވަހަށް ބޭނުންފުޅިއްޔާ މީހަކު ފޮނުއްވީމާ ޙަވާލުވެސް ކުރެވިދާނެ-"
އިންޓަރނެޓަކީ ވަރަށް މުހިއްމު އެއްޗަކަށް ވާތީ އޮފީހުގެ ސެކްރެޓަރީ ބެއްލެވީ ހަމަ އެ ވަގުތު މީހަކު ފޮނުއްވައިގެން އެ ޕެކޭޖް ގެނައުމަކީ ކޮންމެހެން ކުރައްވަން ޖެހޭނޭ ކަމެއް ކަމަށެވެ. އެހެންވީމާ އޮފީހުގެ ސަރުދާރު ގެންނަވާފައި ބުނުއްވިއެވެ.
"އަވަހަށް ދިރާގަށް ދޭ- އެ ތާނގައި އޮންނާނެ މި އޮފީހުގެ އިންޓަރނެޓް ޕެކޭޖް- އަވަހަށް ހިފައިގެން އާދޭ-"
ސަރުދާރު އަވަހަށް ތެޅިގަތީ އިންޓަރނެޓް ބަލައި ދާށެވެ. ބައި ގަޑިއެއްހައި އިރުގެ ތެރޭގައި ފެނުނީ އޭނާ ގޮސް ދިރާގަށް ވަން ތަނެވެ. ކައުންޓަރަށް ގޮސް މި އައީ މިވެނި އޮފީހަކުން ފޮނުވައިގެން އިންޓަރނެޓް ބަލައޭ ބުނެފިއެވެ.
ކައުންޓަރުގައި އިން އަންހެން ކުއްޖާ މަޑު ކޮށްލާށޭ ބުނެފައި އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އެނބުރި އައިސް ސަރުދާރާ ދިމާއަށް ދިއްކޮށްލީ ސިޓީ އުރައެކެވެ.
ސަރުދާރު ސިޓީ އުރައިގައި ހިފައިފިއެވެ. އެކަމަކު ޙައިރާން ވެފައި އަހައިލިއެވެ. "މި ނިމުނީތޯ-؟ އިންޓަރނެޓަކީ މިއީތޯ-؟"
"އާނ- އިންޓަރނެޓަކީ ތިޔައީ-" އެ ކުއްޖާ ހިނިތުން ވެލިއެވެ.
ސަރުދާރު ބޮލުގައި އަތް ކާއްތާލައިފައި ބުނެލިއެވެ. "ޙައިރާން ވެއްޖައިން- އަޅުގަނޑު މިއައީ މަސައްކަތު މީހުންގެ ތިން މީހުން ގޮވައިގެން ޕިކަޕެއްގައި އިންޓަރނެޓް ބަލާ- މިއީ މިހައި ވަރުގެ އެއްޗެއް ކަމެއް ނޭނގޭ ވިއްޔާ-"