ފައުޒީ އާއި ވަޙީދަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. ވަރަށް ކުޑަ އިރުއްސުރެ ދެ މީހުން އުޅެމުން އައީ އެކީގައެވެ. ރަށުގައި ކުޅެން އުޅުނު ދުވަސްވަރުން ފެށިގެން ވަޙީދު މާލެއަށް، ވަޒީފާއެއް ހޯދާން އައުމާ ހަމައަށް ދުވަހަކުވެސް ދެ މީހުން ވަކި ވެފައެއް ނެތެވެ. ވުމާއެކު ދެ މީހުންގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ.
ފައުޒީ އެންމެ ބޮޑަށް އިތުބާރު ކުރާ މީހަކީވެސް ވަޙީދެވެ. ވުމާއެކު އެހެން މީހެއް ގާތު ނުބުނާ އެތައް ވާހަކައެއް ފައުޒީ ގާތު ބުނެވިފައި ހުރެއެވެ. އޭގެ ތެރޭގައި އެހެން މީހެއް ގާތު ބުނެފިއްޔާ މައްސަލަ ޖެހޭ ކަހަލަ ވާހަކަތައްވެސް ހުރެއެވެ.
ވަޙީދު މާލެ އައިސް ވަޒީފާއެއް ހޯދައިގެން ދިޔައީ ރިސޯޓަކަށެވެ. ރިސޯޓުގައި އޭނާ އަދާ ކުރާ ވަޒީފާ އަކީ އިންޖިނޭރެއްގެ ވަޒީފާ އެވެ. މާލެ އައި ފަހުން ވެސް ވަޙީދާ އޮންނަ ގުޅުން އޮންނަ ގޮތަށް އޮވެއެވެ. އެހެންނަމަވެސް ކުރިން ފެންނަ ވަރަކަށް ނުއެއް ފެނެއެވެ. އެވަރަކަށް ބައްދަލެއް ނުކުރެވެއެވެ. އެއީ ވަޙީދު އުޅެނީ ރަށުގައި ކަމަށް ވާތީއެވެ.
ވަޙީދު މާލެ އައީ ފައުޒީ ރިސޯޓުގައި މަސައްކަތް ކުރާތާ ހައެއްކަ އަހަރުވީ ފަހުންނެވެ. އޭނާވެސް ދިޔައީ ރިސޯޓެއްގެ ވަޒީފާ އަށެވެ. ފުރަތަމަ ދިޔައީ އެހެން ރިސޯޓަކަށެވެ. އެހެން ނަމަވެސް ފަހުން އައިސް އުޅުނީ ފައުޒީ އުޅޭ ރިސޯޓުގައެވެ.
މިހެން އުޅުމުގެ ތެރޭގައި ދިމާވާ ބަދުނަސީބު ކަމެއްގެ ސަބަބުން ވަޙީދު ގޮޅިއެއްގައި ބެދޭ ގޮތް ވެއްޖެއެވެ. ފައުޒީ އެކި ދިމަދިމާއަށް ހިނގައިގެން އޭނާ ސަލާމަތް ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް މައްސަލައިގެ ބާވަތުން ސަލާމަތް ވާ ގޮތެއް ނުވިއެވެ.
މައްސަލައިގައި އެތައް ދުވަހަކު ބަންދު ކޮށްފައި ބެހެއްޓުމަށް ފަހު އެންމެ ފަހުން ކޯޓުން ޙުކުމް ކުރީ ވަޙީދު އަރުވައިލާށެވެ. އެއީ ދެ އެކުވެރިންނަށް ދިމާވީ ވަރަށް ހިތާމަވެރި ދުވަހެކެވެ. އެކަމަކު ކުރާނޭ ކަމެއް ނެތްތާއެވެ. ދެ މީހުންނަށް ޖެހުނީ ވަކި ވާށެވެ.
ވަޙީދު ފޮނުވައިލީ އުތުރުގެ ރަށަކަށެވެ. އެ ރަށުގައި ފޯނު ހުރުމުގެ ސަބަބުން ފައުޒީއާ ގުޅުން އޮވެއެވެ. ބޭނުންވާ އެއްޗެހި ފޮނުވައި ދިނުމާއި، ބޭނުންވާ މީސްމީހުންނަށް މެސެޖު ރައްދުކޮށް ދިނުމަކީ ވަރަށް ގިނައިން ފައުޒީ ކޮށްދީ އުޅޭ ކަމެކެވެ.
އެއް ދުވަހަކު ވަޙީދު ފޯނު ކޮށްފައި ބުނެފިއެވެ.
"ދަތި ނޫނިއްޔާ އަހަރެން ބުނި އެއްޗެއް ފޮނުވައި ދީފާނަން ހެއްޔެވެ؟]
ފައުޒީ އަހައިލިއެވެ. "ކޮން އެއްޗެއް ހެއްޔެވެ؟"
"ޖީންސަކާއި، ޓީޝާޓަކާއި، ސިގިރޭޓު ކާޓޫނަކާ ފޮނުވައި ދޭށެވެ. މަލްބަރޯ އަގު ބޮޑު ވާނެއެވެ. އެހެންވީމާ އެމެރިކަން ލެޖެންޑް ފޮނުވިޔަސް އެންމެ ރަނގަޅެވެ. މި ރަށުގައި ރަތްވިލާ އޭ ނަމަކަށް ކިޔާ ދޯންޏެއް އޮވެއެވެ. އެ ދޯނި ޢާއްމު ގޮތެއްގައި އަޅާފައި އޮންނާނީ މަސް މާރުކޭޓާ ދިމާގައެވެ."
ފައުޒީ ހަމަ އަނެއް ދުވަހު މާލެ ގޮސް އެ ބުނި އެއްޗެތި ގަނެގެން ރަތްވިލާ ދޯނި ފެނޭތޯ މާރުކޭޓު ކުރިމައްޗަށް ނުކުމެއްޖެއެވެ. އެ ތަނަކުން ދޯންޏެއް ނުފެނުނެވެ. އެހެން ތަނެއްގައި އޮވެދާނޭ ކަމަށް ހީީކޮށް، މާލޭގައި ދޯންޏެއް އޮވެދާނެއޭ ހީވާހައި ތަނަކަށް ހިނގައިފިއެވެ. އެކަމަކު ރަތްވިލާ ދޯނި ފެންނަ ގޮތެއް ނުވިއެވެ. އެންމެ ފަހުން އެކަން ހުއްޓާލާފައި ރިސޯޓަށް ދިޔައީއެވެ.
ދެ ދުވަހެއް ފަހުން ވަޙީދު ފޯނު ކޮށްފިއެވެ. "ކޮބާ އަހަރެން ބުނި އެއްޗެތި ފޮނުވައިފިން ހެއްޔެވެ؟"
"އަހަންނަކަށް ރަތްވިލާ ދޯންޏެއް ނުފެނުނެވެ."
ވަޙީދު ބުންޏެވެ. "ރަތްވިލާ ދޯނި މި ރަށުގައި އެހެލާފައި އެބަ ހުއްޓެވެ. އަދި އެ ދޯނި ނުބާލައެވެ. އަހަރެން ހީކުރީ ކަލޭ އެއްޗެހި ފޮނުވާން އުޅޭނީ އެ ދޯނި މާލެ ދިޔައީމާ ކަމަށެވެ!"