ރޯދަމަޖާ: އަލަށް ޕެޕްސީ ކޯލާ ބުއި ދުވަސް

1963 ވަނަ އަހަރެވެ. އައްޑޫގެ ބަނދަރުގައި އޮތް އިނގިރޭސި މަނަވަރުގެ ޓީމަކާއި ފޭދޫ ޓީމު، ފޭދޫ ދަނޑުގައި ރަޙުމަތްތެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅުނު ދުވަހެވެ. މަނަވަރު ޓީމު އައިއިރު ގެނައި ކޯލާ، ބަހާ ތަނުން ލިބުނު ކޯލާ ދަޅު ހިފައިގެން ދުވެފައި އައީ ގެއަށެވެ. ގޭކުދިންނަށް ވެސް ދީގެން، ހަމަޖެހިގެން ތަށީގައި ބޮއެލާށެވެ.

ދަޅު ކެނޑުމާއެކު ކައިރީ ތިބި އެންމެންގެ މޫނަށާއި މުޅި ގަޔަށް ޗޫސްލާފައި ބުރައިގެން ގޮސް ދަޅުގައި ހުރި ކޯލާފޮދު ހުސްވެއްޖެއެވެ. އެކަކަށް ވެސް ހޭކަށް ނުކެރުނެވެ. މި ވީ ގޮތުން ވަރަށް ދެރަވެ ރޮވިފައި ހުއްޓާ މަންމަ ބުނެފިއެވެ. ދެން ވެސް އަވަހަށް އެހެން ދަޅެއް ހޯދަން ދުވެފައި ދޭބަލާށެވެ.

ކޯލާ ބަހަނީ ކަތީބުގޭ ދޮރުމަތީންނެވެ. އިނގިރޭސި ޓީމު ވެސް އޮތީ އެ ގޭގައެވެ. ކަތީބުގެ ހުންނަނީ ގެއާ ދާދި ކައިރީގައެވެ. އިނގިރޭސި ޓީމު އައިސްގެން ކޯކު ބަހާތީ އެގޭ ދޮށުގައި މިއަދު މީހުން ވެސް ގިނައެވެ. ދުވެފައި ގޮސް ކޯކު ބަހާ ތަނަށް ހުއްޓި ޖެހިލުމެއްވެސް ނެތި، ކަން ވީ ގޮތް ކިޔައިދީ އަދި އާދަޅެއް ދޭށޭ ބުނެފީމެވެ. އެންމެން ތިބީ ބަލާށެވެ. ހެވިފައެވެ. އަހަރެންގެ ގަމީސް އޮތީ ފޯވެފައެވެ. މުޅި ގައިގައި މެހި ބުރަނީއެވެ.

ކޯކު ބަހާ މީހާ ގޮވައިލިއެވެ. ކަލޯއެވެ. އަހަރެން މި ހަދާ ގޮތް ބަލަން ހުންނާށެވެ. ކޯލާ ދަޅު ކަނޑާނީ ހަލުވައިނުލާ، މަޑުމަޑުން، މި ގޮތަށެވެ. ދެން އަހަރެންގެ ކުރިމަތީގައި ދަޅެއް ކަނޑާފައި ދިއްކޮށްލިއެވެ. ހަލުވައިނުލާ އަވަހަށް ބޯލާށޭ ވެސް ބުންޏެވެ. އެ ވަގުތު ކައިރިއަށް ޖެހިލާފައި އިނގިރޭސިއަކު ނުކަނޑައި ހުރި އިތުރު ދަޅެއްވެސް ދީފިއެވެ. ދެން ކަނޑާފައި ހުރި ދަޅު ބޮމުން ގެއަށް ދިޔައީ ވަރަށް ބަލައިގެން މަޑުމަޑުންނެވެ. ގެއަށް ގޮސް އާދަޅު ކެނޑީ އަދި މާ މަޑުމަޑުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.