ބާރަށް ދުވުން
ދެ އެކުވެރިޔަކު ޖަންގަލި ތެރޭގައި ހިނގާފައި ދަނިކޮށް ކުއްލިއަކަށް މި ދެމީހުންގެ ކުރިމައްޗަށް ސާރިދޯޅެއް ނުކުމެއްޖެއެވެ.
ދެމީހުންކުރެ އެކަކު ދަބަހުން ދުވާ ބޫޓެއް ނަގައިގެން އެޔަށް އަރާން އުޅެގެންފިއެވެ.
އަނެއް އެކުވެރިޔާ ބުންޏެވެ. "ކަލޭ މޮޔަވީތަ؟ ބޫޓަށް އަރައިގެން ކިތަންމެ ބާރަކަށް ދުވުނަސް ސާރިދޯޅަކަށްވުރެ ބާރަކަށް ނުދުވެވޭނެ."
ބޫޓަށް އެރި މީހާ ބުންޏެވެ. "ސާރިދޯޅަށްވުރެ ބާރަށް ދުވާކަށް އަހަންނެއް ނޫޅެން. އަހަރެން މި އުޅެނީ ކަލެއަށްވުރެ ބާރަށް ދުވަން."
ނުވަ ކުކުޅު
މާރުކޭޓުގައި މަސައްކަތް ކުރާ މީހަކު އޭނާގެ ދަރިފުޅާ ކުކުޅު ކޮށްޓެއް ހަވާލުކޮށްފައި ގެއަށް ގެންދާށޭ ބުނެފިއެވެ. މި ކުއްޖާ ކޮށި ކޮނޑަށް ލައިގެން ދަނިކޮށް ކޮށި ބިންމައްޗަށް ވެއްޓިފައި ދޮރު ހުޅުވިއްޖެއެވެ. ހުރިހައި ކުކުޅެއް ކޮށިން ނުކުމެގެން ޖެހިގެން ހުރި ގެއެއްގެ ގޯތިތެރެއަށް ވަދެއްޖެއެވެ. މި ކުއްޖާ ގޯތިތެރެއަށް ވަދެ ވަރަށް މަސައްކަތުން ހުރިހައި ކުކުޅެއް ހިފައި ކޮށްޓަށް ލައިގެން ގެއަށް އަތުވެއްޖެއެވެ.
ގެއަށް ވަންއިރު ބައްޕަވެސް ގެއަށް އަތުވެއްޖެއެވެ. ލަސްވީ ކިހިނެއް ވެގެންތޯ އަހައިލީމާ ދަރިފުޅު ވީ ގޮތް ކިޔައި ދީފިއެވެ. "އެކަމަކު އަޅުގަނޑުމެންނަކަށް އެއްވެސް ގެއްލުމެއް ނުވޭ. އަޅުގަނޑު ނުވަ ކުކުޅުންކުރެ އެންމެ ކުކުޅެއްވެސް ފިލިޔަ ނުދެން. މިއައީ ހުރިހައި ކުކުޅެއް ހިފައިގެން."
ބައްޕަ ބުންޏެވެ. "ވަރަށް ރަނގަޅު. އެއްވެސް ގެއްލުމެއް ނުވޭ. ވެފައި ތިޔަ އޮތީ ފައިދާ. ބައްޕަ ދަރިފުޅާ ހަވާލުކުރީ ހަ ކުކުޅު."