ހަނދާންނެތުން
މެދު އުމުރުގެ މީހަކު ޑަކްޓަރަށް ދައްކަން ހިނގައްޖެއެވެ. އޭނާއަކީ ހަނދާންނެތުމުގެ ބަލި ޖެހިފައިވާ މީހެކެވެ.
އޭނާ ބުންޏެވެ. "އަޅުގަނޑަށް ކުރިމަތިވެފައިވާ މައްސަލައަކީ ހަނދާން ނެތުމުގެ މައްސަލަ. ކުރަން އުޅޭ ކަމެއްވެސް ކުއްލިއަކަށް ހަނދާންނެތިދޭ."
ޑަކްޓަރު ސުވާލު ކުރެއްވިއެވެ. "ތިޔަ މައްސަލަ ކުރިމަތިވެގެން އުޅޭތާ ކިހައި ދުވަހެއް ވެއްޖެތޯ؟"
ބަލިމީހާ އަހައިލިއެވެ. "ކޮން މައްސަލައެއްތޯ؟"
ދަންނަ މީހެއް
ދެ މީހަކު މަގުމަތިން ދަނިކޮށް ރެނދުއަޅައި ކުޑަކޮށް ތެޅިފައި އޮތް މޫނުބަލާ ލޯގަނޑެއް ފެނިއްޖެއެވެ. އެކަކު އެ ލޯގަނޑު ނަގައި ބަލައިލިއެވެ. "އޭތް އަހަންމަދާ. މި ފެންނަނީ އަހަރެން ދަންނަ މީހެއް ފާޑު އެބަޖަހާ. އެކަމަކު ކާކު ކަމެއް ރަނގަޅަކަށް ނޭނގޭ."
އަޙްމަދު އޭނާގެ އަތުން ލޯގަނޑު އަތުލައިގެން ބަލައިލައިފައި ބުންޏެވެ. "އައްޔާ. ކަލޭ މޮޔަވީތަ؟ ކަލެއަކަށް ނޭނގުނުތަ؟ ބަލަ މިއީ އަހަންނޭ."
ދޮގުހެދުން
އިބްރާހީމްގެ ފޯނުގެ ރަނގަބީލުވުމާއެކު ނަގައިފިއެވެ. އެ ކޮޅުން ވާހަކަދައްކަނީ އަންހެނެކެވެ.
"މި ވާހަކަދައްކަނީ ޖަމީލު އިސްކޫލުން. އިބްރާހީމްގެ ދަރިފުޅު ނަޝީދު ކުލާހުގައި އިނދެގެން ބޮޑެތި ދޮގު ހަދަމުން އެބަގެންދޭ."
އިބްރާހީމް ބުންޏެވެ. "އޭނާ ބޮޑެތި ދޮގު ހަދާ ކަމަށް އަޅުގަނޑު ސައްތައިންސައްތަ ގަބޫލު ކުރަން. އަޅުގަނޑުގެ އަދި ދަރިއެއް ނެތް."