ކަވާބަކީ ދިވެހިން އާއްމު ގޮތެއްގައި ކައިއުޅޭ އަދި ރޯދަ ވީއްލުމަށްވެސް ވަރަށް ގިނައިން ތައްޔާރުކުރާ ހެދިކާއެކެވެ. ނަމަވެސް އޯޓްސް ކަވާބަކީ އަޅުގަނޑުމެންގެ ތެރޭގައި އާންމުކޮށް ތައްޔާރުކޮށް އުޅޭ ބާވަތެއް ނޫނެވެ. އޯޓްސް ކަވާބުގެ ތަފާތަކީ ގޮދަން ފުށުގެ ބަދަލުގައި އޯޓްސް ފުށް ބޭނުން ކުރުމެވެ. މިއީ ސިއްހަތަށް ފައިދާ ހުރި އަނގަޔަށް މީރު ބާވަތެކެވެ.
ބޭނުންވާ ތަކެތި
- 1 ޖޯޑު އޯޓްސް ( ހިމުންކޮށް މުގުރާފައި)
- ½ 1 ދަޅު މަސް
- ⅓ ޖޯޑު ކާށި ހުނި
- 1 ބޮޑު ފިޔާ (ހިމުން ކޮށް ކޮށައިފައި)
- ގިތެޔޮމިރުސް (ކުދިކޮށް ކޮށާފައި، ކުޅި ކުރަން ބޭނުންވާ ވަރަކަށް)
- ½ ސައިސަމުސާ ލޮނުމެދު ( ގާނާފައި)
- ½ ސައިސަމުސާ އިނގުރު ( ގާނާފައި)
- ½ ސައި ސަމުސާ ރީނދޫ
- 1 ލުނބޯގެ ހުތް
- 4 ހިނކަނދިފަތް (ކުދިކޮށް ކޮށާފައި)
- 1 މޭޒު މަތީ ސަމުސާ ގޮދަން ފުށް
- ¼ ސައި ސަމުސާ މުގުރި އަސޭމިރުސް
- ⅓ ޖޯޑު ފެން ( މަސްގަނޑު މޮޑެން)
- ރަހަލާވަރަށް ލޮނު
- 2 ޖޯޑު ކުކިންގ އޮއިލް ( ކަވާބު ތެލުލުމަށް)
ތައްޔާރު ކުރާނެ ގޮތް
1- މަސްދަޅުގެ ތެޔޮ ހުސްކޮށްލުމަށްފަހު، މަސްތައް ބޮޑު ބޯތަށްޓަކަށް އަޅައި ރަނގަޅަށް ފުނޑުކޮށްލާށެވެ.
2- ހުންޏާއި ކޮށާފައި ހުރި ފިޔައާއި ހިކަނދިފަތާއި ގިތެޔޮ މިރުހާއި ގާނާފައި ހުރި ލޮނުމެދާއި އިނގުރުކޮޅު ފުށްގަނޑު މޮޑެވޭ ވަރު ބޮޑު ތަށްޓަކަށް އަޅާށެވެ. ދެން ލުނބޯ ހުތް ފެލާލުމަށްފަހު ލޮނުކޮޅެއް ލައިގެން ރަނގަޅަށް މޮޑެލާށެވެ.
3- މޮޑުނު ފިޔާގަނޑުގެ ތެރެއަށް ފުނޑުކޮށްފައި ހުރި މަސްކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާާފައި މޮޑެލާށެވެ.
4- މަސްގަނޑުގެ ތެރެއަށް ރީނދޫ ކޮޅާއި އަސޭމިރުސްކޮޅު އަޅާލުމަށްފަހު ރަނގަޅަށް މޮޑެލާށެވެ.
5- ދެން އޯޓްސް ފުށާއި ގޮދަން ފުށް މަސްގަނޑުގެ ތެރެއަށް އަޅާލުމަށްފަހު ފެން ޖަހައިގެން، ލޮނު ހެޔޮވަރުކޮށް ކަވާބު ފުށްގަނޑު މޮޑެލާށެވެ. ފުށްގަނޑު މޮޑެން ވާނީ މަދުމަދުން ފެން އަޅަމުންނެވެ. އެއީ ކަވާބު ހެދޭވަރަށްވުރެ ފުށްގަނޑު ދިޔާ ވެދާނެތީއެވެ.
6- ކަވާބު ތައްޔާރު ކުރުމަށްފަހު ތަތް ނުލަވާނެހެން ޓްރޭއެއްގައި އަތުރައިލާށެވެ. ދެން ކުޑަވަރެއްގެ ތާހަކަށް ނުވަތަ ތަތް ނުލަވާ ތެއްޔަކަށް ތެޔޮ އެޅުމަށްފަހު މީޑިއަމް ހީޓްގައި ބަހައްޓައިގެން ކަވާބުތައް ގަދަ ބުރައުން ކުލަ އަރާވަރަށް ތެލުލާށެވެ. ހުރިހާ ކަވާބު އެއްފަހަރާ ތެޔޮ އެއްޗަށް އަޅައިނުލާށެވެ. ކަވާބުތައް ތެލުލުމަށް ދޭފަތުން ހާކާލަން ފަސޭހަވަނީ ތެޔޮގަނޑާ އެކަށީގެންވާ ވަރަށް މަދުން ތެޔޮގަނޑަށް ކަވާބު އެޅުމުންނެވެ.