އާފަތިސް ބަދިގެ: ސްވީޓް ޕޮޓޭޓޯ ކަރީ (ދަނޑި ކައްޓަލަ ރިހަ)

ސްވީޓް ޕޮޓޭޓޯ ނުވަތަ ދަނޑިކައްޓަލައަކީ ދިވެހިން އާއްމުކޮށް ރިހަ ކައްކާ އެއްޗެއް ނޫނެވެ. ނަމަވެސް މިއީ ވަރަށް ތަފާތު ފޮނި އަދި ކުޅި ރަހަވެސް ހުންނަ  ބާވަތެކެވެ. ރޮށްޓާއި އަދި ފަރާޓާއާއެކު ރޯދަ ވީއްލަން ވަރަށް ކަމުދާނެ ބާވަތަކަށް ވާނެއެވެ. ތަޖުރިބާ ކޮށްލާށެވެ. 

ބޭނުންވާތަކެތި 

  • ބޮޑު އެއް ކައްޓަލަ ނުވަތަ  ބައި ކިލޯ ކައްޓަލަ
  • 1 ޒުކިނީ (ފޮތިކޮށްލައިފައި)
  • 1 ބެލް ޕެޕަރ ( ފޮތިކޮށްލާފައި) 
  • 3 ލޮނުމެދު ( ގާނާލައިފައި) 
  • ½ ސައި ސަމުސާ އިނގުރު (ގާނާފައި)
  • 2 މޭޒުމަތީ ސަމުސާ ކަރީ ޕޭސްޓް
  • 400 ގްރާމް ޓޮމާޓޯ (ކޮށައިފައި) 
  • 1 ޖޯޑު ބޯވެލިފަތް (ސްޕިނެޗް) 
  • 100 އެމް އެލް ކްރީމް  (ބޭނުންނަމަ)
  • 3  މޭޒު މަތީ ސަމުސާ ކެޝޫނަޓް (ހަނާކޮށްފައި)

ތައްޔާރު ކުރާނެ ގޮތް

1- ކައްޓަލަތައް މަށާލުމަށްފަހު ކުދިކޮށް ކިޔުބުކޮށް ކޮށާލާށެވެ. ދެން ތެޔޮފޮދެއް އެއްކުރުމަށްފަހު އެއް ލޭޔަރަށް ބޭކިން ޓްރޭގައި ފަތުރާލާށެވެ. 190 ޑިގްރީގައި ބަހައްޓައިގެން ކައްޓަލަތަކުގެ އަރިމަތި ހަރުވެލަންދެން ހަނާކޮށްލާށެވެ. 

2- ކައްޓަލަކޮޅު ހަނާކުރެވެން ވާއިރަށް ބޮޑު ތަވަޔަކަށް ތެޔޮފޮދެއް އެޅުމަށްފަހު އުނދުން މައްޗަށް އުދާށެވެ. ތަރުކާރީ ކޮޅާއި ލޮނުމެދާއި އިނގުރުކޮޅު އަޅާލުމަށްފަހު ރަނގަޅަށް  ދޭފަތުން އެއްކޮށްލާށެވެ. މީޑިއަމް ހީޓްގައި ބަހައްޓައިގެން  ފަސް މިނިޓެއްހާއިރު ކައްކާލުމަށްފަހު ކަރީ ޕޭސްޓް ނުވަތަ ހަވާދުކޮޅު އަޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ.

3- ކައްޓަލަކޮޅު ހަނާވުމުން ތަރުކާރީ ކޮޅުގެ ތެރެއަށް އަޅާލާށެވެ. އަދި ޓޮމާޓޯ އާއި ބޯވެލިފަތްވެސް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާފައި ފަސްމިނިޓާއި ދިހަ މިނިޓާ ދެމެދު ކައްކާލާށެވެ.  ބޭނުންނަމަ ކިރު ފޮދެއް އަޅާލެވިދާނެއެވެ. 

4- ސާވް ކުރަން ވުމުން ހަނާކޮށްފައި ހުރި ކެޝޫނަޓް ރިހަ ތަށީގެ މައްޗަށް އަޅާލާށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.