ޤަަޠަރުގެ އަމީރު ސައޫދީ އަރަބިއްޔާއަށް ވަޑައިގަތުމަށް ސަލްމާން ރަސްގެފާނުގެ ދައުވަތު

ޤަޠަރުގެ އަމީރު ތަމީމް ބިން ޙަމަދު އާލްޘާނީ ސައޫދީ އަރަބިއްޔާއަށް ޒިޔާރަތްކުރެއްވުމަށް މާތްވެގެންވާ ދެ ޙަރަމުގެ ޚާދިމު ސައޫދީ އަރަބިއްޔާގެ ރަސްްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު އާލުސުޢޫދު ދައުވަތުދެއްވައިފިއެވެ. މިއީ ދެގައުމުގެ ގުޅުން ބަދަހިވަމުން އަންނަ ކަމުގެ ހެއްކެކެވެ.

ސައޫދީ އަރަބިއްޔާއާއި އެ ގައުމުގެ އެކުވެރިން ކަމުގައިވާ މިސްރު، ޔުނައިޓެޑް އަރަބް އެމިރޭޓްސްް (ޔޫއޭއީ) އަދި ބަހްރޭން 2017 ވަނަ އަހަރު ޖޫން މަހުގެ 5 ވަނަ ދުވަހު ޤަޠަރާ ހުރިިހާ ގުޅުމެއް ކަނޑާއި އެ ގައުމު ހިސާރުކުރީ ޤަޠަރުން އީރާނާ މާ ގާތް ގުޅެއް ބާއްވާކަމަށާއި، ޓެރަރިސްޓު ޖަމާއަަތްތަކަށް ވާގިވެރިވާކަމަށް ބުނެއެވެ. އަދި އަލްޖަޒީރާ ޗެނެލް ބަންދުކުރަން އެންގުމުން އެކަމަށް އިޖާބަ ނުދިނުމުންނެވެ.

އެ ދުވަހުން ފެށިގެން މި ހިނގާ 2021 ވަނަ އަހަރު ޖަނަވަރީ މަހުގެ 5 ވަނަ ދުވަހާ ހަމައަށް މި ހިސާރު ދެމިއޮތެވެ. އެ ދުވަހު ސައޫދީ އަރަބިއްޔާގެ އަލްޢުލާގައި ބޭއްވި ގަލްފު ކޯޕަރޭޝަން ކައުންސިލްގެ އެންމެ އިސްވެރިންގެ ބަންދަލުވުމަށް ފަހު ގުޅުންތައް އަލުން އިއާދަކުރަން ނިންމައި "ޢުލާ ގަރާރު" އިއުލާންކުރިއެވެ. އެއަށް ފަހު ދެ ގައުމުގެ ގުޅުން އައީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންނެވެ. އަލްޢުލާގެ ބައްދަލުވުމުގައި ޤަޠަރުގެ އަމީރުވެސް ބައިވެރިވެވަޑައިގަތެވެ.

ސަލްމާން ރަސްގެފާނުގެ ދަޢުވަތު އަމީރު ތަމީމަށް އިއްޔެގެ ވަގުތެއްގައި އަރުވާފައި ވަނީ މިހާރު ޤަޠަރަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ސައޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރްޙާން އާލްސުޢޫދުއެވެ. ޚާރިޖީ ވަޒީރު ފައިޞަލް ވަނީ ފާއިތުވި މާރިޗު މަހުގެ ތެރޭގައި ވެސް ސަލްމާން ރަސްގެފާނުގެ ސިޓީފުޅެއް ޤަޠަރުގެ އަމީރަށް ރައްދުކުރައްވާފައެެވެ.

ދެގައުމުގެ ގުޅުން އާލާވާން ފެށުމަށް ދެގައުމުގެ ދެމެދުގައި އެއްގަމާ ވައިގެ މަގުން ދަތުރުތައް ފެށި، ވިޔަފާރީގެ ގުޅުންތައްވެސް ދަނީ ބަދަހިވަމުންނެވެ.

ތިން އަހަރާ ބައިގެ މުއްދަތަކަށް ފަހު ސައޫދީ އަރަބިއްޔާއާއި އެގައުމުގެ އެކުވެރިން ޤަޠަރުގެ ހިސާރު ނިމުމަކަށް ގެނައިއިރުވެސް، ފުރަތަމަ ހިސާރުކުރި އިރު އެ ގައުމުތަކުން އެދުނު އެއްވެސް ކަމެއް ޤަޠަރުން ކޮށްފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ހިސާރު ނިމުމަކަށް އައީ ކުވޭތާއި، އެމެރިކާއިން ކުރި ޑިޕްލޮމެޓިކް މަސައްކަތްތަކާ ގުޅިގެންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.