އިސްލާމްދީނަށް ފުރަައްސާރަކުރުމަކީ މަނާކަމެއް ކަމުގައި ހެދުމަށް ހުޅަނގުގެ ގައުމުތަކަށް އިމްރާން ޚާން ގޮވައިލައްވައިފި

ހޮލޮކޯސްޓާ ދެކޮޅަށް ވާހަަކަދެއްކުން ހުޅަނގުގެ ގައުުމުތަކުގައި މަނާކޮށްފައިވާ ފަދައިން، އެ ގައުމަތަކުގައި އިސްލާމްދީނަށާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކުރުން މަނާކުރުމަށް ހުޅަނގުގެ ސަރުކާރުތަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ގޮވައިލައްވައިފިއެވެ.

އިމްރާން ޚާން ކުރެއްވި ޓުވީޓުތަކެއްގައި އޭނާ ވަނީ ހުޅަނގުގެ "ކަނާތުފިޔައިގެ ހައްދު ފަހަނައަޅާފައިވާ ސިޔާސީ ލީޑަރުން"، "ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނިވަލުގައި ތިބެގެން" ގަސްތުގައި، އެނގިތިބެ އިސްލާމްދީނަށް ފުރައްސާރަކުރާ ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވަމުން، އޭނާ ވިދާޅުވެފައިވަނީ އެބައިމީހުގެ ރަސޫލާގެ ކަރާމާތަށް އަރައިގަތުމަކީ މުސްލިމުން ބަލައިގަންނާނެ ކަމެއް ނޫންކަމުގައެވެ.

"ހޮލޮކޯސްޓާ ބެހޭގޮތުން ސަލްބީ (ނެގެޓިވް) ވާހަކަ ދެއްކުން ޣައިރު ގާނޫނީ ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހުޅަނގުގެ ސަރުކާރުތަކަށް އަހަރެން މި ގޮވާލަނީ ގަސްތުގައި އަަަހަރުމެންގެ ރަސޫލާއަށް ފުރައްސާރަކޮށް މުސްލިމުންނާ ދެކޮޅަށް ނަފްރަތުގެ މެސެޖު ފަތުރާ މީހުންނާ ދެކޮޅަށްވެސް އެ ހަަމަ ބޭނުންކޮށް އެމީހުންނަށް އަދަބުދިނުމަށް." އިމްރާން ޚާން ވިދާޅުވިއެވެ.

ނާޒީ ޖަރުމަނުން 1930 އާއި 1940 އާ ދެމެދު ޔޫރަޕުގެ 6 މިލިއަނެއްހާ ޔަހޫދީންނަށް އަނިޔާދީ މަރާލިކަމަށް ބުނާ 'ހޮލޮކޯސްްޓް' ނުވާކަމަކަށް ހަދައި އެކަމާ ދެކޮޅަށް ވާހަކަ ދެއްކުން ހުޅަނގުގެ ގިނަ ގައުމުތަކުންނާއި އިސްރާއީލުން ވަނީ މަނާކޮށްފައެވެ. އަދި ޔަހޫދީ ނަސްލުނައްތާލަން މަސައްކަތްކުރިކަމަށް އިންކާރުކުރުމަކީ ބައެެއް ގައުމުތަކުގައި ޖިނާއީ ކުށެއްކަމުގައި ހަދާފައި ވެއެވެ.

"އަހަރުމެންގެ ރަސޫލާއަށް އަހަރުމެންގެ ހިތްތަކުގައި ދީފައިވަނީ އެންމެ މަތިވެރި ގަދަރާއި އިއްޒަތް. އެފަދައިން އިހުތިރުމުކުޑަކުރުމާއި، ފުރައްސާކަރަކުރުމަކީ އަހަރުމެންނަށް ބަލަން ކެތްކުރެވޭނޭ ކަމެއް ނޫން." އޭނާ އިތުރަށް ވިދާޅުވެފައި ވެއެެވެ.

ބޮޑުވަޒީރު އަމްރާން ޚާން މި މޭރުމުން ޓުވީޓުތަކެއް ކުރައްވާފައި މިވަނީ، ޕާކިސްތާނުގެ އެންޓި ޓެރަރިޒަމް އެކްޓް (އޭޓީއޭ)ގެ ދަށުން އެގައުމުގެ ހަރުކަށި ދީނީ ސިޔާސީ ޕާޓީއެއް ކަމަށްވާ ތަހްރީކޭ ލައްބައިކް ޕާކިސްތާން (ޓީއެލްޕީ) އުވާލުމަށް ސަރުކާރުން ނިންމުމާ ދިމާކޮށެވެ.

އެ ޕާޓީން މުޅި ޕާކިސްތާނުގައި އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގާފައި ވަނީ ފްރާންސްގެ މަޖައްލާއަކުން ރަސޫލާއަށް ނިސްބަތްކޮށް ކާޓޫނުތަކެއް އާއްމުކުރި މައްސަލައިގައި ފްރާންސްގެ އެމްބެސެޑަރު ޕާކިސްތާނުން ބޭރުކުރުމަށް ގޮވާލާފައި ވަނިކޮށް އެ ޕާޓީގެ ލީޑަރު ސަޢުދު ޙުސައިން ރިޒްވީ ހައްޔަރުކުރުމާއި ގުޅިގެންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.